ދިވެހި ވޯކްޝީޓް
1. ތިރީގައިވާ ހާލަތާއިގުޅޭ އަދަބީބަސް ލިޔާށެވެ.
ހ. ކުރީގައި އަލީ އާއި އަހުމަދަކީ ދެ
ރަހުމަތްތެރިންނެވެ. އެހެން ނަމަވެސް ޖެހުނު މައްސަލައެއްގައި މި ދެމީހުންވަނީ
އެކެއްގެ ގެޔަށް އަނެކަކު ނުވަންނާނެކަމަށް ހުވާ ކޮށްފައެވެ. އެހެންނަމަވެސް އަލީ
ގޭގައި ނޫޅޭ ގަޑި ބަލާފައި އަހުމަދު އަލީގެ ގެއަށް ވަދެއެވެ. އެއްދުވަހަކު
އަހުމަދު އަލީގެ ގެއިން ނުކުންނަނިކޮށް އަލީއަށް ފެނިއްޖެއެވެ. އަލީ
ބަލާކަށްނުހުރެ އަހުމަދާ ދިމާއަށް ހެއްދެވި ނުހެއްދެވިއަށް ގޮވަން ފަށައިފިއެވެ.
އަހުމަދުވެސް އަލީއާ ދިމާއަށް މިފަދައިން އެއްޗެހިގޮވަން ފަށައިފިއެވެ.
ދެމީހުންވެސް މިހާރުތިބީ ހިފައިގަންނަ ހިސާބަށް ގޮހެވެ. މިފަދަ ޒުވާބެއްގައި
ތިއްބައި އާދަނު އައިސް އަލީވެސް އަހުމަދުގެ ގެއަށް ސިއްރުން ވަންނަ ވާހަކަ
ބުނެފިއެވެ. ކަންތަކާ ޖެހުނީ ދެނެވެ.
މި ހާލަތުގައި އާދަނު ކަންތައްތައްކުރި ފަދައިން ކަން ނުކުރުމަށް
ނަސޭހަތްތެރިވެ ބުނެއުޅޭ އަދަބީ ބަހަކީ ކޮބައިހެއްޔެވެ؟
ށ. މުހައްމަދަށް ރޭގަނޑުގެ ގަޑީގައި ބޭރުގައި
އުޅުމަށް އޭނާގެ މަންމަ ހުއްދަދީފައި އޮންނަނީ 9 ޖަހަންދެންނެވެ. އެހެންނަމަވެސް
ފަހަކަށް އައިސް އޭނާއަށް ގެއަށް އާދެވޭއިރު ހުންނަނީ އެއަށްވުރެ ލަސްވެފައެވެ.
ލަސްވާ ސަބަބު އެހުމުން ތަފާތު ބަހަނާތައް ދައްކައި ސަލާމަތްވެއެވެ. އެހެންވުމުން
10 ޖެހުމުގެ ކުރިން ގެއަށް ވަނުމަށް މަންމަ އަމުރުކުރިއެވެ. އެހެންނަމަވެސް
މުހައްމަދަށް 10 ޖެހުމުގެ ކުރިން ގެއަށް ވަދެވެނީ ހާލަކުން ރެއަކުއެވެ. ޓިއުޝަން
ނުނިމެނީޔޯލައެވެ. އެހެންކަމުން އަނެއްކާވެސް 10 ގަޑި 30 ވުމުގެ ކުރިން ގެއަށް
ނުވަދެއްޖެނަމަ، ގެއަށް ނުވައްދާނެކަމަށް އޭނާގެ
މަންމަ ބުންޏެވެ. މިފަހަރުވެސް މި އިތުރުކޮށްދިން ގަޑީގެ ނާޖާއިޒު ފައިދާ
މުހައްމަދު ނަގަން ފެށިއެވެ.
މިހާލަތުގައި މުހައްމަދު ކަންކުރަމުންދާގޮތަށް ނިސްބަތްކޮށް ބޭނުންކުރާ
އަދަބީ ބަހަކީ ކޮބައިހެއްޔެވެ؟
2. ތިރީގައިވާ މާނަތަކާއިގުޅޭ އަދަބީ ބަސް
ލިޔާށެވެ.
ހ. ނުބައިމީހަކު ރަނގަޅޭ ކިޔައިގެން ކިތަންމެ ވަރަކަށް ވާހަކަދެއްކިޔަސް އެއީ ރަނގަޅު މީހެއް ނޫންކަން ހާމަކޮށްދިނުމަށް ބުނެއުޅޭ
ބަހެއް.
ށ. މޮޅު މީހަކު ކުރި ވިޔާނުވާ ކަމެއްގެ ވާހަކަ ދެރަމީހަކު
ދައްކައިގެން، ނުވަތަ މޮޅު މީހަކު ކުރާ ވިޔާނުދާ
ކަމެއްގައި ދެރަ މީހަކު ބައިވެރިވެގެން، މޮޅު މީހާއަށް ގެއްލުމެއް ނުލިބި ނުވަތަ ދެރައެއް ނުލިބި ދެރަމީހާއަށް ދެރަލިބުމުން ބުނެއުޅޭ ބަހެއް.
ނ. ކަމެއްވުން ކިތަންމެ ކައިރިވިޔަސް އެކަމެއް ނުވަންޏާ
ފަރުވާލެއް ނެތޭ ބުނުމަށް ބުނެއުޅޭބަހެއް.
ރ. ކަމެއް ކުރަންޏާ ކަމަކަށް ވާވަރުގެ ކަމެއް ކުރާށެވެ.
3. ތިރީގައިވާ އަދިބީ ބަސްތަކުގެ މާނަ ލިޔާށެވެ.
ހ. ގަހަށްނެތް ކުލުނެއް ފަތަކަށް ނުހުންނާނެއެވެ.
ށ. ވަޑިންގެގެއަކު ދޮރެއް ނުހުންނާނެއެވެ.
ނ. ވަޅުކައްޓަފުޅި ދާންޏަކަށް ނުސިހޭނެއެވެ.
ރ. ހިކަނދި މީދަލުގެވެސް އަބުރެއް އޮންނާނެއެވެ.
4. ތިރީގައިވާ އަދިބީ ބަސްތަކުގެ ތެރެއިން ކޮންމެވެސް އެއް ބަހަކަށް 10
ފޮޅުވަތަށްވުރެ ދިގުނޫން ހާދިސާއެއް ލިޔާށެވެ. ހާދިސާ ލިޔާނީ ބަސް ލިޔެފައެވެ.
ހ. ގިނި ދުށްމީހާ ރަތް މަލަށް
ބިރުގަންނާނެ އެވެ.
ށ. އެއް ތުނޑި ވޮޑެންޏާ އަނެއް ތުނޑި ގިރާނެއެވެ.
ނ. މިނެދޭންވާނީ މިނެދިން ނާޅިއަކުންނެވެ.
No comments:
Post a Comment