ޕެޑަގޮޖީއަށް
އަސަރުފޯރުވާ އަމިއްލަ ތަޢުލީމީ ފަލްސަފާ
ތަޢާރަފް:
ހުރިހާކުދިންނަކީވެސް
އެކުދީންގެ ތަފާތުތަކާއެކު އުނގެނުން ތަޖުރިބާ ކުރަމުންދާ ކުދީންނެވެ.
އެހެންކަމުން މިއިން އެއްވެސް ކުއްޖަކު ބާކީނުވާނެ އުޞޫލުން ކިޔަވައިދިނުމަށް
ތަފާތު ތަޢުލީމީ ފަލްސަފާތަކުގެ އަލީގައި ކިޔަވައިދެވޭނެ ގޮތްތަކެއް ދެނެގަންނަން
ޖެހެއެވެ. އެހެންކަމުން އުނގެނުމުގެ
ނަޒަރިއްޔާތަކަށް މުދައްރިސުން އަހުލުވެރިވާން ޖެހެއެވެ. އެ ނަޒަރިއްޔާތަކުން
ޤައުމީ ފަލްސަފާގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް ބޭނުންކުރެވިދާނެ ބައިތައް
ހިމަނައިގެން ކިޔަވައިދިނުން ބައްޓަންކުރަން އެނގެން ޖެހެއެވެ. އެ
ނަޒަރިއްޔާތަކުން އުނިކަންތައްތަކެއް ފާހަގަވާނަމަ އެކަންކަން ދޫކޮށްލާ އަމިއްލަ
އުޞޫލުތައް ހިމަނައިގެންވެސް ދަރިވަރުންގެ ވިސްނުމާއި ސުލޫކު ކުރިއަރާނެ
ފަލްސަފާއެއް ވިސްނަންޖެހެއެވެ. މިގޮތުން، މި ލިޔުމުގައި އަލިއަޅުވާލާފައިވާނީ
އުނގެނުމުގެ ނަޒަރިއްޔާތަކުން ބޭނުންކުރެވިދާނެ ރަނގަޅު ގޮތްތަކެއް ލިޓްރޭޗަރއެއްގެ
އެހީގައި ދެނެގަތުމަށްފަހު، މުދައްރިސެއްގެ ހައިސިއްޔަތުން ކިޔަވައިދިނުމުގައި އަޅުގަނޑު
ބޭނުންކުރާނެ، އަމިއްލަ ފަލްސަފާއެއްގެ މައްޗަށެވެ.
ރަނގަޅު ފަލްސަފާއެއްގައި ހުންނާނެ ސިފަތައް
އެކި ފަލްސަފާތަކުގައި އެކި
ހާލަތްތަކުގައި ބާރުއަޅުއްވާފައިވަނީ އެކި ދާއިރާތަކަށެވެ. އެކި ފަލްސަފާތައް
ބިނާވެފައިވަނީ އެކި ދީންތަކާއި އެކި ޤަބޫލުކުރުންތަކުގެ މައްޗަށެވެ. އެހެންކަމުން
ރަނގަޅު ތަޢުލީމީ ފަލްސަފާއެއް ބިނާވާނީ އެކިއެކި ތަޢުލީމީ ފަލްސަފާތައް
އެއްކޮށްލައިގެން އުފެއްދޭ އެންމެ އުފެއްދުންތެރިކަން ރަނގަޅު ފަލްސަފާއަކުންނެވެ.
އޭގެތެރޭގައި:
·
އެބައެއްގެ އަމިއްލަ ވަންތަކަމާއި ތާރީޚަށް ފަޚުރުވެރިވާ ދަރިވަރަކު
އުފައްދަން އިސްކަން ދޭނެ.
·
ދީންދެކެ ލޯބިވާ ދަރިވަރަކު އުފައްދަން އިސްކަން ދޭނެ.
·
އުނގެނުމަށް ޝައުޤުވެރިކަން ހުންނަ، ކަންކަން ހޯދައި ތަޖުރިބާ ކުރުމަށް
ލޯބިކުރާ، ކަންކަމާމެދު ސުވާލު އުފައްދާ، ޢިލްމުގެ
ބޭނުން ހެޔޮގޮތުގައި ހިފާ، ކާމިޔާބު ފަރުދެއް އުފައްދަން އިސްކަންދޭނެ.
·
ދުނިޔޭގެ ކަންކަމަށް ލޯހުޅުވޭގޮތައް އުނގަންނައިދިނުން ބައްޓަންކުރުވާނެ.
·
ޤައުމީކަންކަމަށް ލޯބިކުރާ އިޖުތިމާއީ ގުޅުންތައް ދަމަހައްޓާ ކުއްޖަކު
އުފައްދާނެގޮތް އޮންނާނެ.
·
އުފެއްދުންތެރި، ޒިންމާދާރު، ހަށިހެޔޮ ފަރުދެއް އުފެއްނުމަށް އިސްކަންދޭނެ.
·
އެމީހެއްގެ ހިތުގައި އުފެދޭ ޝުޢޫރާއި ޖަޒުބާތު ބަޔާންކުރަން އެނގޭ ކުއްޖަކު
އުފައްދާނެ ގޮތް އޮންނާނެ.
·
ޑިމޮކްރަސީއާއި ހިއުމަންރައިޓްސްގެ ދާއިރާތަކަށް ލޯހުޅުވިފައިވާ ކުއްޖަކު
އުފައްދާނެ ގޮތް އޮންނާނެ.
·
ނަފުސާނީއްޔާތާއި ރޫހާނިއްޔާތު ބިނާކުރުމަށް އިސްކަންދޭނެ.
·
ގުދުރަތީ ކާރިސާތަކަށް ހަރަކާތްތެރިވާނެ ގޮތް އަންގައިދޭނެ.
·
އެއްވެސް ކުއްޖަކު ބާކީނުކޮށް ކިޔަވައިދެވޭނެ ގޮތެއް އޮންނާނެ.
·
މަންތިގީ ވިސްނުމަށް ބާރުއަޅާނެ.
·
ކިޔަވައިދޭނެ ގޮތާއި ވަޒަންކުރާނެގޮތްތަކަކަށް ބިނާވާނެއެވެ.
ސޯސް: ޔުނެސްކޯ. (2000). އެޑިޔުކޭޝަން
ފޯ އޯލް ގޯލްސް. ޔުނައިޓެޑް ނޭޝަން: ޔުނެސްކޯ.
ޑެނިސް ލިޓްކީ އަދި
ސަމަންތާ ގުރަބެލް. (2014). ދަ ރިއަލް ގޯލްސް އޮފް އެޑިޔުކޭޝަން. އޭ އެސް
ކޮންފަރެންސް އޮން އެޑިޔުކޭޝަނަލް ލީޑަރޝިޕް.
އަޅުގަނޑުގެ ފަލްސަފާ:
އަޅުގަނޑު
ކިޔަވައިދިނުމަށް ބޭނުންކުރާނެ ފަލްސަފާއަކީ، ތަޢުލީމީ ފަލްސަފާތަކުން ފާހަގަކުރެވޭ
ރަނގަޅު ފަލްސަފާތައް ބޭނުންކޮށްގެން ކިޔަވައިދިނުމުގައި ކަނޑައަޅާފައިވާ
ފަލްސަފާއެކެވެ. އެގޮތުން "ހަތާވީސް" ނުވަތަ "ހ" ހުރިހާކުދިން ޝާމިލުކުރުމަށާއި، "ތ" ތަރުހީބު
ދިނުމަށާއި "ވ" ވިސްނުން ތަރައްޤީކުރުމަށް އަދި "ސ" ސްލޫކަށް އިސްކަން ދިނުމަށެވެ. މިގޮތުން މި ފަލްސަފާގެ
މަތިން ދަރިވަރުންނަކީ:
·
އިސްލާމީ ހަރުދަނާ ޢަޤީދާއެއްގެ މައްޗަށް ބިނާވާ، އަމިއްލަވަންތަކަން ދަމަހައްޓާ،
ދިވެހިރާއްޖޭގެ އާދަކާދަޔާއި ޘަޤާފަތަށް ޙުރުމަތްތެރިކޮށްހިތާ، އަމިއްލަ ނަފުސުގެ ޤާބިލުކަން
އެނގި، އޭގެ މައްޗަށް އިތުބާރުކުރާ ކަންކަމާ ކުރިމަތިލާ، ޤާބިލު ފަރުދަކަށް ހެދޭނެ.
·
އުނގެނުމަށް ޝައުޤުވެރިކަން ހުންނަ، ކަންކަން ހޯދައި ތަޖުރިބާ ކުރުމަށް ލޯބިކުރާ،
ކަންކަމާމެދު ސުވާލު އުފައްދާ އަދި ޢިލްމުހޯދައި، ޢިލްމުގެ ބޭނުން ހެޔޮގޮތުގައި ހިފާ،
ކާމިޔާބު ފަރުދަކަށް ހެދޭނެ.
·
ކާރިސާތަކާއި، އިންސާނީ ހައްގުތަކާއި، ހިޔުމަން ރައިޓްސް އަދި ޖަސްޓިސްއަށް
ލޯހުޅުވޭނެ.
·
ތިމާގެ ޤަބޫލުކުރުންތަކާއި ދެކޭގޮތް، މަންތިޤީގޮތުން ހެކިދެއްކުމާއެކު
މުއާސަލާތުކުރަން އެނގޭނެ.
·
ޢާއިލާއަށާއި މުޖުތަމައަށް ބައިނަލްއަޤްވާމީ މުޖުތަމައެއްގައިވެސް ހިއްޞާ އަދާކުރާ،
އުފެއްދުންތެރި ޒިންމާދާރު ފަރުދަކަށްހެދުން ފަދަ ކަންކަން އުނގަންނައިދެވޭނެއެވެ.
"ހަތާވީސް" ފަލްސަފާ ބޭނުންކޮށްގެން
ކިޔަވައިދޭނެގޮތް (ޕެޑަގޮޖީ)
ބީ.އެފް. ސްކިނަރ (1957) އަދި އިވަން
ޕަވްލޯވް (1920)ގެ ބިހޭވިޔަރ ތިއަރީގެ ރަނގަޅު ކަންކަން
ބޭނުންކޮށްގެން ކިޔަވައިދިނުން ބައްޓަންކުރެވޭނެއެވެ. އެގޮތުން ކިޔަވައިދިނުމުގައި
ތަރުހީބުދިނުމާއި އަދަބުދިނުމަށް އިސްކަމެއް ދެވޭނެއެވެ. އެގޮތުން ތަރުހީބުދިނުމުގައި
ބީ. އެފް. ސްކިނަރ (1957)ގެ ނަޒަރިއްޔާގައި ބަޔާންކުރައްވާފައިވާ މައިގަނޑު ދެ
އުޞޫލު ބޭނުންކުރެވޭނެއެވެ. ނަމަވެސް އަދަބުދިނުމުގައި ބޭނުންކުރާނެ އުޞޫލުތައް
ކަނޑައަޅާނީ ދަރިވަރުންގެ ޚިޔާލާއި މަޝްވަރާގެމަތިންނެވެ. އެއީ އަދަބު ލިބެނީ
ދަރިވަރުންކުރި ކަމެއްގެ ސަބަބުންކަން އަންގައިދިނުމަށެވެ. ކިޔަވައިދޭން
ފެށުމުގެކުރިން ދަރިވަރުންލައްވާ
މިފަދަ
ޤަވާއިދުތައް ކަނޑައަޅާ އުނގެނުމަށްފަހި މާހައުލެއް ޤާއިމް ކުރެވޭނެއެވެ.
ކޮންމެ ކުއްޖެއްގެވެސް
ތަފާތުތައް ދެނެގަނެ، ކުއްޖާގެ ވިސްނުންތަރައްޤީ ކުރުމަށް ޑިފަރެންޝިއޭޓެޑް
ލާނނިންގ މެތަޑުތައް ބޭނުންކުރެވޭނެއެވެ. ހަމަމިއާއެކު،
ކުދިންނަށް ފިލާވަޅު ދިނުމުގައި، ކުއްޖާ އަމިއްލައަށް އެނގޭވަރާއި އެހެންމީހެއްގެ
އެހީއާއެކު އެކުއްޖަކަށް އެނގޭނެވަރަށް (ޒޯން އޮފް ޕްރޮކްސިމަލް ޑެވެލޮޕްމަންޓް)
ވިސްނައިގެން ފިލާވަޅު ދެވޭނެއެވެ.
އެގޮތުން އުނގަންނައިދިނުމުގައި
ގައިޑެޑް
ޑިސްކަވަރީއާއި އިންކުއަރީ އަދި ކޯޕަރޭޓިވް ލާރނިންގެ އުޞޫލު ބޭނުންކުރެވޭނެއެވެ. އަދި
ކުރިން ކުރެވުނު ތަޖުރިބާގެ އަލީގައި ރަނގަޅު
ތަޖުރިބާތަކެއް އެކުދިންގެ ވިސްނުމުންނާއި
މާހައުލުންނާއި
މުދައްރިސުން އުފައްދައިދޭނެއެވެ. ދަރިވަރުން އަމިއްލައަށް ވިސްނުން ބިނާކުރާ، ޑިބޯނޯ (1985)ގެ ވިސްނުމުގެ ހަތޮފި
ބޭނުންކޮށްގެން ވިސްނުމަށް ފުރުޞަތުދީ، ކަންކަން ދިރާސާކޮށް ހޯދާބަލުމަށް ބާރުއެޅޭނެއެވެ. މިފަދަކަންކަމުގެ
ތެރެއިން ހުރިހާ ހިއްސުތަކެއްގެ ބޭނުން އެންމެ
ފުރިހަމައަށް ހިފައިގެން ކަންކަން
ދަސްކުރުމަށްވެސް
ބާރުއެޅޭނެއެވެ. އަދި ޝަޚުސު ތަރައްޤީވަމުންދާގޮތް ދެނެގަނެ، ކުރިން އެނގިފައިވާ
އެއްޗަކާއި އަލަށް އުނގެނޭ ތަކެތި ގުޅާލާ، ސިކުނޑީގެ ތަފާތު މަސައްކަތްތަކަށް
ރިޢާޔަތްކޮށް އުގަންނައިދިނުން ބައްޓަންކުރެވޭނެއެވެ. މިގޮތަށް ކިޔަވައިދިނުން
ކުރިއަށް ގެންދެވޭނީ ހެތެރިންޓަން، އީ. އެމް، އަދި ޕާކެ، އާރު. ޑީ (1999)
ބަޔާންކުރައްވާ އުޞޫލުންނެވެ.
ދަރިވަރުންގެ
ޝައުގުވެރިކަން އިތުރުކުރެވޭނެ ގޮތްތައް ދެނެގަނެ އެގޮތްތަކުގެ މައްޗަށް
ކިޔަވައިދިނުމުގެ އަސާސްތައް ބިނާ ކުރެވޭނެއެވެ. އެގޮތުން ތަފާތު މަޢުލޫމާތުތައް އޮޅުންފިލުވައިދޭއިރު، ބީ. އެފް. ސްކިނަރ (1971) ވިދާޅުވެފައިވާ އިންޓްރިންސިކް
މޯޓީވޭޝަނާއި އެކްސްޓްރިންސިކް މޯޓިވޭޝަންގެ
އުސޫލުތައް ބޭނުންކޮށްގެން ކިޔަވައިދެވޭނެއެވެ. އެއީ ދަރިވަރުގެ ސެންސަރީ ރެޖިސްޓަރއަށް ވަންނަ މަޢުލޫމާތު ވާރކިންގ
މެމަރީއަށް ގެންގޮސްދެނީ، މިފަދަ ގޮތަކަށް ކިޔަވައިދިނުން ބައްޓަންކޮށްގެން
ކަމަށްވާތީއެވެ.
ކިޔަވައިދޭއިރު، ދަރިވަރުންނަށް ދޭހަވާ މިންވަރު ބެލޭނެ ތަފާތު އިންތިޒާމު
ހަމަޖެއްސޭނެއެވެ. އެގޮތުން
ދަރިވަރުންގެ
ވިސްނުމާއި ޚިޔާލު ބޭނުންކޮށް ދަރިވަރުންދެކޭ ގޮތް ހިއްސާކުރުމަށް ބާރުއެޅޭނެއެވެ.
އަދި ކިޔަވައިދޭ އެއްޗެއް ރަނގަޅަށް
ދޭހަވަމުންދޭތޯ
ބެލުމަށް ބްލޫމްސް (1956) ބަޔާންކުރައްވާފައިވާ ގޮތްތަކަށް ރިއާޔަތްކޮށް ވަޒަންކުރެވޭނެއެވެ.
އަދި ޑިބޯނޯ (1985) ތަޢާރަފުކޮށްފައިވާ
ވިސްނުމުގެ 6 ތޮތްޕާއި ޓޯނީ ރަޔާން (1990)
ތަޢާރަފުކޮށްފައިވާ
ވިސްނުންތެރިޔާގެ ތަޅުދަނޑިތައް ކިޔަވައިދިނުމުގައި ބޭނުން ކުރެވޭނެއެވެ.
ލެވް
ވައިގޮޓްސްކީ (1896-1934) ގެ ސޯޝަލް
ކޮގްނެޓިވް
ތިޔަރީ ބުނާ މާހައުލާ ވަރަށް ބޮޑަށް ގުޅުވާލައިގެން ކިޔެވުން ކުރިއަށް ގެންދެވޭނެއެވެ. ބޭނުމަކީ މުޖުތަމައުގެ
ފަރުދުންނާއެކު އުޅެން ދަސްކޮށްދިނުމެވެ.
އިޖުތިމާއީ އަގުތައް ދަސްކޮށްދިނުމެވެ. މީގެއިތުރުން ޤައުމީ ފަލްސަފާގެ
ލަނޑުދަޑިތައް ހާޞިލްކުރުމަށް މަގުފަހިކުރުމެވެ. އެގޮތުން ބަންދޫރާ (1977)
ބަޔާންކުރައްވާފައިވާ ނަފުސު މައިތިރިކުރުމާއި، ނަފުޒު ދެމެހެއްޓުން އަދި އަމިއްލަ
ޤާބިލުކަން ހަރުދަނާކުރުމަށް ފިލާވަޅުތައް ރާވާލެވޭނެއެވެ. އަދި ހަމައެހެންމެ ދަރިވަރުންނަށް
ތަޖުރިބާލިބޭނެ ފަދަ ހަރަކާތްތަކާއި އުކުޅުތައް ބޭނުންކުރެވޭނެއެވެ. މިގޮތުން،
ޑޭވިޑް ޖޯނަސެން (2011) ހާމަކުރައްވާފައިވާ، ސްކެފޯލްޑިންއާއި މޮޑެލިން ބޭނުންކުރެވޭނެއެވެ.
ފަލްސަފާގެ ސަބަބުން ޕެޑަގޮޖީއަށްކުރާ އަސަރު
ކޮންމެ
މީހެއްގެވެސް ކިޔަވައިދިނުނުމުގެ ވައްޓަފާޅި ނުވަތަ ޕެޑަގޮޖީ ބިނާވެފައިވާނީ
އެމީހެއްގެ ކިޔަވައިދިނުމުގެ ވިސްނުން ނުވަތަ ފަލްސަފާ ބިނާވެފައިވާ ގޮތެއްގެ
މައްޗަށެވެ. އަޅުގަނޑުގެ ފަލްސަފާގެ ސަބަބުން އަޅުގަނޑުގެ ކިޔަވައިދިނުމަށް އަސަރު
ކުރުވާ ތަފާތު ކަންކަން ފާހަގަ ކުރެވެއެވެ. އެގޮތުން އަމިއްލަ ތަޢުލީމީ ފަލްސަފާ
އެނގެމުން، ފުޅާވަމުންދާވަރަކަށް އަޅުގަނޑުގެ ކިޔަވައިދިނުމުގައި
އިތުރު އާގޮތްތައް ބޭނުންކޮށް، ތަޖުރިބާ ކުރުވަން އަމިއްލަ ޟަމީރު މަޖުބޫރު
ކުރާކުރުމަކީ އެދެވޭ އަސަރެއްކަމުގައި ޤަބޫލުކުރެވެއެވެ. އެހެނީ ތަފާތު އާގޮތްތައް
އަބަދުވެސް ދަރިވަރުން ތަޖުރިބާކުރުމަށް ބޭނުންވެ، ޝައުޤުވެރިކަން އުފައްދާނެއެވެ.
މީގެއިތުރުން ކިޔަވައިދޭ ގޮތަކުން ދަރިވަރުންގެ ކިބާގައި ކޮންމެހެން
ހަރުލައްވަންޖެހޭ ސުލޫކާއި ވިސްނުމާއި އެނޫންވެސް ތަފާތު ހުނަރުވެރިކަމާއި
ޤާބިލިއްޔަތުކަން ހަރުލެއްވޭނީ ޒަމާނީ އަބަދުވެސް އާގޮތްތައް ބޭނުން
ކުރަމުންދާވަރަކަށެވެ. މިގޮތަށް އާގޮތްތައް ބޭނުންކުރަމުންދާއިރު ފަލްސަފާއާ ފުށުއަރާ އުނިކަންތައްތަކެއް ފާހަގަވާނަމަ އެކަންކަން ދޫކޮށްލާ، އެހެންމީހުން
ތަޖުރިބާކޮށްފައިވާ ކަންކަމާއި އަމިއްލަ އާ އުޞޫލުތައް
ބޭނުންކުރެވެއެވެ.
ޤައުމީ މަންހަޖާއި އަޅުގަނޑުގެ
ފަލްސަފާ އަދި ޕެޑަގޮޖީ
"ހަތާވީސް" ފަލްސަފާގެ އެހީގައި ތަމުރީނުވެގެން މުޖުތަމައަށް ނުކުންނަ ކޮންމެ
ދަރިވަރަކީ ގައުމަށް ފައިދާހުރި، ދިވެހި އިސްލާމީ
މުޖުތަމަޢު ބަލައިގަންނަ، މުޖުތަމަޢުގެ އަގުތައް އެނގޭ ރީތި ސިފަތަކެއް
އަށަގެންފައިވާ، ވިސްނުންތެރި އުފެއްދުންތެރި ދަރިއަކަށް ވާނެކަމާއި އެމަގުން
ކިޔަވައިދިނުން ބައްޓަންވެގެންދާނެކަމަށް ގަބޫލުކުރެވެއެވެ. އަދި ކުއްޖާގެ
ރޫޚީބަޔާއި، ވިސްނުމާއި، ޖިސްމާނީބައި ތަރައްގީވެ، ދިމާވާ ގޮންޖެހުންތަކަށް
ކުރިމަތިލާން އެނގޭ، ޤައުމަށް ބޭނުންތެރި ކުއްޖަކަށް ވާނޭހެން ކިޔަވައިގެން
ނުކުންނަ ދަރިވަރަކަށް ވާނޭކަމަށް ގަބޫލުކުރެވެއެވެ. ކުރު ގޮތަކަށް ދަންނަވަނީ
ނަމަ، އަޅުގަނޑުގެ ފަލްސަފާއިން، ޤައުމީ މަންހަޖު ކަވަރުކުރެވޭނެއެވެ. އަދި
އަޅުގަނޑުގެ ޕެޑަގޮޖީއަކީ ޤައުމީ މަންހަޖުގައިވާ ބައިތައް ކދަރިވަރުގެ ކިބައިން
ޚާޞިލްކުރެވިގެންދާނެ ޕެޑަގޮޖީއެކެވެ.
No comments:
Post a Comment