Friday, April 24, 2015

ޓީޗިންގ މެތަޑް

ކިޔަވައިދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅީކޮން ޓީޗިން މެތަޑެއް ހެއްޔެވެ؟

ހުރިހާކުދިންނަކީވެސް އެކުދީންގެ ތަފާތުތަކާއެކު އުނގެނުން ތަޖުރިބާ ކުރަމުންދާ ކުދީންނެވެ. އެހެންކަމުން މިއިން އެއްވެސް ކުއްޖަކު ބާކީނުވާނެ އުޞޫލުން ކިޔަވައިދިނުމަށް ތަފާތު ތަޢުލީމީ ފަލްސަފާތަކުގެ އަލީގައި ކިޔަވައިދެވޭނެ ގޮތްތަކެއް ދެނެގަންނަން ޖެހެއެވެ. އެހެންކަމުން  އުނގެނުމުގެ ނަޒަރިއްޔާތަކަށް މުދައްރިސުން އަހުލުވެރިވާން ޖެހެއެވެ. އެ ނަޒަރިއްޔާތަކުން ޤައުމީ ފަލްސަފާގެ ލަނޑުދަނޑިތަކަށް ވާޞިލުވުމަށް ބޭނުންކުރެވިދާނެ ބައިތައް ހިމަނައިގެން ކިޔަވައިދިނުން ބައްޓަންކުރަން ޖެހެއެވެ. އެ ނަޒަރިއްޔާތަކުން އުނިކަންތައްތަކެއް ފާހަގަވާނަމަ އެކަންކަން ދޫކޮށްލާ އަމިއްލަ އުޞޫލުތައް ހިމަނައިގެންވެސް ދަރިވަރުންގެ ވިސްނުމާއި ސުލޫކު ކުރިއަރާނެ ފަލްސަފީ މެތަޑެއް ވިސްނަންޖެހެއެވެ.
އެހެންކަމުން މި އެސައިމެންޓްގައި ބަލާލާފައިވާނީ "ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ ކޮން ޓީޗިން މެތަޑެއް"ގެ މައްޗަށްކަން ދެނެގަތުމަށެވެ. އެގޮތުން މި ސުވާލުގެ ޖަވާބު ހޯދުމަށްޓަކައި، ކިޔަވައިދިނުމުގައި ކުރިއާއި މިހާރުގެ ފަލްސަފީ ޢިލްމުވެރިން ދައްކަވާފައިވާ ވާހަކަތަކާއި، އޭގެތެރެއިން ބޭނުންތެރި މެތަޑްތަކުގެ މައްޗަށް ބަލާލާފައި ވާނެއެވެ.
ކިޔަވައި ދިނުމުގެ ބޭނުމަކީ ނޭނގޭ ބަޔަކަށް އެއްޗެއް އޮޅުން ފިލުވައިދިނުމެވެ. އެހެންކަމުން ހަމައެކަނި މުދައްރިސަކު ކުލާހަށް އައިސް ލެކްޗަރ ދިނުމަކުން ކުދިންނަށް އެއްޗެއް އެނގުނު ކަމަކަށް ނުވާނެއެވެ. އަދި މުދައްރިސަކު ހުސްގަޑި ފުރާލާ އުޞޫލުން ކްލާހަށް އައިސް ކިޔަވައި ދިނަކަސް ކިޔަވައިދިނުމުގެ މަގްސަދު ހާސިލްވީ ކަމަކަށް ނުވާނެއެވެ. ކިޔަވައި ދިނުމުގެ މަގްސަދު ހާސިލްވާނީ ކިޔަވައިދެވޭ އެއްޗެއް ދަރިވަރުންނަށް ފަހުމް ވުމުންނެވެ. ކިޔަވައިދޭ އެއްޗެއްގެ ބޭނުން ކުރަން ދަރިވަރުންނަށް އެނގުމުންނެވެ. މިގޮތުން ދަރިވަރުންނަށް ކިޔަވައިދޭ އެއްޗެއް ފަހުމްވާނީ އެ ފިލާވަޅަކަށް ދަރިވަރުންގެ ސަމާލުވެ، ޝައުގުވެރި ކުރެވިގެންނެވެ. އެގޮތުންބަލާއިރު، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ ކޮން ޓީޗިން މެތަޑެއްގެ މައްޗަށް ކަން، މިއީ ދެނެގަންނަން ޖެހޭ ސުވާލެއްކަމުގައި ދެކެމެވެ. މިކަން ދެނެގަތުމަށްޓަކައި، އުނަގަންނައިދިނުމުގެ ގޮތްތަކާމެދު ތަޢުލީމީ ފަލްސަފާވެރިން ދައްކަވާފައިވާ ވާހަކަތައްވެސް ބަލައިލުމަކީ މުހިއްމު ކަމެކެވެ. ވުމާއެކު މިކަން ދެނެގަތުމަށް، މި މަޒުމޫނުގައި މި ދެބަޔާއި ގުޅުންހުރި އެހެނިހެން ބައިތަކަށްވެސް ބަލާލާފައި ވާނެއެވެ. އެގޮތުން އެންމެ ފުރަތަމަ ބަލާލާނީ ޓީޗިން މެތަޑްއަކީ ކޮބައިކަމެވެ.

ޓީޗިން މެތަޑްޑްސް މާނަކުރާގޮތް

ޓީޗިން މެތަޑަކީ ކިޔަވައިދިނުމުގައި ގެންގުޅޭ ރާވާލެވިފައިވާ ގޮތްތަކެވެ. ނުވަތަ އުޞޫލުތަކެވެ. (ޓީޗް ޑޮޓް ކޮމް، 2015). އެގޮތުން ކުލާސްރޫމް އިންތިޒާމްކުރުމުން ފެށިގެންގޮސް ކުލާހުގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ވައްޓަފާޅި މީގެތެރޭގައި ހިމެނެއެވެ. ވުމާއެކު ޓީޗިން މެތަޑު ބިނާވެފައިވާނީ ކިޔަވައިދޭ އެއްޗަކާއި ކިޔަވައިދޭ އެތިން ނެރެން ބޭނުންވާ ނަތީޖާގެ މައްޗަށެވެ. ކަންމިހެން އޮތްއިރު ތަފާތު މާއްދާތަކާއި ތަފާތު ކޮންސެޕްޓްތައް ކިޔަވައިދިނުމުގައި ތަފާތު ގޮތްތައް ބޭނުންކުރެވެމުންދެއެވެ. އެވަގުތަކަށް އެންމެ ފައިދާހުރި، ނަތީޖާ ނެރެވޭ ގޮތެއްގެ މައްޗަށް ބުރަވެ ހުރެއެވެ. އެހެންކަމުން ޓީޗިންމެތަޑު މާނަކުރެވެނީ ކިޔަވައިދޭން ގަސްތުކުރާއެއްޗެއް ހުރިހާ މާނައެއްގައި ކިޔަވައިދިނުމަށް ބޭނުންކުރާނެ ގޮތްތަކަށެވެ. އެހެން ޢިބާރާތަކުން ދަންނަވަނީނަމަ، ކިޔަވައިދޭން ބޭނުންވާއެތި ކިޔަވައިދެވިއްޖެކަން ކަށަވަރު ކުރެވޭ ގޮތެއްގެމައްޗަށް ފިލާވަޅު ރާވާލާ ރޭވުންގަނޑެއްގެ ގޮތުގައެވެ.
އެންމެ އާންމުކޮށް ބޭނުންކޮށްއުޅޭ ކިޔަވައިދިނުމުގެ ގޮތްތަކުގެ ތެރޭގައި، ޓީޗާރސް ސެންޓާރޑް ގޮތްތަކާއި ސްޓޫޑެންޓް ސެންޓާރޑް ގޮތްތައް ހިމެނެއެވެ. މި ދެގޮތަށް ކިޔަވައިދޭއިރު ބޭނުންކުރާ އިތުރު ވައްޓަފާޅިތައް ނުވަތަ ގޮތްތައްވެސް ހުރެއެވެ.

ކިޔަވައިދިނުމުގައި ބޭނުންކުރާ މެތަޑުތައް

ކިޔަވައިދިނުމަކީ ދަރިވަރުންގެ ކިބާގައި ވަކިކަހަލަ އާދަތަކަކާއި ވިސްނުންތަކެއް އަދި ހުނަރުތަކެއް ކުރިއެރުވުމަށް ގެންދެވޭ ހަރަކާތެކެވެ. އެގޮތުން ކިޔަވައިދިނުމުގެ ހަރަކާތްތައް ގެންދިއުމަށް ބޭނުންކޮށްއުޅޭ ގޮތްތަކަށްބަލާއިރު، އިންސްޓްރަކްޓިވް ނުވަތަ ޓީޗާރސް ސެންޓާރޑް ލާނިންގ އާއި ކޮންސްޓްރަކްޓިވް ނުވަތަ ސްޓޫޑެންޓް ސެންޓާރޑް ލާނިންގ ހިމެނެއެވެ. އަދި މި ދެ ދާއިރާއާ ގުޅިލާމެހިފައިވާ އެހެނިހެން ގޮތްތަކަކީވެސް މިއަދުގެ ކިޔަވައިދިނުމުގައި ބޭނުންކުރެވެމުންދާ ކިޔަވައިދިނުމުގެ ގޮތްތަކެކެވެ. އެގޮތުން ކޯޕަރޭޓިވް ލާނިންގ އާއި ޑިސްކަވަނީ ލާނިންގ އަދި ޕްރޮބްލަމް ސޯލްވިންގ އާއި އެނޫންވެސް ގޮތްތަކަކީ ކިޔަވައިދިނުމަށް ބޭނުން ކުރެވެމުންދާ ގޮތްތަކެކެވެ. އެހެންކަމުން ކިޔަވައިދިނުމުގެ ކަންކަން ނުވަތަ ކިޔަވައިދިނުމުގެ ހަރަކާތްތައް ކުރިއަށްގެންދިއުމުގައި ބޭނުންކޮށްއުޅޭ ގޮތްތަކާއި، އެގޮތަށް ކިޔަވައިދިނުމުގެ ބޭނުންތަކަށް ރިޢާޔަތްކޮށްގެން މެނުވީ ކިޔަވައިދިނުމުގައި ބޭނުންކުރާން ރަނގަޅީ ކޮން މެތަޑެއް ކަނޑައެއް ނޭޅޭނެއެވެ.

ކިޔަވައިދިނުމުގައި ބޭނުންކޮށްއުޅޭ ގޮތްތަކުގެ ބޭނުން.

އިންސްޓްރަކްޝަނަލް ލާނިން

އިންސްޓްރަކްޝަނަލް ނާނިންގ އަކީވެސް ކިޔަވައިދިނުމުގައި އެންމެ އާންމުކޮށް ބޭނުންކޮށް އުޅޭ އެއްވައްތަރެވެ. ޑައިރެކްޓް އިންސްޓްރަކްޝަނަލް ގޮތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން މަދުނަމަވެސް މިގޮތަށް ކިޔަވައިދިނުމަކީވެސް އެފެކްޓިވް ގޮތެއްކަމަށް ޑާވިސް (1993) ބަޔާންކުރައްވައެވެ. އެއީ މިގޮތަށް ކިޔަވައިދިނުމުންވެސް ދަރިވަރުންނަށް އެނގެންޖެހޭ މަޢުލޫމާތުތައް އެނގި، ފިލާވަޅުގެ މަޤުޞަދު ހާޞިލްވާތީކަމަށް މިބޭފުޅާ އިތުރަށް ހާމަކުރައްވައެވެ. އެހެންނަމަވެސް މިގޮތަށް ކިޔަވައިދިނުމުން ދަރިވަރުންނަށް އެނގޭ މިންވަރު ބިނާވާނީ މުދައްރިސަށް އެނގިހުރި މިންވަރެއްގެ މައްޗަށާއި މުދައްރިސް ފިލާވަޅު ރާވާފައިވާ ގޮތެއްގެ މައްޗަށެވެ. މިގޮތަށް ކިޔަވައިދިނުމަކީ ދަރިވަރުންގެ އުފެއްދުންތެރިކަމާއި ވިސްނުންތެރިކަން ދަށަށް ދާނެކަމަށް ރޯއީ ކިލެން (1998) ބަޔާންކުރައްވައެވެ. އެހެންނަމަވެސް ލިބެންހުރި ރިސޯސަސް މަދުނަމަ މި މެތަޑުގެ ބޭނުން ބޮޑުކަމަށް ރޯއީ ކިލެން (1998) ބަޔާންކުރައްވައެވެ.
އިންސްޓްރަކްޝަނަލް ލާނިންގ އަކީ މުދައްރިސްގެ ބެލުމުގެދަށުން ކިޔަވައިދިނުމުގެ ހަރަކާތް ކުރިއަށް ގެންދިއުމެވެ. އެހެންކަމުން ހުރިހާ ކަމެއްގެ ކޮންޓްރޯލް އޮންނާނީ މުދައްރިސްގެ އަތްމަތީގައެވެ. ކުދިންގެ ވިސްނުމުން ކުރިއަށް ދިއުމަށް މި ވައްތަރުގެ ލާނިން ހުރަސް އެޅެނީ އެހެންވުމުގެ ސަބަބުންނެވެ. ކަން މިހެން އޮތްނަމަވެސް އިންސްޓްރަކްޝަނަލް ލާނިން އަކީ ގައިޑެޑްކޮށް ކިޔަވައިދޭންޖެހޭ، ހިސާބު ކަހަލަ މާއްދާތަކަށް ވަރަށް އެކަށޭނަ ކިޔަވައިދިނުމުގެ ގޮތެއްކަމަށް ޑީ ޑަބްލިޔު ކާނިން، ޖޭ ސިލްބާރޓް އީ ޖޭ ކަމެނޫ އަދި އެސް ޖީ ޓާރވާ (2004) ބަޔާންކުރަށްވައެވެ. މިބޭފުޅުން އިތުރަށް ބަޔާންކުރައްވާގޮތުގައި، މިގޮތަށް ކިޔަވައިދޭއިރު ކުދިންނަށް އެނގޭ މަޢުލޫމާތުތައް ބޭނުންކޮށްގެން އިތުރަށް ވިސްނަންވީކަންކަން ރަނގަޅަށް ކިޔައިދޭންޖެހެއެވެ.
ކިޔަވައިދިނުމުގައި ސުވާލުކޮށްގެން (ސޮކްރެޓިކް އުސޫލުތައް ބޭނުންކޮށްގެން) އޮޅުންފިލުވައިދިނުމަކީ އެންމެ އާންމުކޮށް ބޭނުންކުރާ އެއް ގޮތްކަމަށް ޑޮއޭނޫ (1987) ބަޔާންކުރަށްވައެވެ. މިގޮތަކީ ފިލާވަޅަށް ކަނޑައެޅިފައިވާ ވަގުތު ބައެއްފަހަރު ބޭކާރުވާ ގޮތެއްކަމަށް ދިރާސާތަކާ ހަވާލާދީ ރޯއީ ކިލެން (1998) ބަޔާންކުރަށްވައެވެ. އެއީ ބައެއްފަހަރު މުދައްރިސް ކުރާ ސުވާލުތަކަށް ދަރިވަރުންނަށް ޖަވާބު ނުދެވުމާއި، ޖަވާބު ދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވާތީއެވެ. ސޭންޑަރ (1966) ވިދާޅުވާގޮތުގައި، ސުވާލުކޮށްގެން ކިޔަވައިދޭނަމަ ފެންނާނީ ކުދިންގެ ހަނދާނުގައި ހަރުލާފައިވާ މިންވަރެވެ. ދަރިވަރުންނަށް މަޢުލޫމާތު ބޭނުންކުރަން އެނގޭ މިންވަރު ބެލުމަކީ ސުވާލުކޮށްގެން ހޯދަން އުނދަގޫވާނެ ކަމެވެ. އެހެންނަމަވެސް ސުވާލުކޮށްގެން ކިޔަވައިދިނުމަކީ ދަރިވަރުންގެ އުނގެނުމަށް މަގުފަހިކުރުވާ ކަމެއްކަމަށް މާޓިން (1979) ބަޔާންކުރަށްވައެވެ.
އިންސްޓްރަކްޝަނަލް ބޭނުންކޮށްގެން ކިޔަވައިދިނުމުން މުދައްރިސަށް މުޤައްރަރު ކަވަރުކުރުމަށް މަގުފަހިވެގެންދެއެވެ. މީގެއިތުރުން ކަނޑައަޅާ ގަޑިޔަށް ފިލާވަޅު ރާވާ ކުރިއަށް ގެންދިއުމަށް މުދައްރިސަށް ފަސޭހަވެގެންދެއެވެ. މިއީ ދަރިވަރުން މުދައްރިސްގެ ކޮންޓްރޯލްގެ ދަށުގައި ބައިތިއްބައިގެން ކިޔަވައިދޭ ގޮތެއްކަމުން، ކުލާސް މެނޭޖްކުރަން މުދައްރިސަށް ފަހިވެގެން ދެއެވެ. ކަނޑައެޅިގެން ވަކި ޖަވާބެއް އޮންނަ ފިލާވަޅުތައް ކިޔަވައިދިނުމަށް މިއީ ބޭނުންތެރި ފަސޭހަ ގޮތެއްކަމަށް ކާނިން، އއފ (2004) ހާމަކުރަށްވައެވެ.

ކޮންސްޓްރަކްޓިވް ލާނިން

އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންކަމަށް ޖީން ޕިއާޖޭ (1896-1980) ހާމަ ކުރައްވައެވެ. އެހެންކަމުން މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވައިގެން ކިޔަވައިދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން ކިޔަވައިދޭއިރު، ދަރިވަރު ކިޔަވާ ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ޢަމަލީ މަސައްކަތްތައް ގިނަގިނައިން ދަރިވަރުން ލައްވާ ކުރުވުމުން ނުވަތަ ކޮންސްޓްރަކްޓިވް މެތަޑުތައް ބޭނުން ކުރުމުން، ފިލާވަޅުތައް ގިނަ ދުވަހަށް ހަދާންހުންނަގޮތަށް ސިކުނޑީގައި ރައްކާކުރުމަށް ދެވޭ ފުރުޞަތަކަށްވެއެވެ. އަދި މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް ހޯދައިދެވޭނެކަމަށް ރޯއީ ކިލަން (1998) ބަޔާންކުރައްވައެވެ. އެހެންކަމުން ކުރިން ކިޔަވައިދީފައިވާ މަޢުލޫމާތުތަކާއި ގުޅިގެން ނަގައިދެވޭ ފިލާވަޅެއްނަމަ، އެފަދަ ހާލަތްތަކުގައި ސުޓޫޑެންޓް ސެންޓާރޑް ލާނިންގެ އުޞޫލުތައް ބޭނުންކުރެވިދާނެއެވެ.
ކޮންސްޓްރަކްޓިވް އެޕްރޯޗް އާންމުކޮށް ބިނާވެފައި އޮންނަނީ ކުދި ގުރޫޕްތަކުގައި ދަރިވަރުން ބައިވެރިވެގެން ކުރިއަށް ގެންދެވޭ އުނގެނުމުގެ ހަރަކާތްތަކެއްގެ މައްޗަށެވެ. އެއީ މިގޮތަށް ހިންގޭ ހަރަކާތްތަކުން މުޅި ގުރޫޕަށާއި ވަކިވަކި ދަރިވަރުންނަށް އުނގެނުމަށް މަގުފަހި ކުރުވާތީކަމަށް މުޙައްމަދު އުމަރު (2007) ބަޔާންކުރަށްވައެވެ. އެހެންކަމުން ދަރިވަރުންގެ އުގެނުން ބިނާވާނީ ގުރޫޕުގައި ތިބި ކުދިންގެ ވިސްނުން ހުރިގޮތެއްގެ މައްޗަށާއި، ކުރިން އެކުދިންނަށް އެނގިހުރި އެއްޗެއްގެ މައްޗަށެވެ. އަދި މުދައްރިސް ކުރިއަށް ގެންދަވާ އުނގެނުމުގެ ހަރަކާތް ރާއްވަވާފައިވާ ގޮތެއްގެ މައްޗަށެވެ. ވުމާއެކު، ރަނގަޅަށް ޕްލޭން ކުރެވިގެން މުނިޓަރ ކުރެވިގެން ގެންދެވޭ ހާލަތެއްގައި މެނުވީ ސުޓޫޑެންޓް ސެންޓާރޑް ލާނިން ބޭނުންކުރުމަކީ އޭގެ ފައިދާ އެންމެ އެދެވޭގޮތުގައި ފެންނާނެ ގޮތެއް ނޫންކަމަށް ރޯއީ ކިލެން (1998) ހާމަކުރައްވައެވެ. އެހެންކަމުން ގުރޫޕްތައް ހެދުމުގައި ވިސްނުމުގެ ފެންވަރު ތަފާތު ކުދިން ހިމެނޭގޮތަށް ގުރޫޕްތައް އެކުލަވާލައިގެން މި މެތަޑް ބޭނުންކޮށްގެން ކިޔަވައި ނުދެވޭނެ ހާލަތްތަކުގައި މި މެތަޑު ބޭނުންކޮށްގެން ކިޔަވައިދިނުމަކީ އޭގެ ފައިދާ އެންމެ އެދެވޭގޮތުގައި ލިބޭނޭ ގޮތެއް ނޫނެވެ. ކަންމިހެން އޮތްނަމަވެސް ސްލެވިން (1991) ބަޔާންކުރައްވާގޮތުގައި، ފާއިތުވީ އަހަރުތަކުގެ ތެރޭގައި ކުރެވިފައިވާ ދިރާސާތަކުން ދައްކާގޮތުގައި، ކޮންސްޓްރަކްޓަވިޒަމް އުޞޫލުން އުނގެނޭ ދަރިވަރުންނަށް އިންސްޓްރަކްޝަންގެ އުސޫލުން ކިޔަވައިދީފައިވާ ދަރިވަރުންނާއި ބަލާއިރު، މާ ފައިދާހުރި ރަގަޅު ގޮތެއްކަމުގައި ފާހަގަކުރެވިފައި ވެއެވެ.
އިސްވެ ދެންނެވި ކަންކަމަށް ރިޢާޔަތްކުރާއިރު، ކިޔަވައިދިނުމުގައި ބޭނުންކުރާނެ ވަކި މެތަޑެއް އޮތުމަކީ މުހިއްމު ކަމެއް ނޫނެވެ. އޭގެބަދަލުގައި ކިޔަވައިދިނުމަށް ބޭނުންވާ އެއްޗެއް ބޭނުންވާގޮތަށް، ނަތީޖާ ނެރެވޭނޭ އުޞޫލަކުން ކިޔަވައިދެވޭކަމުގައިވާނަމަ، އެ ބޭނުންކުރާ މެތަޑެއް ބޭނުންކުރެވިދާނެއެވެ. ހަމަ މިބީދައިން ކިޔަވައިދިނުމުގައި އެއްމެތަޑަށްވުރެ ގިނަމެތަޑްވެސް އެއްފިލާވަޅެއްގައި ބޭނުންކުރެވިދާނެއެވެ. އެއީ  ތަފާތު އެކްޓިވިޓީތަކުގައި ތަފާތު މެތަޑު ބޭނުންކޮށްގެންނެވެ. ނަމަވެސް މިފަދައިން ބޭނުންކުރަންޖެހޭނީ އެ ބޭނުންކުރާ މެތަޑުން އުނގަންނައިދޭން ބޭނުންވާ އެއްޗެއް ދަރިވަރުންނަށް އެންމެ ރަނގަޅަށް ދަސްވެ ފަހުމްވާނީ އެފަދައިން ބޭނުންކުރުމުންކަމުގައި ވާނަމައެވެ.
ކޮންމެ މެތަޑެއް ބޭނުންކުރިކަމުގައިވިޔަސް ހަނދާނުގައި ބަހައްޓަންޖެހޭނޭ ކަމަކީ އުނގެނެނީ ދަރިވަރުންކަމާއި، ދަރިވަރުން އުނގެނުމުގެ މަތިން ފޫހިކުރުވާފަދަ މެތަޑެއް ނުވަތަ އަބަދު އެއް މެތަޑެއް ބޭނުން ކުރުމަކީ ކިޔަވައި ދިނުމުގެ މަޤުޞަދު ޙާޞިލްކުރުމަށް ހުރަސްއަޅާނެ ކަންކަން ކަމުގައި ދަންނަން ޖެހެއެވެ.

ކިޔަވައިދިނުމުގެ ގޮތްތަކާމެދު ފަލްސަފާވެރިން ދައްކަވާ ވާހަކަފުޅުތައް

ސޮކްރޭޓް އަދި ޕްލޭޓޯގެ ޚިޔާލު

ސޮކްރޭޓްސް ގެ ފިލޯސޮފިކަލް އަސްލު ގޮތްތައް އެނގެން ނެތްނަމަވެސް އޭނާގެ ދަރިވަރެއްކަމަށްވާ ޕްލޭޓޯގެ ލިޔުއްވުންތަކުން ސޮކްރޭޓްސްގެ ކިޔަވައިދިނުމުގެ ގޮތްތައް ކޮންމެވެސް ވަރަކަށް އެނގެއެވެ. އެގޮތުން ބަލާއިރު، ސޮކްރޭޓްސްގެ ކިޔަވައިދެއްވުމުގައި މުޅިންވެސް ގެންގުޅުއްވި މެތަޑަކީ، "ޑައިލޮގް" މެތަޑެވެ. އެއީ ވާހަކަދެއްކުމުގައި އެހެންމީހުން ބައިވެރިކޮށްގެން، ސުވާލުކޮށްގެން ވިސްނުމަށް ފުރުޞަތުދީގެން އުނގަންނައިދިނުމެވެ. މިގޮތަށް ސުވާލުކޮށްގެން ޖަވާބު ހޯދަމުންގޮސް ދައްކާނެވާހަކަ ހުސްވާވަރަށް ސުވާލުކުރުން ކުރިއަށް ގެންދެވެއެވެ. މި މަރުޙަލާއަށް ޑިސްޓްރަކްޓިވް ކްރޮސް އެގްޒެމިނޭޝަންއޭ ކިޔާކަމަށް، ނޮޑިންގްސް (1984) ބަޔާންކުރައްވައެވެ.
ޕްލޭޓޯ ޤަބޫލުކުރައްވާގޮތުގައި، ދަރިވަރުންނަށް އުނގަންނައިދޭންވާނީ ކުދިންގެ ޤާބިލުކަން ހުރި މިންވަރެއް ބަލައި ކުދިންނަށް ކުޅަދާނަވާ މިންވަރަކަށެވެ. އަދި ދަރިވަރުންނަށް ދޭންވާނީ އިންސާނުންބެހިގެންވާ ތިންބަޔަށް ކަނޑައަޅާ ވަކި ޢިލްމެކެވެ. އެގޮތުން ސިފައިންނަށް ދޭންޖެހެނީ، ހަށިގަނޑުގެ ނުވަތަ ޖިސްމާނީ ތަރުބިއްޔަތާއި އަޚުލާޤެވެ. ދެންތިބެނީ ދަނޑުވެރިންނާއި އެހެނިހެން މަސައްކަތްކުރާ މީހުންނެވެ. އެމީހުންނަށް ކިޔަވައިދެނީ އެކަމަށް ބޭނުންވާ ހުނަރުތަކެވެ. ޕްލޭޓޯ ޤަބޫލުކުރާގޮތުގައި، މުދައްރިސުން ދަރިވަރުން ބިނާކުރަންޖެހެނީ ވަޒަނަށް ބޭނުންހިފޭ، އަދި އެދަރިވަރެއްގެ އެންމެ މަތީ ޤާބިލުކަމަށް ވާސިލުކުރެވޭ ގޮތެވެ. އެހެންކަމުން، ތަޢުލީމަކީ އެމީހެއްގެ ކެރިކުޅަދާނަކަމަށް ބަލާފައި ދޭންޖެހޭ އެއްޗެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައި ވެއެވެ (ނޮޑިންގްސް، 1984).

އެރިސްޓޯޓްލްގެ ޚިޔާލު

އެރިސްޓޯޓްލް ދެކިލައްވާގޮތުގައި ތަޢުލީމު ދޭންޖެހެނީ އެމީހަކު ބޮޑުވެގެން ވާންބޭނުން މީހެއް ބައްޓަން ކުރެވޭނެ ގޮތަކަށެވެ. ނުވަތަ އެމީހެއްގެ ޙަޔާތުގައި އެމީހަކު އަދާކުރާނެ ދައުރު އަދާކުރެވޭގޮތަށެވެ. ތަޢުލީމް މާނަހުރި އެއްޗަކަށްވާނީ އޭރުންކަމަށް އެބޭފުޅާ ހާމަކުރައްވައެވެ. މީގެއިތުރުން ދަރިވަރުންނަށް ތަޢުލީމުދިނުމުގައި ވަރަށްބޮޑަށް އަޚުލާޤަށް އިސްކަންދޭން ވާނެއެވެ.
އެރިސްޓޯޓްލް ޤަބޫލުކުރައްވާ ގޮތުގައި ދަރިވަރުންގެ ކިބައިގައި ރީތި ސުލޫކެއް އަށަގެންނެވުމަކީ މުޖުތަމަޢު ފާރަވެރިވެ ބާރު އަޅަންޖެހޭނެ ކަމެކެވެ. އެއީ ރަގަޅު ސިފަތައް ފޮތަކުން ކިޔާލުމަކުން ނުފުދޭނެތީއެވެ. މީގެއިތުރުން ކުރާކަމެއްގެ ސުލޫކު ދަސްވާނީ އެކަމެއްމަތީ ދެމިހުރުމުން ކަމަށްވެސް އެބޭފުޅާ އިތުރަށް ހާމަކުރައްވައެވެ.

ޖީން ޖެކުއަސް ރޫސޫގެ ޚިޔާލު

ރޫސޫ (1777- 1712) ހާމަކުރައްވާގޮތުގައި، އިންސާނާއަކީ ތަބީޢީގޮތުން ރަގަޅު މީހެކެވެ. އިންސާނާ ހަލާކުކުރަނީ، އެމީހަކު އުޅޭ މުޖުތަމަޢަކުންނެވެ. ކަންމިހެން އޮތްނަމަވެސް ރޫސޫ ވަނީ ފިރިހެން ދަރިވަރުންނަށް އަހެންދަރިވަރުންނަށްވުރެ ތަޢުލީމް މުހިއްމުވާކަމަށް ވިދާޅުވެފައެވެ. އެއީ މުޖުތަމަޢުގައި ފިރިހެނުން އަދާކުރާ ދަޢުރު ތަފާތުވާތީކަމުގައި އެބޭފުޅާ އިތުރަށް ހާމަކުރައްވައެވެ.
ރޫސޫގެ ފަލްސަފާއިން ފާހަގަކުރެވެނީ، ފިލާވަޅުގެ މަޤުޞަދު ދަރިވަރުންގެ މައްޗަށް މަޖުބޫރެއް ނުކުރެވޭނެކަމެވެ. އެހެނަސް ދަރިވަރުންގެ ސުވާލުތަކަށް ޖަވާބު ހޯދުމަށް މުދައްރިސް އެހީތެރިވެދޭން ޖެހޭނެކަމެވެ. މީގެ މާނައަކީ، ދަރިވަރު ޝައުޤުވެރިވާ ކަންކަން ދެނެގަނެ، އޭގެމައްޗަށް ބިނާކޮށް މުދައްރިސް ފިލާވަޅު ރާވާލަން ޖެހޭނެއެވެ. ސަބަބަކީ ކުއްޖާ އެކިއެއްޗެތި އުނގެނެން ތައްޔާރަށް ހުންނަނީ އެކި ވަގުތުގައިވުމެވެ.

 ޕެސްޓަލޯޒީގެ ޚިޔާލު

ޕެސްޓަލޯޒީ ޤަބޫލުކުރައްވާގޮތުގައި، ތަޢުލީމަކީ ވަކިބަޔަކަށް ޚާއްޞަކުރެވިފައި އޮންނަންޖެހޭނެ އެއްޗެއް ނޫނެވެ. މިއީ ކުރީގެ ފިލޯސަފަރުންގެ ބުނުންތަކާއި ފުށުއަރާ ބުނުންތަކެކެވެ. އެގޮތުން ދެރަވަރުކުދީންނަށް އެންމެ ކުޑަމިނުން އަމިއްލަ ކަންކަން ކުރަން އެނގޭވަރުގެ ތަޢުލީމެއް ހުންނަންޖެހޭނޭކަމަށް ޤަބޫލުކޮށް، އެމަގަށް މި ބޭފުޅާ މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުން ތަފާތު މާއްދާތަކަށް ބަހާލައިގެން ކިޔަވައިދިނުމުގެ މުހިއްމުކަން ހާމަކޮށްދެއްވިއެވެ. އޭގެތެރޭގައި:

1. ދަރިވަރުންގެ ބޭނުންތަކާއި ޝައުޤުވެރިކަމަށް ރިޢާޔަތްކޮށް ކިޔަވައިދިނުން.

2. ކިޔަވައިދިނުމުގައި މުދައްރިސްގެ ދަޢުރަށްވުރެ ދަރިވަރުގެ ޝާމިލްވުން އިތުރުވާގޮތަށް ކިޔަވައިދިނުން.

3. ޕެސިވްލާނިންގއަށްވުރެ އެކްޓިވްލާނިންގއަށް އިސްކަންދީގެން ކިޔަވައިދިނުން.

5. ހިއްސުތަކުގެ ބޭނުންހިފައި ތަހުލީލުކޮށް ގޮތްކަނަޑެއުމަށް ފުރުޞަތު ލިބޭގޮތަށް ކިޔަވައިދިނުން.

6. ސުކޫލާއި ގެ، އަދި މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން އުނގެނުމުގެ ކަންކަން ކުރިއަށް ގެންދިއުން.

7. ވަށާޖެހޭ ތަޢުލީމެއް ފޯރުކޮށްދިނުމާއި ލޯތްބާއެކު ކިޔަވައިދިނުން.

8. ކިޔަވައިދިނުމުގައި ބޭނުންކުރާ އުޞޫލުތައް ކިޔަވައިދޭން ގަސްތުކުރާ އެއްޗަކާއި ގުޅުވާލުން.

11. ޢިބުރަތެއް ހާޞިލްވާގޮތަށާއި ވިސްނުން ތަރައްޤީ ކުރެވޭނޭގޮތައް ފިލާވަޅުތައް ރޭވުން.

12. ތައްޔާރުކުރުމާއި، ހުށަހެޅުމާއި، އަޅާކިޔުމާއި، އެބްސްޓްރެކްޓް ކުރުމާއި، އާންމުކުރުން އަދި ބޭނުންކުރުން ހިމެނޭގޮތުން ކިޔަވައިދިނުން.

ޖޯން ޑޫވީގެ ޚިޔާލު

ޑޫވީ ދެކިލައްވާގޮތުގައި، އުނގަންނައި ދިނުމަށް ހިންގޭ ކޮންމެ ޙަރަކާތެއްގައި މަޤްޞަދެއް އޮންނަންވާނެއެވެ. އަދި ކިޔަވައިދިނުމަށް މަސައްކަތްކުރަންވާނީ ކޮންމެވެސް މަޤްޞަދެއް ޙާޞިލުކުރުމައްޓަކައެވެ. މިގޮތަށް ޙާޞިލުކުރަން ބޭނުންވާ ވަކި މަޤުޞަދެއް ޙާޞިލުވަމުންދާނަމަ، އެކަމެއް ނުހުއްޓާ މަޤުޞަދު ބަދަލުކޮށް އެހެން މަޤުޞަދެއް އެކަށައަޅަން ޖެހެއެވެ. އެގޮތުން މަޤުޞަދު ވާންޖެހޭނީ ހާސިލުކުރެވޭވަރުގެ މަޤުޞަދަކަށެވެ. އަދި މަޤުޞަދު ހާސިލު ނުވާނަމަ، މަޤުޞަދު ހާސިލުކުރުމަށް ކިޔަވައިދިނުމުގެ ވައްޓަފާޅިއަށް ބަދަލުގެންނަން ޖެހޭނެއެވެ. އަދި ތަޖުރިބާއާއި ގުޅުވާލައިގެން އުނގަންނައިދިނުން ކުރިއަށް ގެންދަން ޖެހޭނޭކަމަށް ޑޫވީ ދެކިލައްވައެވެ. މީގެއިތުރުން ޑިސްކަވަރީ ލާނިންގއަށް ވަރަށް ބޮޑަށް ބާރުއަޅުއްވާ ބޭފުޅެއްގެ ގޮތުގައި މިބޭފުޅާ ފާހަގަ ކުރެވެއެވެ.

އަލް ފާރާބީގެ ޚިޔާލު

އަލް ފާރާބީއާ ހަވާލާދެއްވައި އައްމާރު އަލް ތަލްބީ (1993) ބަޔާންކުރައްވާގޮތުގައި، ތަޢުލީމު ލިބިގަނެވޭނީ، އޭނާގެ ހިތުގެ ޢިލްމަށް ތެދުވެރި ޝައުޤެއް އުފެދިގެންނެވެ. ތެދުވެރި ގުޅުމެއް ހުރެގެންނެވެ. ޞިއްޙަތު ސަލާމަތުން ހުރެގެންނެވެ. މިޒާޖު ރަނގަޅު ވެގެންނެވެ. އަޚުލާޤު ރަނގަޅު، ރަނގަޅު ޢާދަތަކެއްގެ ވެރިއަކަށްވެ، ވިސްނާ ފިކުރުކުރާ ކުއްޖަކަށް ވެގެންނެވެ. މި ކަންކަން ލިބިގަތުމަށްޓަކައި ކިޔަވައިދިނުމުގައި ބޭނުންކުރެވޭ ގޮތްތަކުގެ ގޮތުގައި އަލް ފާރާބީ ވިދާޅުވެފައިވާކަމަށް އައްމާރު އަލް ތަލްބީ (1993) ބަޔާންކުރައްވަނީ:
1. ދަރިވަރުގެ ވިސްނުމުގެ ޤާބިލުކަމުގެ މައްޗަށް ރިޢާޔަތްކޮށް އެކަން ކުރިއަރާގޮތަށް ކިޔަވައިދިނުން.
2. ހުރިހާކުދިން ޝާމިލްވާގޮތަށް ކިޔަވައިދިނުން.
3. ކިޔަވައިދޭ ގުރޫޕްގެ މައްޗަށް ކިޔަވައިދިނުން.

ފަލްސަފާވެރިންގެ ޚިޔާލުތަކުން ފާހަގަކުރެވޭ ކިޔަވައިދިނުމުގެ ގޮތްތައް

އިސްވެ ދެންނެވުނު ކަންކަންމަށް ބަލާއިރު ސޮކްރެޓިކް މެތަޑަކީ ޓީޗާރސް ސެންޓާރޑް އުސޫލުން ކިޔަވައިދިނުން ބައްޓަންވެފައިވާ މެތަޑެއްކަން ހާމަވެއެވެ. އެއީ ދަރިވަރުންނަށް ޙަޤީޤަތްތަކާއި މަޢުލޫމާތާއި ކަންކަމާއިމެދު މުދައްރިސް ދެކޭގޮތް ދަރިވަރުންނަށް ބުނެދިނުމަށް ބޭނުންކުރި މެތަޑްތަކެކެވެ. މީގެއިތުރުން ދަރިވަރުން ނުބައިކޮށް ޖަވާބުދޭނަމަ އިތުރަށް ސުވާލުކޮށް ދަރިވަރު ހަމަ މަގަށް އެޅުވުމަށް މުދައްރިސް ސުވާލުކުރުން ކުރިއަށްގެންދާކަން ސޮކްރެޓިކް މެތަޑުން ހާމަވެއެވެ. ސޮކްރެޓިކްގެ މި ޑައިލޮގްސް ބެލެވިފައިވަނީ، ސުވާލުކޮށްގެން އުނގަންނައި ދިނުމަށް ބޭނުންކުރި އެންމެ ފުރަތަމަ މެތަޑް ކަމުގައެވެ. އެހެންކަމުން މިޒަމާނުގެ އިންކުއަރީ ބޭސްޑް ލާނިންގ ގެ އަސްލު ގުޅިފައިވާ ސޮކްރެޓިކް ޑައިލޮގްސް އާއި ކަމުގައި ބެލެވިދާނެއެވެ.
ސޮކްރެޓިކް ޚިޔާލުތަކަށް ބަލާއިރު، އިންކުއަރީ ބޭސްޑް ލާނިންގ ކުރިއަށްދާކަމަށް ފާހަގަކުރެވެއެވެ. އެއީ ކިޔަވައިދިނުމުގައި ވަރަށް ސިސްޓެމެޓިކް ގޮތަކަށް ފަރުމާކުރެވިފައިވާ، އަދި ހަތަރު މަރުހަލާއެއް އޭގައި ހިމެނޭތީއެވެ. އޭގެއިތުރުން ހަތަރު މަރުހަލާގެ ތެރެއިން ވަކިވައްތަރެއްގެ ސުވާލު ދަރިވަރާއި ކުރެވޭގޮތަށް ރާވާލާފައިވާތީއެވެ. އެހެންކަމުން، ސޮކްރެޓިކް މެތަޑަކީ، އިންކުއަރީ ބޭސްޑް ލާރނިންގ ގެ ގޮތްޕެއް ކަމުގައި ބެލެވުމުގެ ފުރުޞަތު ލިބެއެވެ.
ރޫސޫގެ ޚިޔާލުތަކުން ދޭހަވާގޮތުގައި، ދަރިވަރު ރަގަޅަށް އޮބްޒާވްކޮށް، ރަގަޅު ފުރުޞަތު ދަރިވަރަށް ފޯރުކޮށްދިނުމަކީ މުދައްރިސްގެ ޒިންމާއެއްކަމުގައި ރޫސޫ ބަޔާންކުރައްވައެވެ (މެލްޒަރ، 1990). ވުމާއެކު މުދައްރިސުން، އެބޭފުޅުންގެ ދަރިވަރުން އުނގެނެން ތައްޔާރުވެފައިވަނީ ކޮންކަމަކަށްތޯ ބަލައި، ވިސްނުން ތަރައްޤީވާނެ ޙަރަކާތްތައް ޝައުޤުވެރިވާނޭ އުޞޫލަކުން ކިޔަވައިދެއްވުމަކީ މުހިއްމު ކަމެއްކަމަށް ރޫސޫ ހާމަކުރައްވާތީ، އަދި ރޫސޫގެ މެތަޑުން ކުރިން އެނގިފައިވާ އެއްޗަކާއި ގުޅުވާލައިގެން ކިޔަވައިދިނުން ކުރިއަށްގެންދިއުމަށް ބާރުއަޅުއްވާތީ ގައިޑެޑް އިންސްޓްރަކްޝަންސް އަދި ކޮގްނެޓިވް މެތަޑްސް މި އުސޫލުތަކުން ހާމަވެއެވެ. މިކަން ޑޫވީގެ ފަލްސަފާއިންވެސް ހާމަވެއެވެ.
ޑޫވީ ދެކިލައްވާގޮތުގައި، ދަރިވަރަށް އުނގަންނައިދެވޭ ކޮންމެ އާ ތަޖުރިބާއެއް، ދަރިވަރަށް ކުރިން އެނގިފައިވާ އެއްޗަކާއި ގުޅުވާލައިގެން ދަސްކޮށްދޭން ޖެހެއެވެ. އެހެންކަމުން ދަރިވަރުންނަށް ކުރިން އެނގިފައިވާ އެއްޗެއް ދެނެގަތުމަކީ މުދައްރިސުން ކުރަންޖެހޭނެ ކަމެކެވެ. އަދި ދަރިވަރަށް ދެވޭ ތަޢުލީމީ ތަޖުރިބާއަކީ ދަރިވަރަށް މާނައެއްދޭހަވާ، މި ވަގުތަށާއި އަދި މުސްތަޤުބަލުގައި ވެސް ބޭނުންތެރި ތަޖުރިބާއަކަށް ހެދުމަކީ މުދައްރިސުންގެ ޒިންމާއެއްގެ ގޮތުގައި ޑޫވީ ދެކިލައްވައެވެ. މީގެއިތުރުން އުނގެނުމުގައި ދަރިވަރުންގެ ބައިވެރިވުން (ޑިސްކަވަރީ ލާނިންގ) އޮންނަންޖެހޭކަމަށް ޑޫވީ ބާރުއަޅުއްވާފައިވާ މިންވަރު ބޮޑެވެ. އެހެންކަމުން ދަރިވަރަށް ބަރޯސާވާ ނުވަތަ ޗައިލްޑް ސެންޓަރޑް މެތަޑް ޑޫވީގެ ފަލްސަފާއިން ފާހަގަކުރެވެއެވެ.
ޕެސްތަލޯޒީގެ ފަލްސަފާއިން ކޮންސްޓްރަކްޓިވިޒަމް އަދި އިންކުއަރީ ބޭސްޑް މެތަޑް ފާހަގަކުރެވެއެވެ. އެއީ ކުއްޖާ އަމިއްލައަށް މަޢުލޫމާތާއި ދޭހަ ބިނާކުރުމަށް ބާރުއަޅުއްވާފައިވާތީއެވެ. އުނގަންނާދޭއިރު ދަރިވަރުގެ ވިސްނުމުގެ މަރުހަލާއާއި އިޖުތިމާޢީ ޙާލަތް ރިޢާޔަތްކޮށް އުނގެނުމަށް ބާރުއަޅުއްވާފައިވާތީއެވެ. އަދި ދަރިވަރަށް އެހީތެރިކަން ފޯރުކޮށްދީގެން ކިޔަވައިދިނުމަށް ބާރުއަޅުއްވާފައިވާތީ މިކަން އިތުރަށް ޔަޤީންކުރެވެއެވެ. މީގެ އިތުރުންވެސް އާޓިސްޓިކަލް އެކްސްޕްރެސެންއާއި ކޮމިޔުނިކޭޝަން އެޕްރޯޗް ފާހަގަކުރެވެއެވެ.
އިސްވެ ދެންނެވި ފިލޯސަފަރުން ފާހަގަކުރައްވާފައިވާ ކިޔަވައިދިނުމުގެ ގޮތްތަކުގެ އިތުރުން މިހާރުވެސް ދަނީ ކިޔަވައިދިނުމުގެ އާގޮތްތައް ތަޢާރަފްކޮށް ޕްރެކްޓިސް ކުރެވެމުންނެވެ. އެ ގޮތްތަކަކީ ދަރިވަރުންނަށް މައުލޫމާތާއި ހުނަރު ފޯރުކޮށްދެވިދާނެ ކަމަށް އެބޭފުޅުން ޤަބޫލުކުރައްވާ ގޮތްތަކެއްގެމައްޗަށް ބާރުއަޅުއްވާ އެބޭފުޅުން ފާޅުކުރައްވަމުން ގެންދަވާ ރަޢުޔުތަކެކެވެ. އެހެންކަމުން ކުރީގެ ފިލޯސަފަރުންނާއި މިހާރުގެ ފިލޯސަފަރުން ނުވަތަ މުފައްކިރުން ގެންދަވަނީ އެއްބޭފުޅަކަށްވުރެ އަނެއްބޭފުޅެއްގެ ވައްޓަފާޅި ރަނގަޅުކަމަށް ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ބައެއްބޭފުޅުން ޤަބޫލުފުޅު ކުރައްވަނީ، ދަރިވަރުންނަށް ބޭނުންވާ ހުރިހާ މަޢުލޫމާތުތަކެއް ފޯރުކޮށްދިނުމަކީ މުދައްރިސުންގެ ޒިންމާއެކެވެ. އަދި މިފަދަ މަޢުލޫމާތުތައް ދޭއިރު ކުރިން އެނގިފައިވާ އެއްޗަކާއި ގުޅުވާލުން ކޮންމެހެން ލާޒިމެވެ. ކަން މިހެން އޮތްނަމަވެސް، ދުނިޔޭގައި މިހާތަނަށް އެންމެގިނަބައެއްގެ މަޤުބޫލުކަން ހޯދަމުންގޮސްފައިވަނީ ''ކޮންސްޓްރަކްޓިވިޒަމް'' އާއި "އިންސްޓްރަކްޝަނިސްޓް" އެޕްރޯޗްގެ މައްޗަށް ބައްޓަންވެގެންވާ ކިޔަވައިދިނުމުގެ ގޮތްތަކެވެ.

އިންސްޓްރަކްޝަނިސްޓް އެޕްރޯޗް

ސިލްބާރޓް، ކަމެނޫ އަދި ޓާރވާ (2004) ބަޔާންކުރައްވާގޮތުގައި، އިންސްޓްރަކްޝަނިސްޓް އެޕްރޯޗަކީ، މިއަދުވެސް ފުޅާދާއިރާއެއްގައި ބޭނުންކުރެވޭ އެހެންނަމަވެސް ކުރީ ޒަމާނުގެ އެޕްރޯޗެކެވެ. މި އެޕްރޯޗްގައި، ދަރިވަރުންނަށް ހުރިހާ މައުލޫމާތެއް އޮޅުން ނައަރާގޮތަށް ބުނެދިނުމަކީ މުދައްރިސުގެ ޒިންމާއެކެވެ. އެހެންކަމުން މި އެޕްރޯޗް ބިނާކުރެވިފައި މިވަނީ ޓީޗަރސް ސެންޓާރޑް ލާނިންގއަށް މަގުފަހިކުރުވާ ގޮތަށެވެ. މީގައި ހިމެނޭ ފިލޯސޮފީއަކީ، އިންސާނާ ދުނިޔެއަށް އަންނައިރު އޭނާގެ ސިކުނޑިއަކީ ހުސް ސިކުނޑިއެކެވެ. އެހެންވުމުން އެ ކުއްޖަކަށް މަޢުލޫމާތު ލިބެނީ ޙިއްޞުތަކާއި ތަޖުރިބާއިންނެވެ. އެ ތަޖުރިބާގެތެރޭގައި އެހެންމީހުންކޮށްފައިވާ ތަޖުރިބާތައް ހިއްޞާކުރުމާއި ދެނެގަތުންވެސް ހިމެނެއެވެ.
އިންސްޓްރަކްޝަނަލް ގޮތްތައް ބޭނުންކޮށްގެން ކިޔަވައިދޭއިރު ކިޔަވައިދިނުން ބައްޓަންވެފައިވަނީ މުދައްރިސްގެ ސީދާ ބެލުމުގެދަށުން މުދައްރިސް ބުނާގޮތްތަކަކަށް ކަންކަތައްތަކެއް ކުރުމުގެ މައްޗަށެވެ. އެހެންކަމުން މިގޮތް ބޭނުންކޮށްގެން ކިޔަވައިދޭއިރު ބޮޑަށް ހިނގާނީ ވަކިވަކި ދަރިވަރުން އުނގެނުމުގެ ހަރަކާތްތައް ފުރިހަމަކުރާ އުޞޫލެވެ. އެހެންކަމުން ދަރިވަރަކަށް ކީއެއްޗެއް ރަނގަޅަށް އަޑު ނުއިވޭނަމަ، ނުވަތަ ކިޔަވައިދިން އެއްޗެއް ފަހުމް ނުވާނަމަ އެ ދަރިވަރަކަށް ފިލާވަޅައިގެން ކުރިއަށް ދިއުމަށް ހުރަސް އެޅޭނެކަމަށް ރޯއީ ކިލެން (1998) ބަޔާންކުރައްވައެވެ.
ޑައިރެކްޓް އިންސްޓްރަކްޝަނަލް އެކްޓިވިޓީއެއް ކުލާހުގައި ގެންދާނަމަ ލެސަންޕްލޭންގައި ބޮޑަށް ހިމެނިފައި ހުންނަނީ ކިޔަވައިދިނުމުގެ ގޮތުން މުދައްރިސް ގެންދާނެ ހަރަކާތްތަކެވެ. ދަރިވަރުންގެ ހަރަކާތަކަށް ވެފައި އޮންނަނީ މުދައްރިސް ދެއްވާ އިރުޝާދުގެ ދަށުން ކުރެވޭ ސުވާލުތަކަށް ޖަވާބު ދިނުމެވެ (ޑީ ޑަބްލިޔު ކާނިން، އއފ، 2004). ރޯއީ ކިލެން (1998) ހާމަކުރައްވާގޮތުގައި،  ޑައިރެކްޓް އިންސްޓްރަކްޝަނަލް އެކްޓިވިޓީއެއް ގެންދާނަމަ ފިލާވަޅުން ހާޞިލްވީ މިންވަރު އާންމުކޮށް ބެލެނީ ސޮކްރެޓިކް އެޕްރޯޗްގައި ބަޔާންކުރާފަދަ ސުވާލުތަކެއްގެ އެހީގައެވެ.
އެހެންކަމުން، އުނގަންނައިދޭ ފަރާތުގެ ޒިންމާއަކީ، ދަރިވަރަށް ނޭނގޭ މަޢުލޫމާތުތައް ފޯރުކޮށްދީ ވިސްނުން ތަރައްޤީކުރުމެވެ. އެހެންނަމަވެސް މި ޤަބޫލުކުރުންތަކާއި ކޮންސްޓްރަކްޓިވެސްޓުން ދެކޮޅު ހަދައެވެ. ކޮންސްޓްރަކްޓިވެސްޓުން ޤަބޫލުކުރައްވާ ގޮތުގައި ޑައިރެކްޓް އިންފޮމޭޝަން ދަރިވަރަށް ދިނުމުގެ އިތުރުން، ދަރިވަރުންނަށް އޮޅުންއަރާ މަފްހޫމްތައް ސާފުކޮށްދިނުމާއި ދަރިވަރުންގެ އުނގެނުނަށް މަގުފަހިކޮށް ދިނުމަކީ ކިޔަވައިދިނުމަށް އޮތް އެންމެ ރަނގަޅު އެއްގޮތެވެ. މިތިއަރީގެ ބަލިކަށި ކަންކަމުގެ ތެރޭގައި ގްރޫޕްކޮށް އުނގެނުމުގައި ދިމާވެދާނެ ދަތިތައް ފާހަގަކުރެއެވެ. އެއީ މިކަންކަން މޮނީޓަރކުރުމުގައި މުދައްރިސް ފަރުވާތެރި ނުވެއްޖެ ނަމަ ގްރޫޕު އިންސްޓްރެކްޝަންއަކީ ދަސްކުރުމަށް ހުރި ގޮންޖެހުމަކަށް ވެދާނެތީއެވެ. މިގޮތުން ވިސްނުންތެރިކަމާ ދަސްކުރުމަށް ވުރެ، އަވަހަށް މަސައްކަތް ނިންމުމަށް ދަރިވަރުން އިސްކޮށްދާނެތީއެވެ.
ކޮންސްޓްރަކްޓިވިސްޓް އެޕްރޯޗް
ޖީން ޕިއާޖޭ (1952) އަދި ލެވް ވައިގޮޓްސްކީ (1896-1934) ދެކިލައްވާގޮތުގައި، އުނގެނުމަކީ މީހެއްގެ ފަރާތުން ފޯރުކޮށްދޭން ޖެހޭ ކަމެއް ނޫނެވެ. އެއީ، އޭނާ އުޅޭ މާހައުލުންނާއި ވިސްނުމުގެ މަރުޙަލާތަކާއި ގުޅޭގޮތުން ކުރިއަރާ ބިނާވަމުންދާ ކަމެކެވެ. އެހެންކަމުން ދަރިވަރުންނަށް އުނގެނުމަކީ މާނަހުރިކަމަކަށް ހަދައިދީ، އަދި އުނގަނައިދިނުމަށް ފަސޭހައީ ފަރުދީ އަދި އިޖުތިމާއީ ހަރާތްތަކުގެ ތެރެއިންނެވެ. މިފަދައިން ކިޔަވަދިނުން ބިނާކުރެވިފައިވާ ގޮތަކީ ކޮންސްޓްރަކްޓިވިޒަމް ތިއަރީއެވެ. މި ތިއަރީ ބުނާގޮތުން ދަރިވަރުން ދެނެގަންނަނީ ކުރިން އެނގިފައިވާ އެއްޗަކާ ގުޅުވައިގެން ނެވެ. ހަމައެއާއެކު ވަށައިގެންވާ މާހައުލުން ފެންނަ އިޖުތިމާޢީ ހަރަކާތްތެރިކަން މެދުވެރިކޮށް މަޢުލޫމާތު ބިނާކުރުމަކީ ވެސް މިތިއަރީގައި ދަރިވަރުން ކުރާ ކަމެކެވެ. އެހެންކަމުން މި ތިއަރީވަނީ އެހެން ތިއަރީތަކާއި ކުރީގެ ފިލޯސަފަރުންގެ ވިސްނުންފުޅުތަކާއި ގުޅިފައެވެ.
މި ތިއަރީ ބުނާގޮތުގައި، މުޖުތަމަޢުންނާ މާހައުލުން ފެންނަކަންކަމުގެ މައްޗަށް ބިނާކޮށް ދަރިވަރުން އުނގެނެއެވެ. ހަމަ މިއާއެކު ކޮގްނިޓިވް ތިއަރީގައި ބަޔާންކޮށްފައިވާ ފަދައިން އުފެދި ބޮޑުވާ މަރުހަލާތަކަށް އަންނަ ބަދަލާ ގުޅޭގޮތުން ވިސްނުމަށް ބަދަލުއަންނަ ގޮތާ ގުޅުވައިގެން އުގެނުން ކުރިއަށްދެއެވެ. އަދި މިތިއަރީގައި ބަޔާންކުރާ ގޮތުން އެހެން ހުރިހާ ތިއަރީއަކަށް ވުރެ ދަރިވަރަށް ޢަމަލީ ތަޖުރިބާ ލިބިގެން ދިޔުމަށް މި ތިއަރީ މަގުފަހިކޮށްދެއެވެ.
ކޮންސްޓްރަކްޓިވިޒަމްގައި މައިގަނޑު ތިން ވައްތަރެއްގެ ދަށުން ތަފާތު މެތަޑުތައް އުގަންނައިދިނުމުގައި ބޭނުންކުރެވެއެވެ. ލެވް ވައިގޮޓްސްކީ (1896-1934) ބަޔާންކުރައްވާގޮތުގައި، އެއީ އެކްސްޓާނަލް ޑައިރެކްޝަން އާއި އިންޓާނަލް ޑައިރެކްޝަން އަދި އިންޓާރނަލް އެކްޓާރނަލް ޑައިރެކްޝަން އެވެ. މިބައިތައް އުގަންނައިދިނުމުގައި ކޯޕަރޭޓިވް ލާނިން މެތަޑުތައް ގެންދިއުމަށް ބާރުއަޅައެވެ. މި ގޮތުން މުޖުތަމަޢުގައި ހުރި ހުރިހާ ސޯސްއެއް ބޭނުންކޮށްގެން އުގަންނައިދިނުން ބައްޓަންކުރުމަކީ މިތިއަރީ ވަރަށް ބޮޑަށް ބާރުއަޅާ ކަމެކެވެ. އެހެންކަމުން މިކަންކަން ހިމެނިގެންދަނީ މިތިއަރީގެ މޮޅުކަން ދައްކުވައިދޭ ކަންކަމުގެ ގޮތުގައެވެ.
އިސްވެދެންނެވުނު ކަންތައްތަކަށް ބަލާއިރު، ކިޔަވައިދިނުމަށް ބޭނުންތެރި ގޮތެއްކަމަށް ޤަބޫލުކުރެވެނީ ކޮންސްޓްރަކްޓިވިޒަމްގެ އުޞޫލުން ކިޔަވައިދިނުމެވެ. މިފަދައިން ކިޔަވައިދިނުމުން ކުއްޖާގެ ވިސްނުން ތަރައްގީވުމަށް މަގުފަހިކުރުވައެވެ. މިއާހިލާފަށް ކޮންސްޓްރަކްޓިވިޒަމް ތިއަރީ ބުނަނީ ކުއްޖާއަށް އެއްވެސް އެއްޗެއް ނޭނގޭނެއެވެ. އެހެންނަމަވެސް އެއީ ޤަބޫލުކުރެވޭ ހުއްޖަތެއް ނޫނެވެ. އެހެނީ ކުއްޖާ ހެދި ބޮޑުވަމުންއަންއިރު ކުއްޖާ ވާނީ ތަފާތު މަރުހަލާތަކެއް ކަޑަތުކޮށް، ތަފާތު ތަޖުރިބާތައް ކޮށްފައެވެ. ފަހަރެއްގައި އެއީ ރަނގަޅު ތަޖުރިބާއަކަށް ނުވުމަކީވެސް އެކަށީގެންވާކަމެކެވެ. ކަން މިހެންއޮތްނަމަވެސް ކޮންސްޓްރަކްޓަވިޒަމް ބާރުއަޅަނީ މިފަދަ ތަކުރިބާތަކާވެސް ގުޅުވާލައިގެން ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށެވެ. އެއީ ގޯސްކޮށް ކުރެވިފައިވާ ތަޖުރިބާތައްވެސް އިސްލާހުކޮށް ރަނގަޅުގޮތް ދެނެގަތުމަށް މި ތިއަރީ މަގުފަހި ކުރުވާތީއެވެ. މީގެއިތުރުން އުނގެނުމަށް ބޭނުންވާ ޝައުޤުވެރި ގޮތްތަކާއި އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓޭ ތިއަރީއަކަށް މި ތިއަރީވާތީއެވެ. އަދި އަނެއް ތިއަރީއާ ހިލާފަށް، ހިއްސުތަކުގެ ބޭނުން އެންމެ އެދެވޭގޮތުގައި ހިފައިގެން ތަޢުލީމްދިނުމަށް ބާރުއަޅަނީ މި ތިއަރީކަމުގައިވާތީއެވެ. މީގެއިތުރުން މިއީ ކުއްޖާއަށް ދަސްވާ ދަސްވުން ގިނަދުވަހަށް ހަރުލާ އަޚުލާޤު ބައްޓަންކުރުމަށް ބާރުއެޅޭ ތިއަރީއެއްކަމުގައި  ރޯއީ ކިލަން (1998)ގެ ހޯދުންތަކުންވެސް ހާމަވާތީއެވެ.

ދިވެހިރާއްޖޭގައި ކިޔަވައިދިނުމަށް އެންމެ ރަނގަޅު ޓީޗިން މެތަޑް

އިންސްޓްރަކްޓިވިސްޓް މެތަޑްގައި ބޮޑަށް ބާރުއަޅަނީ މުދައްރިސްގެ ދަޢުރު ބޮޑުކޮށް ދަރިވަރުންނަށް އުނގަންނައިދިނުން ބައްޓަންކުރާށެވެ. އެހެންކަމުން އެއީ ދަރިވަރުންގެ ވިސްނުން އެންމެ އެދެވޭގޮތުގައި ކުރިއެރުމަށް މަގުފަހިކުރުވާ ޓީޗިން މެތަޑެއްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. މިއާ ހިލާފަށް ކޮންސްޓްރަކްޓިވިސްޓް އުސޫލުތަކަކީ ދަރިވަރުންގެ ބައިވެރިވުން އިތުރުކޮށް ވިސްނުމާއި ސުލޫކަށް އަދި އިޖުތިމާޢީ ބައިވެރިވުން އިތުރުވާގޮތަށް އިސްކަންދީގެން ކިޔަވައިދިނުމަށް ބާރުއަޅާ މެތަޑެކެވެ. ނަމަވެސް މި މެތަޑުގައި ގެއްލުންތަކެއްވެސް އެބަހުއްޓެވެ.
އެހެންކަމުން ދިވެހި އިސްލާމީ މުޖުތަމަޢަކަށް ނިސްބަތްވާ ސުކޫލުތަކުގައި ކިޔަވައިދިނުމަށް އެންމެ ރަނގަޅުވާނީ މި މުޖުތަމަޢަށް ފެތޭ، ރާއްޖޭގެ ތަޢުލީމީ މަންޙަޖުގައި ބަޔާންކޮށްފައިވާ ލަނޑުދަނޑިތައް ހާޞިލްކުރެވޭ މެތަޑެއް ބޭނުންކޮށްގެން ކިޔަވައިދިނުމެވެ. މީގެއިތުރުން ރާއްޖޭގެ ދަރިވަރުން ބައިވެރިވަމުންދާ ބައިނަލްއަޤްވާމީ އިމްތިޙާނު ސެންޓަރުތަކުން ކަނޑައަޅާފައިވާ މުޤައްރަރުތައް ދަސްކޮށްދެވޭނޭ ޓީޗިން މެތަޑެކެވެ. އެހެންކަމުން މިފަދަ ކަންކަން ހާޞިލްކުރެވޭނޭ ރަނގަޅު ޓީޗިން މެތަޑެއްކަމުގައި ޤަބޫލުކުރެވެނީ ޖީން ޕިއާޖޭ (1977) އަދި ލެވް ވައިގޮޓްސްކީ (1896-1934) ބަޔާންކުރައްވާފައިވާ، ކޮންސްޓްރަކްޓިވިސްޓް މެތަޑު ބޭނުންކޮށްގެން ކިޔަވައިދިނުމެވެ. އެއީ އިންސްޓްރަކްޓިވިސްޓް މެތަޑަށްވުރެ މި މެތަޑުގެ ގެއްލުންތައް ކުޑަވުމާއި، ބޭނުންވާ ލަނޑުދަނޑިތައް ހާޞިލްކުރުމަށް އެކަށޭނަ، ދަރިވަރުންގެ ޝަޢުޤުވެރިވުން ހޯދޭނެ ގޮތްތަކެއް ބަޔާންކޮށްފައިވަނީ މި މެތަޑުގައި ކަމަށް ޤަބޫލުކުރެވޭތީއެވެ. އަދި އެހެނިހެން މެތަޑުތަކުން ރަނގަޅުކަމަށް ފާހަގަކުރެވޭ އުޞޫލުތަކާއި ގޮތްތައް މި މެތަޑުގައި އެކުލެވިފައިވާތީއެވެ. މީގެއިތުރުން މި މެތަޑުގައި ކުދިންގެ އުމުރާއި، ވިސްނުމުގެ ޤާބިލުކަމަށްބަލައި ކިޔަވައިދިނުމުގެ ގޮތްތައްވެސް އެކުލަވާލާފައިވާތީއެވެ.

ނިންމުން

ދިވެހިރާއްޖޭގެ ސުކޫލުތަކުގައި ކިޔަވައިދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ ކޮން ޓީޗިން މެތަޑެއްކަން ދެނެގަތުމަށް ތައްޔާރުކުރި މި އެސައިމެންޓުން، ކިޔަވައިދިނުމުގައި ކުރީގައްޔާއި މިހާރު ބޭނުންކުރާ، އަދި ކާމިޔާބުކަމާއެކު ތަޖުރިބާކުރަމުންދާ ޓީޗިން މެތަޑުތަކަކަށް އަހުލުވެރިވެގެން ހިނގައްޖެއެވެ. އަދި ޓީޗިން މެތަޑުތައް ފަލްސަފާކުރެއްވި ފަލްސަވާވެރިންނާބެހޭ މަޢުލޫމާތާއި، އެ ފަލްސަފާތައް ތަޢާރަފްވެގެން އައި ގޮތްތަކަށް އަހުލުވެރިވެގެން ހިނގައްޖެއެވެ. މީގެއިތުރުން ފަލްސަފާވެރިންގެ ޓީޗިން މެތަޑުތައް ބާރުއަޅާ ގޮތްތަކުގެ އިތުރުން އެގޮތްތަކުގައިހުރި ރަނގަޅުކަންކަމާއި ގޯސްކަންކަން ފާހަގަކުރެވިއްޖެއެވެ. އެހެންކަމުން މި ކަންކަމަށް ބަލައި، މަޢުރިފާކޮށް ރާއްޖޭގައި ބޭނުންކުރަން އެންމެ ރަނގަޅު ޓީޗިން މެތަޑަކީ ކޮންސްޓްރަކްޓިވިސްޓް މެތަޑުކަން މި އެސައިމެންޓް ހެދުމަށް ކުރެވުނު މަސައްކަތުން ޤަބޫލުކުރެވެއެވެ.

2 comments:

  1. ވަރަށް ފައިދާހުރި ލިޔުންތަކެއް.

    ReplyDelete
  2. ވަރަށްވެސް ފުރިހަމަ

    ReplyDelete