Thursday, March 26, 2015

ކުރުވާހަކަ ލިޔުން


ކުރުވާހަކަ ލިޔުން
                  ވާހަކަ ލިޔުމަކީ އަދަބިއްޔާތުގެ ތެރެއިން  އުފެއްދުންތެރި ލިޔުމުގެ އެއްވައްތަރެވެ. އަމިއްލައަށް ފިކުރުކޮށްގެން އެފިކުރުތައް ވަކި ގޮތަކަށް އަތުރާލައިގެން އަމިއްލައަށް އަދަބީ މަސައްކަތެއް ވުޖޫދުގެ ތެރެއަށް ނެރުމެވެ. ޢާއްމުގޮތެއްގައި އިމްތިޙާނުތަކުގައި އަންނަނީ ކުރުވާހަކަ ލިޔާށެވެ. ކުރުވާހަކަ ލިޔުމަށްޓަކައި އިމްތިޙާނުގައި އަންނަނީ ތަފާތު ދެގޮތަކަށެވެ.
  • އެއްގޮތަކީ ފެށުމެއް ދިނުމުން އެ ފެށުމާ  ގުޅުވާލައިގެން ވާހަކަ ލިޔުމެވެ.
  • އަނެއްގޮތަކީ ޙާލަތެއް ދިނުމުން އެ ޙާލަތުގެ މައްޗަށް ވާހަކަ ލިޔުމެވެ.
                  ބައެއް ދަރިވަރުން ޙާލަތު އެއީ ފެށުމެއް ކަމަށް ބަލައިގެން ލިޔެފައި ހުއްޓާ އެބަފެނެއެވެ. އަދި ދީފައިވާ ފެށުން ފެށުމެއްގެ ގޮތަށް ލިޔެފައި، ޙާލަތު ވެސް ހިމަނައިގެން ވާހަކަ ލިޔެފައި ހުއްޓައި ފެނެއެވެ.
                  ޙާލަތަކީ މީހަކާމެދު ނުވަތަ ބަޔަކާމެދު ކަންތައްތައް ދިމާވެފައިވާގޮތް ކުރުގޮތަކަށް ކިޔައިދީފައިވާ ކިޔައިދިނުމެކެވެ. އެހެން ގޮތަކަށް ބުނާނަމަ އެއީ ވާހަކައިގެ ތަޢާރަފެކެވެ. ޙާލަތު ބަޔާންކޮށްފައިވާ ޢިބާރާތްކޮޅު ވާހަކައިގެ ތެރޭގައި ލިޔާކަށެއް ނުޖެހޭނެ އެވެ.
  • ވާހަކައަށް އިންސާފު ކުރުމުގައި ބަލާ ކަންތައްތަކަކީ :
  • ހާދިސާ
  • ހުށަހެޅުން
  • ޢިބަރާތްކުރުން
  • ޤަވާޢިދު
  • އިމްލާ
  • އަތުލިޔުން
  • ހާދިސާ :
            ހާދިސާއަކީ ވާހަކައިގައި ހިނގާ މައިގަނޑު ކަންތަކެވެ. ވާހަކައެއްގައި ވާހަކައެއް އޮންނަން ވާނެއެވެ. ވާހަކައަކީ މަޢުލޫމާތުދޭ މަޒުމޫނަކަށް ވެގެން ނުވާނެއެވެ. ހިގަނީ ކޮންކަމެއްތޯ ހިތާ ހިތާ ސުވާލުކޮށްލުމުން ހާދިސާއެއް އޮތްކަން ނުވަތަ ނެތްކަން އެގޭނެއެވެ.  މިގޮތުން ކުރުވާހަކައެއްގައި އޮންނަންވާނީ މައިގަނޑު އެއް ހާދިސާއެވެ.
  • ހުށަހެޅުން :
            ވާހަކައެއް ކިޔައިދޭ ގޮތާއި ކިޔައިދީފައިވާގޮތް އެއީ އެ ވާހަކައެއް އަޑުއަހަން ނުވަތަ ކިޔަން ބޭނުންވާގޮތް ވުމަށް މެދުވެރި ކުރުވާ ކަންތަކެވެ. އެއްކަމެއް އަނެއްކަމަކާ ގުޅުވާލައިގެން ގެނެސްފައިވާ ގޮތްވެސް ހުށަހެޅުމުގެ ތެރޭގައި ހިމެނެއެވެ. ޢާއްމުގޮތެއްގައި ވާހަކަ ކިޔައިދީފައި ހުންނާނީ ދެ ގޮތަކަށެވެ. އެއީ ފުރަތަމަ މީހެއްގެ ނަޒަރުންނާއި ތިންވަނަ މީހެއްގެ ނަޒަރުންނެވެ. ފުރަތަމަ މީހެއްގެ ނަޒަރުން ކިޔައިދިނުމަކީ އަހަރެންނޭ ކިޔައިގެން ލިޔެފައި ހުންނަ ހުރުމެވެ. ތިންވަނަ މީހެއްގެ ނަޒަރުން ކިޔައިދިނުމަކީ ނަން ނުވަތަ ބަދަލު ނަމެއް ބޭނުން ކޮށްގެން ލިޔުމެވެ.
  • ޢިބާރާތް ކުރުން :
            އެހެނިހެން ލިޔުންތަކާ ޚިލާފަށް ވާހަކައިގައި ޢިބާރާތްތައް ފަށުއިވާން ޖެހޭނެއެވެ. މީހުން ކިޔާހިތްވާ ޒާތުގެ ރީތި ޢިބާރާތްތައް ހުންނަން ޖެހޭނެއެވެ. އަދި އުފެއްދުންތެރި ޖުމްލަތައް ހުރުމީ ޝައުޤުވެރިކަން އިތުރުވާނޭކަމެކެވެ. އެއް ޢިބާރާތާއި އަނެއް ޢިބާރާތް ރަނގަޅަށް ގުޅުވާލައިގެން ބަދަހިކޮށް ލިޔުމަކީ މުހިންމު ކަމެކެވެ. އެމުނި އެކުލެވުން ރީތިވާކަމެކެވެ.
  • ޤަވާޢިދާއި ހަމަ :
                  ޢިބާރާތް ކުރުމަށް ބަލާ ފަދައިން ބަހުގެ ޤަވޢިދާއި ހަމަޔަށް ފައްތައިގެން ލިޔެފައިވޭތޯ ވެސް ބަލައެވެ. މިގޮތުން އަކުރުތައް ގުޅުވުމާއި، ޢާންމު ބައިތައް ބަހުގެ ހަމައިން ރަނގަޅަށް ބޭނުންކޮށްފައި ހުރިތޯއާއި، ކުށް ލަފުޒު ހުރިތޯ އާއި، ޒަމާނަށް ފެތޭގޮތަށް ލަފުޒުތައް ބަދަލުކޮށްފައި ހުރިތޯ ބަލައެވެ.
  • އިމްލާ :
            ކުރިން ބުނިހެން ވާހަކައަށް މާކުސް ދޭއިރު ސުކުންތައް ކުރުމުގެ ހަމަތަކަށް ފައްތައިގެން ސުކުންތައް ކޮށްފައިވޭތޯއާއި، އަކުރާއި ފިލި ރަނގަޅަށް ބޭނުންކޮށްފައި ހުރިތޯ އާއި، ހުސްނޫނު ރަނގަޅަށް ބޭނުންކޮށްފައިވޭތޯވެސް ބަލައެވެ.
  • އަތުލިޔުން :
       އަތުލިޔުމުގެ ސާފުކަމަށްވެސް ބަލައެވެ. ބަސްވަކިކުރެވިފައިވޭތޯ އާއި ކިޔަން ފަސޭހަތޯވެސް ބަލައެވެ. ފާހަގަ ކުރެވޭ އަނެއްކަމަކީ ދެކެވޭވާހަކަ ލިޔާނެ ވަކިގޮތެއް ނޭގޭކަމެވެ. ޑައިލޮގް ލިޔުމަށްވެސް އުޞޫލެއް އޮންނަންވާނެއެވެ. ރަނގަޅީ ކޮންމެ ޑައިލޮގެއް އައު ފެށުމަކުން ވަކިން ލިޔުމެވެ. މިހެން ބުނި ނަމަވެސް ވާހަކަ ކިޔައިދީފައިވާ ގޮތުން މީހުން ބުނާއެއްޗެހިވެސް ބުނިބަސް އަންގައިދޭ ގޮތަށް ލިޔެވިދާނެއެވެ.
  • ސަމާލުކަން ދިނުމަށް އެދޭ ކަންތައްތައް :
  1. ވާހަކައިގައި ހިނގާ ކަންތައްތައް އެއްކަމެއް އަނެއްކަމެކާ ރަނގަޅަށް ގުޅުވައިގެން ލިޔުން.
  2. އެ ލަފުޒެއް ޢިބާރާތުގައި ބޭނުން ކުރަންވީގޮތް ރަނގަޅަށް ނޭގޭ ލަފުޒު ބޭނުން ނުކުރުން.
  3. ދެކެވޭ ވާހަކަ އެކި ގޮތަށް ބޭނުން ނުކޮށް މީހާގެ ނަން ޖަހާފައި އައު ފެށުމަކުން ލިޔުން.
  4. ފަށައިގަތުމުގެ ކުރިން ކަންތައްތައް ހިގާނެ ކަމަށް ޚިޔާލުކުރާގޮތް ޕޮއިންޓް ގޮތަށް ނޯޓުކޮށްލުން.
  5. އަވަސް އަރައިނުގަނެ ލަސްލަހުން ރީއްޗަށް ލިޔުން.
(މަޢުލޫމާތު ޑީ.ޕީ.އީ)

No comments:

Post a Comment