Friday, April 24, 2015

ދިރާސާ މަޢުލޫމާތު


އިންސާނުން އުފެދި ތަރައްޤީވާގޮތް އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭ ރިސާރޗް ފަރުމާކުރެވިފައިވާ ގޮތް
އިސްނާނުން އުފެދި ތަރައްޤީވާގޮތް އުނގެނި ދަސްކުރުމަށް ބޭނުން ކުރެވެމުން އަންނަ ރިސާރޗް ފަރުމާކުރެވިފައިވަނީ އިންސާނުންނާ ސީދާ ގުޅުންތަކެއް ހުންނަ ސައިކޮލޮޖީ، މެނޭޖްމެންޓް، އެޑިޔުކޭޝަން، ސޯސިއޮލޮޖީ އަދި އޮޕްޓިކަލް ސައިންސް ފަދަ މާއްދާތަކުން ދިރާސާ ހެދުމަށް ކުރީންސުރެ ބޭނުންކުރަމުންއަންނަ ގޮތްތައް ނުކުޅެދޭކަމުގައި ބައެއް ޢިލްމުވެރީނަށް ޤަބޫލުކުރެވިގެން، އެހެންގޮތެއް ހޯދުމަށް މަޖުބޫރުވިއެވެ. އެހެންކަމުން ދިރާސާތަކުގައި އެންމެ އާންމުކޮށް މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރަނީ އޮބްޒާވްކުރުންކަމަށް
ބާބަރާ ބީ. ކައުލިޗް (2005)، ބަޔާންކުރައްވައެވެ. އެއީ ސާފު ތެދު މަޢުލޫމާތު ހޯދުމަށް އެގޮތް އެހީތެރިވެދޭތީކަމަށް އެބޭފުޅާ އިރުރަށް ބަޔާންކުރައްވައެވެ. މާޓަން ޑެންސްކޮމްބް (2003) ހާމަކުރައްވާގޮތުގައި، އޮބްޒަވޭޝަނުން މަޢުލޫމާތު ނަގަނީ ސީދާ ލޮލަށް ފެންނަ ކަންތައްތަކުންކަމަށްވުމުން މިއީ ވަރަށް އިތުބާރު ބޮޑު ގޮތެކެވެ.
އިންސާނުންނާ ގުޅުންހުރި ރިސާރޗްތައް ބިނާވެފައިވާ ގޮތްތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އަނެއް ވައްތަރަކީ ކޭސް ސްޓަޑީ ކުރުމެވެ. މިއީ ކަނޑައަޅާ ވަކިކަމެއް ހިނގާގޮތް ނުވަތަ އެކަމެއް ހިނގުމަށް މެދުވެރިވި ސަބަބު ދެނެގަތުމަށް ފަރުމާކުރެވިގެން ހަދާ ދިރާސާގެ ވައްތަރެކެވެ (ކުރެސްވެލް، 2003). މިގޮތުން މިވައްތަރުގެ ދިރާސާތަކަށް މަޢުލޫމާތު އެއްކުރުމަށް ބޭނުންކުރެވޭ ހުރިހާގޮތެއްވެސް ބޭނުންކުރެވެއެވެ. އެއީ ކަން އޮތްގޮތް ދެނެގަނެ އޭގެ އަސްލު ސަބަބު ދެނެގަނެވޭނީ ގިނަ ގޮތްތަކެއް ބޭނުންކޮށްގެން އެއްކުރެވޭ މަޢުލޫމާތު ތަކެއްގެ މައްޗަށްކަމަށްވާތީއެވެ (ބްރޮނީން، ޕެޓްރިކް، ކަރެން، ކަރުލާ، ސްޓީވް ހިލް، ޖޮން ލެޑެންސް، ޑެބީ، ކާއޮލް، އަދި މައިކް  (2005). އެހެންކަމުން ކޭސް ސްޓަޑީ ރިސާރޗްތަކުގައި، އޮބްޒަވޭޝަން މެތަޑު ބޭނުންކޮށްގެން ހެދޭ ރިސާޗްތަކަށްވުރެ ހޯދޭނެ މަޢުލޫމާތު ގިނަވާނައެވެ.
މިގޮތުން އޮބްޒާވްކުރުން، އިންޓަރވިޔުކުރުން، ސުވާލު ކަރުދާސް ފުރުވުން، ޑޮކިޔުމެންޓް އެނަލެސިސް ހެދުންފަދަ ގޮތްގޮތުން އެއްކުރެވޭ މަޢުލޫމާތުތަކެއްގެ މައްޗަށެވެ. މިގޮތުން އެއްކުރެވޭ ރޯ ޑާޓާތައް ތަފާތު "ފުރޭނިތަކުން" ފުރާނައި، ރިސާރޗްގެ ދާއިރާއަށް ބޭނުންވާ ހޯދުންތައް ހޯދައެވެ. އަދި އެ ހޯދުނު ހޯދުންތައް އަޅާކިޔައި ނަތީޖާއަށް ވާޞިލުވެއެވެ.
ކަންމިހެން އޮތްއިރު، އޮބްޒާވްކުރުމާއި ކޭސް ސްޓަޑީ ރިސާރޗްތަކުގައި ކުރިއެރުންތަކަކާއި ނުކުޅެދުންތެރިކަން ހުރިކަން ފާހަގަކުރެވެއެވެ.
  އޮބްޒަރވޭޝަނުން ފާހަގަކުރެވޭ ކުރިއެރުންތަކާއި ނުކުޅެދުންތައް
ފާހަގަކުރެވޭ ކުރިއެރުންތައް
ފާހަގަކުރެވޭ ނުކުޅެދުންތައް
·        ކަންއޮތްގޮތް ފާހަގަވޭ.
·        ހަރަކާތްތައް ބަޔާންކޮށްދިނުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް ފަހިކޮށްދޭ
·        ޕުރޮގުރާމްކުރެވިފައި ނުވާ ހަރަކާތްތައް ދުށުމަށާއި އެ ފަދަ ހަރަކާތްތަކުގައި ބައިވެރިވުމަށް ފުރުޞަތު ހޯދައިދޭ.
·        ޑާޓާ އެއްކޮށް، މާނަކުރުމުގެ ފެންވަރު މަތިކޮށްދޭ.
·        އެކި ހަރަކާތްތަކުގައި ބައިވެރިން ހޭދަވަނީ ކިހައި ވަގުތެއް ކަން ދެނެގަންނާނެ މަގު ފަހިކޮށްދޭ.
·        މީހުންނާއި އެބައިމީހުންގެ ކަލްޗަރ ދެނަގަތުމަށް ހަދާ ރިސާރޗުތަކުގައި ޑޭޓާ އެއްކުރުމަށް ބޭނުންކުރެވޭ.
·        ސޯޝަލް ދިރާސާވެރިން ބޭނުންވާ ސާފު ތެދު މަޢުލޫމާތު ހޯދައިދިނުމަށް އެހީވެދޭ.
·         އިތުބާރު ހިފޭ.
·        ބަސްދީގަތުންތަކުގައި ބައިވެރިން ބޭނުންކުރާ މަފުހޫމުތަކުގެ މާނަ ޗެކްކުރެވޭ.
·        އަމިއްލައަށް އެކަންކަން ތަޖުރިބާކޮށްގެން އެކަންކަން އޮތީ ކިހިނެއްތޯ ހޯދާ ބެލޭ.
·        ފަސޭހަ ކަމާއިއެކު ބޭނުން އިރެއްގައި ޑޭޓާ ނެގުމުގެ ފުލެކްސިބިލިޓީ އޮވޭ.
·        އެކަމުގައި ގިނަވަގުތު ހޭދަކުރަންޖެހޭ.
·        ހިނގާ ހަރަކާތްތައް ބަޔާންކުރުމުގައްޔާއި މާނަކުރުމުގައި މައްސަލަތައް ދިމާވޭ.
·        ހޯދޭ ހޯދުންތަކުގައި ކުށް އެކުލެވޭ.
·        ދިރާސާވެރިންގެ އަމިއްލަ ޝައުޤުވެރިކަން ގެނެވޭ.
·        ވަގުތު ހޭދަވޭ.
·        ޑާޓާތައް ޑޮކިއުމެންޓް ކުރަން އުނދަގޫވޭ.
·        ޚަރަދު ބޮޑު.
·        ނޯޓް ކުރަން އުނދަގޫ.
·        ހިތްހަމަ ނުޖެހޭ ކަންތައްތައް ރެކޯޑް ނުކޮށް ދޫކޮށްލެވޭ.
·        ހޯދޭ މަޢުލޫމާތު އެއްކޮޅަކަށް ޖެހުމުގެ ފުރުޞަތު އޮވޭ.
·        ނަތީޖާ ނެރުމަށް ތަފާތު ގިނަ ވަސީލަތްތައް ބޭނުންވޭ.

  ކޭސް ސްޓަޑީން ފާހަގަކުރެވޭ ކުރިއެރުންތަކާއި ނުކުޅެދުންތައް
ފާހަގަކުރެވޭ ކުރިއެރުންތައް
ފާހަގަކުރެވޭ ނުކުޅެދުންތައް
·        ހައްލު ހޯދުމަށް ފުރުޞަތު ލިބުން.
·        ކިޔަވާކުދިންނަށް ނޮލެޖު ބޭނުންކުރުމަށް ފުރުޞަތުލިބުން.
·        ހަޤީޤީ މަޢުލޫމާތު ހޯދޭ.
·        ދަތިތައް ދެނެގަތުމަށް ފުރުޞަތުލިބޭ.
·        އުޅުން ދެނެގަންނަން ފަސޭހަ.
·        އާ ދިރާސާތަކަށް ދޮރުހުޅުވާލަދޭ.
·        ހޯދޭ މަޢުލޫމާތުތައް އިތުރަށް ދިރާސާކުރުމަށް އެހީވެދޭ.
·        ހޯދޭ މަޢުލޫމާތުތައް އެހެންމީހުންނަށް ބޭނުންކުރެވޭ.
·        ގުޅުންހުރި އެހެނިހެން ރިސާޗުތަކަށް ބޭނުންވާ މަޢުލޫމާތު ހޯދޭ.
·        ރިލަޔަބިލިޓީ ހިފެހެއްޓުމަށް އެހީވެދޭ.
·        ވެލިޑިޓީ އަދި  ރިލަޔަބިލިޓީ އޮވޭ.
·        ސަބަބަށް ވާސިލުވުމަށް އެހީތެރިވެދޭ.
·        މައްސަލަތަކުގެ ހެކި ހޯދުމަށް ފަސޭހަ.
·        ވަކި މައްސަލައެއް ދެނެގަންނަން މަޢުލޫމާތު ހޯދޭ.
·         ފުންކޮށް ފުޅާކޮށް މަޢުލޫމާތު އެއްކުރެވޭ.
·        ހޯދޭ ނަތީޖާތައް ޖެނެރަލައިޒް ނުކުރެވޭ.
·        ނަތީޖާ އައުމަށް ދިމާވާ ސަބަބު ނޭނގޭ.
·        ބައެއް ކަންކަމާ ގުޅޭ މަޢުލޫމާތު އެއްކުރުމަށް އުނދަގޫތައް ދިމާވޭ.
·        މަޢުލޫމާތު ނުބައިނަމަ، މުޅި ސްޓަޑީގެ ހޯދުމަށް އަސަރުކުރޭ.
·        ނެގޭ ސާމްޕަލް އެހެންކަމަކަށް ބޭނުންކުރުމުގެ ފުރުޞަތު ހަނި.
·        ނަތީޖާ ނެރެން އުނދަގޫވޭ.
·        އިތުބާރާއި ޞައްޙަކަން ކަށަވަރު ނުކުރެވޭ.
·        ހޯދޭ މަޢުލޫމާތު އެއްކޮޅަކަށް ޖެހުމުގެ ފުރުޞަތު އޮވޭ.


No comments:

Post a Comment