Thursday, March 26, 2015

ވަޒަންކުރުމުގެ ބޭނުން


ވަޒަންކުރުމުގެ ބޭނުން


ޓީޗަރުން ނިންމާ ގިނަގުނަ ނިންމުންތައް ނިންމުމަށް ޓީޗަރުން އޮބްޒަރވް ކުރުންފަދަ ރަސްމީނޫން ގޮތްގޮތަށް ހޯދާ މަޢުލޫމާތާއެކު، ރަސްމީ ގޮތްތައް ބޭނުންކޮށްގެން ކުދިންގެގާބިލްކަމާއި، ހާސިލުވާ މިންވަރު އަދި ކުދިންގެ ހެދިބޮޑުވުމާބެހޭ މަޢުލޫމާތު އެއްކުރަން ޖެހެއެވެ. ޓީޗަރުން ނިންމާ ހުރިހާ ނިންމުންތަކުގެ ލިސްޓެއް ނުލިޔެވިދާނެއެވެ. އެހެންނަމަވެސް ޓީޗަރުން އާންމުކޮށް ނިންމާ ނިންމުންތަކުގެ ލިސްޓެއް ލިޔެވިދާނެއެވެ. ތިރީގައި މިވާ ސުވާލުތަކުގެ ލިސްޓުގައިމިވަނީ ކިޔަވައިދެމުންދާއިރު ޓީޗަރުން ކުދިންނަށްއުނގަންނައި ދިނުމަށްޓަކައި ޓީޗަރުން ނިންމަންޖެހޭ ނިންމުނަތައް ކަނޑައަޅަންޖެހޭހާލަތްތަކެވެ. މި ސުވާލު ތަކަށްޖަވާބު ދިނުމަށް އެހީވެދޭނެ ވަޒަންކުރުމުްގެ ގޮތްތަކުގެ (މެޝަރމަންޓް އެންޑް އެސެސްމަންޓް ޕްރޮސީޖަރ) މިސާލުތަކެއް ބުރަކެޓްގައި އެވަނީއެވެ
1.      އަހަރެން ކިޔަވައިދިނުމަށް ރާވާފައިހުރި ގޮތް މިގްރޫޕްގެ ކުދިންނަށް ކަމުދާނީ ކިހާވަރަކަށްހެއްޔެވެ؟ ތަޢުލީމީ ގާބިލްކަން ދެނެގަތުމުގެ ޓެސްޓް، ކުދިންނަށް ހާސިލުވެފައިވާ މިންވަރު އެނގޭނެފަދަ ކުދިންގެ ކުރީގެ ރިކޯޑްތައް)
2.      އުނގެނުން ބޮޑަށްހަރުދަނާ ކުރުމަށް ކުދިން ގްރޫޕްތަކަށް ބަހާނީ ކިހިނެތް ހެއްޔެވެ؟ ( ޓިޗަރ ތައްޔާރު ކުރާ ޓެސްޓް،  ކުދިންނަށް ހާސިލުވެފައިވާ މިންވަރު އެނގޭނެފަދަ ކުދިންގެ ކުރީގެ ރިކޯޑްތައް، އޮބްޒަރވް ކޮށްގެން)
3.      ޖެހިގެން އޮތް އުނގެނުމުގެ ތަޖުރިބާއަށް ކުދިން ތައްޔާރުވެފައިތިބީ ކިހާވަރަކަށް ހެއްޔެވެ؟ ( ތަޖުރިބާއަށް ފެށުމުގެ ކުރިން ތަޖުރިބާއަށް ބޭނުންވާ ހުނަރު ހުރިތޯ ބަލާ ޓެސްޓް، ކުދިންނަށް ހާސިލުވެފައިވާ މިންވަރު އެނގޭނެފަދަ ކުދިންގެ ކުރީގެ ރިކޯޑްތައް)
4.      ކުދިން ހާސިލް ކުރަންޖެހޭކަމަށް ކޯހުގައި ކަނޑައަޅާފައިވާ މަގްސަދުތައް ކުދިންނަށް ހާސިލްވަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ (ޓިޗަރ ތައްޔާރު ކުރާ ޓެސްޓް،  ކްލާހުގައި ގެންދާ ޕްރޮޖެކެޓް، އަނގަބަހުން ސުވާލުކޮށްގެން، އޮބްޒަރވް ކޮށްގެން)
5.      އެންމެ ކުޑަކޮށް އެނގެންޖެހޭ މިންވަރު ކަމަށް ކަނޑައަޅަފައިވާމިންވަރަށްވުރެ، ކުދިން ކުރިއަރަނީ ކިހާ މިންވަރަކަށް ހެއްޔެވެ؟ (ޓިޗަރ ތައްޔާރު ކުރާ ޓެސްޓް،  ޢާންމުކޮށް އެނގިފައިވާ މިންވަރު ބަލާ ޓެސްޓް، ކްލާހުގައި ގެންދާ ޕްރޮޖެކެޓް،ކުދިންގެ މަސައްކަތް ހިމެނޭ ޕޯޓްފޯލިއޯ، އޮބްޒަރވް ކޮށްގެން)
6.      މުތާލިޢާ ކުރުމުން އެންމެ ފައިދާވާނީ ކޮން އިރެއްގައި މުތާލިޢާކޮށްގެން؟ (ކަނޑައެޅިފައިވާ ވަކި ވަގުތު ތަކުގައިދެވޭ ކުއިޒް،  އަނގަބަހުން ސުވާލުކޮށްގެން، އޮބްޒަރވް ކޮށްގެން)
7.      ކުދިންނަށް ކުރިމަތިވަނީ އުނގެނުމުގެ ކޮންކަހަލަ ދަތިތަކެއް ހެއްޔެވެ؟ (މައްސަލަ ފާހަގަކުރާ ޓެސްޓް، އަނގަބަހުން ސުވާލުކޮށްގެން، އޮބްޒަރވް ކޮށްގެން، ކުދިންގެ މަސައްކަތް ހިމެނޭ ޕޯޓްފޯލިއޯ، ކުދިންގެ ކޮންފަރެންސް)
8.      އިތުރު އެހީދޭ ޕްރޮގްރާމަކަށް ނުވަތަ ޚާއްސަ ކުލާހަކަށް ނުވަތަ ކައުންސެލިންގް ދިނުމަށް ފޮނުވާނީކޮން ކުދިންނެއް ހެއްޔެވެ؟ (ތަޢުލީމީ ގާބިލްކަން ދެނެގަތުމުގެ ޓެސްޓް، ކުދިންނަށް ހާސިލުވެފައިވާ މިންވަރު ދެނެގަންނަ ޓެސްޓް، މައްސަލަ ފާހަގަކުރާ ޓެސްޓް، އޮބްޒަރވް ކޮށްގެން)
9.      ދަރިވަރުންގެ އަމިއްލަ ނަފްސް ދެނެގަތުމަށް އުނދަގޫވަނީ ކޮން ކުދިންނަކަށް ހެއްޔެވެ؟ (އަމިއްލައަށް މިންކުރާ ޓެސްޓް، ކުދިންގެ ކޮންފަރެންސް)
10.  ކޮންމެ ކުއަޖަކަށް ދޭނީ ކޮން ގްރޭޑެއް ހެއްޔެވެ؟ (ވަޒަންކުރަން ހޯދި ހުރިހާމައުލޫމާތެއް ހުރި ޕޯޓްފޯލިއޯ ވަޒަން ކުރުން)
11.  ކުދިންގެ ކުރިއެރުމާ ބެހޭގޮތުން މައިންބަފައިން ގާތު ބުނާނީ ކީކޭހެއްޔެވެ؟ (ވަޒަންކުރަން ހޯދި ހުރިހާމައުލޫމާތެއް ހުރި ޕޯޓްފޯލިއޯ ވަޒަން ކުރުން)
12.  އހަރެންގެ ކިޔަވައިދިނުން ކިހާ ކާމިޔާބު ހެއްޔެވެ؟ (ކުދިންނަށް ހާސިލުވެފައިވާ މިންވަރު ދެނެގަންނަ ޓެސްޓް، ދަރިވަރުން މިންކުރާ ޓެސްޓް، އަމިއްލަ ކިޔަވއިދިނުމަށް ނަޒަރު ހިންގައިގެން، ސުޕްވައިޒަރ މިންކުރާ ޓެސްޓް)
މި ސުވާލުތަކުން އަންގައިދެނީ ކިޔަވައިދިނުމުގައި ތަފާތުވައްތަރުގެ މަޢުލޫމާތުގެ ބޭނުން ހިފަންޖެހޭ ކަމެވެ. އެހެންނަމަވެސްއުނގަންނައި ދިނުމުގައި ނިންމަންޖެހޭ ނިންމުންތައް ރީތިކޮށް ތަރުތީބުން ނުހުންނަކަމެވެ. ތަފާތު ނިންމުންތައް ނިންމާއިރު ގުޅުންހުރި އެތައް ސުވާލުތަކަށް ވެސް ޖަވާބު ދޭން ޖެހެއެވެ. އަދި އެއްކަން އަނެއްކަމާއި ފައްތަރުވާގޮތްވެސް ވެއެވެ. ވަކި ހާލަތަކަށް ވަރަށްގިނަ ތަފާތު ވައްތަރުގެ ވަޒަންކުރުންތަކުން ހޯދާފައިވާ މަޢުލޫމާތު ބޭނުންވެދާނެއެވެ. އުނގަންނައިދިނުމާއި އުނގެނުން އެކުލެވިގެންވަނީ ކުދިންގެ އުނގެނުން އިތުރަށް ކުރިއެރުވުމަށް ބޭނުންވާ ކަންކަމުގައި އަބަދު ނިންމަންޖެހޭ ނިންމުންތަކާއި، އެކަތި އަނެކައްޗާއި ގުޅިފައި ހުންނަ ސިލްސިލާ ނިންމުންތަކެކެވެ. މިތާގައި ފާހަގަ ކުރަންޖެހޭ އެންމެ މުހިއްމު ނުކުތާއަކީ، ކުދިންނަށް ކިޔަވާދެވޭ އެއްޗެއްގެ ބޭނުންތެރިކަން ނުވަތަ ހަރުދަނާކަން ވަރަށް ބޮޑަށް ބިނާވެގެންވަނީ ކަންކަން ނިންމުމަށް ބޭނުންކުރި މަޢުލޫމާތުގެ ކޮލިޓީއާއި ވައްތަރުގެ މައްޗަށެވެ
އެސެސްމަންޓް، ޓެސްޓް އަދި މެޝަރމަންޓް

އެސެސްމަންޓް، ޓެސްޓް އަދި މެޝަރމަންޓް މިތިން ލަފްޒަކީވެސް އެއްކަމެއް ކުރުމަށް ބޭނުން ކުރެވޭ ބަސްތަކެއް ކަމަށްވާތީ، މިބަސްތައް ފަސޭހައިން އޮޅުންއަރައެވެ. އެސެސްމަންޓަކީ ކުދިންގެ އުނގެނުމާއި ބެހޭގޮތުން ގޮތެއް ނިންމަންޖެހޭ ނިންމުން ނިންމަން ބޭނުންވާ މަޢުލޫމާތު އެއްކުރުމުގެ ގޮތްތަކަށް (މިސާލަކަށް އޮބްޒަރވް ކުރުން، ކުދިންގެ ހަރަކާތެއް ނުވަތަ ޕްރޮޖެކްޓެއް މިންކުރުން، ކަރުދާސްދީގެން ޓެސްޓް ހަދާ ޓެސްޓް) ކިޔާ ނަމެކެވެ. ޓެސްޓަކީ ސުވާލުތަކެއް އެކުލެވޭގޮތަށް، ހުރިހާކުދިންނަށް އެކަށޭނަ މާހައުލެއްގައި، ވަކި ގަޑިތަކެއް ކަނޑައަޅައިގެން، ދެވޭ މަސައްކަތަކަށް ކިޔާނަމެކެވެ. ޓެސްޓަކީ އެސެސް ކުރުމަށް ބޭނުންކުރާ އެއް އާލާތެވެ. ނުވަތަ ވައްތަރެއްގެ އެސެސްމަންޓެކެވެ. މެޝަރމަންޓަކީ ކަނޑައެޅިފައިވާ ވަކި ގޮތަކަށް  ޓެސްޓްގެ ނަތީޖާއަށް ނަންބަރު ދިނުމެވެ. (މިސާލަކަށް؛ ރަގަޅު ޖަވާބުގެ ޢަދަދު ގުނުން ނުވަތަ މަޒްމޫނުގެ ވަކި ބަޔަކަށް ޕޮއިންޓް ދިނުން).
އެސެސްމަންޓަކީ ޓެސްޓާއި މެޝަރމަންޓަށްވުރެ މާފުޅާ މާގިނަ ކަންތައްތކެއް އެކުލެވިގެންވާ ބަހެކެވެ. މެޝަރމަންޓް މިބަސް ސިފަކުރެވޭނީ ހަމައެކަނި ހިސާބުގެ ޢަދަދުތަކުން ނުވަތަ ކުއަންޓިޓޭޓިވް ކޮށެވެ. މީގެ މާނައަކީ މެޝަރމަންޓްގެ ނަތީޖާއަބަދުވެސް ބުނެދެވެނީ ނަންބަރުންނެވެ. (މިސާލަކަށް؛ އެލެކްސް އަށް 40 ހިސާބު ނަންބަރުގެ ތެރެއިން ރަގަޅު ކުރެވުނީ 35 ނަންބަރެވެ) މީގައި އެހެންގޮތަކަށް ސިފަ ކުރުމެއް ނުވަތަ ކޮލިޓޭޓިވް ކޮށް ސިފަކޮށްފައެއް ނުވެއެވެ. (މިސާލަކަށް؛ ލައުރާގެ މަސައްކަތް ވަރަށް ރީއްޗެވެ). އަދި ލިބުނު ނަތީޖާގެސަބަބުން ހަދަންވީ ވަކި ގޮތެއް ކަނޑައެޅިފައެއް ނުވެއެވެ. މީގެ ބަދަލުގައި އެސެސްމަންޓްގައި ކޮލިޓޭޓިވް ( ނަންބަރު ނުހިމަނާ) އަދި ކުއަންޓިޓޭޓިވްކޮށް ( ނަންބަރު ދީގެން) ސިފަ ކުރެވެއެވެ. މީގެ އިތުރުން އެސެސްމަންޓްގައި އަބަދުވެސް ލިބުނު ނަތީޖާގެ ސަބަބުން ނިންމަން ކަނޑައެޅި ކަމެއް ކަނޑައަޅާފައި އޮވެއެވެ

އެސެސްމަންޓް ނުވަތަ ވަޒަން ކުރުމުގެ ޢާންމު އަސާސްތައް

ވަޒަންކުރުމަކީ ކުދިންގެ އުނގެނުމާއި ތަރައްގީވާ ގޮތާއި މިންވަރު ކަނޑައަޅާ އެކަތި އަނެކައްޗާއި ގުޅިފައިވާ ކަމެކެވެ. ނުވަތަ ޕްރޮސެސް އެކެވެ. މިކަން އެންމެ ބޮޑަށް ހަރުދަނާވާނީ ތިރީގައިވާ އަސާސްތަކަށް ބަލައިގެން ކުރިއަށް ގެންދިއުމުންނެވެ

1. ވަޒަންކުރަންބޭނުންވަނީ ކޮންއެއްޗެއްކަން ވަރަށް ސާފުކޮށް ކަނޑައެޅުމަކީ ވަޒަންކުރުމުގެ ކަންތައްތަކުގައި އިސްކަންދޭ ކަމެކެވެ.
ވަޒަންކުރުން ހަރުދަނާވުން ބިނާވެފައިވަނީ ވަޒަންކުރަން ބޭނުންވަނީ ކޮން އެއްޗެއްކަން ސާފުކޮށް ސިފަކޮށް ދެވިގެންނެވެ. މިއީ ވަޒަންކުރަންބޭނުންކުރާ ގޮތްތަކުގެ ޓެކްނިކްލް ކަންކަން ހަރުދަނާ ކުރުމަށްވެސް މުހިއްމު ކަމެކެވެ. އެހެންކަމުން، ވަޒަންކުރަން ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމުގެ ކުރިން، ވަޒަންކުރަން ބޭނުންވަނީ ކޮން އެއްޗެއްކަން ކަނޑައަޅަން ޖެހެއެވެ. ކުދިންގެ އުނގެނުން ވަޒަންކުރުމުގެ މާނައަކީ ވަޒަންކުރުމުގެ ގޮތްތައް ކަނޑައެޅުމުގެ ކުރިން އުނގެނެން ބޭނުންވާނުވަތަ ހާސިލް ކުރަން ބެނުންވާ މަގްސަދުތައް ސާފުކޮށް ކަނޑައެޅުމެވެ.
ކިޔަވާދޭން ކަނޑައެޅި މުގައްރަރުގެ މަގްސަދުތައް ނުވަތަ ކޯހުގެ މަގްސަދު ތަކަކީ ފެށުމަށް އެހީތެރިވެދޭނެ އެއްޗެކެވެ. އެހެންނަމަވެސް، ވަޒަންކުރުން ހަރުދަނާ ކުރުމަށް ގިނަ ޓީޗަރުން،  ބޮޑަށް އެނގޭނެހެން މަގްސަދުތައް ކަނޑައަޅައެވެ. މިސާލަކަށް؛ ތާރީޚްކިޔަވާދޭމާއްދާގެ މަގްސަދެއްގެ ގޮތުގައި ލިޔެފައިވަނީ " ކުދިންނަށް ތާރީޚީ ހާދިސާތަކުގެ ޚިޔާލު އެނގި، އެފަދަ ޚިޔާލުތައް ލިޔުމުން ބަހައްޓަން އެނގުން". މި މަގްސަދު ހާސިލްވިތޯ ބެލުމަށް، މަލްޓިޕަލް ޗޮއިސް ސުވާލު، ކުރު ޖަވަބުދޭ ސުވާލު ނުވަތަ މަޒުމޫނެއް ލިޔަން ދިނުމުން ފުދިދާނެއެވެ. މިފަދަ މަގްސަދުތައް ހާސިލްވިތޯ ބަލަން ބޭނުންކުރާނެ ވަޒަންކުރުމުގެ ގޮތެއް ކަނޑައެޅުމަށްޓަކައި ތިރީގައިވާ ސުވާލުތަކަށް ޓީޗަރުން ޖަވާބުދޭން ޖެހެއެވެ. ކޮން ޚިޔާލެއް؟ ކޮން ލިޔުމެއް؟ ތާރީޚީ ކޮން ހާދިސާއެއް؟ ކުދިންނަށް ދަސްވެފައިވާކަން އެނގޭނީ ކޮންކަހަލަ ހެކިތަކަކުން؟ މިފަދަ ސުވާލުތަކަށް ކިޔަވާދޭން ކަނޑައެޅި މުގައްރަރުގެ މަގްސަދުތައްބަލައިގެން ޖަވާބެއް ނުދެވޭނެއެވެ. އެހެންނަމަވެސް ވަޒަންކުރުމަށްޓަކައި މި ސުވާލުތަކަށް ވަރަށް ސާފުކޮށްޖަވާބު ލިބެން ޖެހެއެވެ.
2. ވަޒަންކުރަން ބޭނުންކުރާނެގޮތެއް ކަނޑައަޅާނީ ވަޒަން ކުރަން ކަނޑައެޅި އެއޗެތި ނުވަތަ މަގްސަދު ހާސިލްވާގޮތަށެވެ.
ވަޒަން ކުރަންބޭނުން ކުރާ ގޮތްތައް ޢާންމުކޮށް ކަނޑައަޅަނީ އެގޮތްތައް ބޭނުންކުރުމުގެ ފަސޭހަކަމާއި، ހަމަހަމަ ކަމާއި އަދި ވަކިއަތަކަށް ނުޖެހި ވަޒަންކުރެވޭނެ ފަދަ ގޮތެއްތޯ ބެލުމަށްފަހުއެވެ. މި މިންގަނޑު ތަކަކީ މުހިއްމު މިންގަނޑު ތަކެކެވެ. އެހެންނަމަވެސް މިއީ އެންމެ އިސް މިންގަޑަށްވުރެ ދަށް މިންގަޑު ތަކެކެވެ. އެންމެ އިސް މިންގަނޑަކީ، ވަޒަން ކުރަން ބޭނުންވާކުދިންގެ  އުނގެނުން ނުވަތަ ތަރައްގީ ވަޒަންކުރަން ބޭނުންކުރެވިދާނެއެނެމެ ރަގަޅު ގޮތަކީ މިއީތޯ؟ މިއެވެ. ކުދިންނަށް ހާސިލްވި މިންވަރު ވަޒަންކުރުމަށް، މިސާލަކަށް، އުނގެނުމަށް ކަނޑައެޅި މަގްސަދު ތަކާއި ވަޒަންކުރަން ބޭނުންކުރާ މަސައްކަތްތަކާއި ގާތްގުޅުމެއް ހުންނަން ޖެހޭނެއެވެ. އުނގެނުމުގެ މަގްސަދެއް ކަމަށްކަނޑައޅާފައިވަނީ ޚިޔާލުތައް ރާވާލައިގެން ވަރަށް ރަގަޅަށް އެއް ޕެރެގްރާފާއި އަނެއް ޕެރެގްރާފާއި ގުޅުންހުރި މަޒްމޫނެއް ލިޔުން ކަމަށްވާނަމަ، ލިޔުމުގެ ފެންވަރު ވަޒަންކުރަން މަލްޓިޕަލް ޗޮއިސް ޓެސްޓެއް ދިނުމަކީ ކުދިންގެ ލިޔުމުގެ ހުނަރު ތަފާތު ހާލަތްތަކުގައި ( މިސާލަކަށް.، ކުލާހުގައި ދެވޭ މަޒްމޫނު ލިޔުމުގެ ޓެސްޓް، ޕްރޮޖެކްޓް ލިޔުން، ޓަރމްޓެސްޓް) ވަޒަންކުރުމަށް ދެވޭ ވަރަށް ދެރަވަރު ޓެސްޓަކަށް ނޫނީ ނުވާނެއެވެ

3. ހުރިހާ ގޮތަކުން ވަޒަން ކުރާނަމަ ތަފާތު ގޮތްތައް ބޭނުންކޮށްގެން ވަޒަން ކުރަން ޖެހެއެވެ.
ސްކޫލް ޕްރޮގްރާމެއްގައި ވަޒަންކުރަން ބާރު އަޅާފައިވާ އެތައް އުނގެނުމުގެ އަދި ކުދިންގެ ތަރައްގީގެ މަގްސަދުތައް ވަޒަން ކުރުމަށްއެންމެ އާލާތެއް ނުވަތަ އެންމެ ގޮތެއް ބޭނުންކޮށްގެން ވަޒަން ނުކުރެވޭނެއެވެ. ކުދިންގެ މައޫލޫމާތާއި (ނޮލެޖް)، އެނގިފައިވާ މިންވަރު(އަންޑަސްޓޭންޑިންގް) ދެނެގަތުމަށް މަލްޓިޕަލް ޗޮއިސް އާއި ކުރު ޖަވާބު ލިޔާސުވާލު ބޭނުން ކުރެވިދާނެއެވެ. އަދި މަޒްމޫނާއި އެހެނިހެން ލިޔުމުގެ ޕްރޮޖެކްޓްތައް ކުދިންގެ ޚިޔާލުތައްއަތުރާ ހުށަހަޅާގޮތްތައް ވަޒަންކުރަން ބޭނުންކުރެވިދާނެއެވެ. ލައިބްރަރީން މަޢުލޫމާތު ހޯދާ މަޢުލޫމާތުއެއްކޮށްގެން ނުވަތަ ދިރާސާކޮށް، ބަސްދީގަތުން ބޭނުންކޮށްގެން މަޢުލޫމާތު އެއްކޮށް، މައްސަލަ ދެނެގަތުންފަދަ ކަންތައްތަކުން، މައްސަލަ ހައްލުކުރާނެ ގޮތްތައް ކަނޑައަޅާ، މައްސަލަ ހައްލު ކުރުމަށް ބޭނުންކުރެވިދާނެ ހުނަރު ދެނެގަނެވިދާނެއެވެ. ކުދިންގެ އުޅުމާއި ގުޅުމުގެ އެކިއެކި ކަންތައްތައް ދެނެގަތުމަށާއި ކުދިންގެހުށަހަޅައިދިނުމުގެ ހުނަރު ވަޒަންކުރަން އޮބްޒަރވް ކުރުމުގެ ގޮތްތައް ބޭނުން ކުރެވިދާނެއެވެ. ކުދިންގެ ޝައުގުވެރިކަން ހުންނަ ކަންތައްތަކާއި ކުދިން އެކިކަންކަމާމެދު ދެކޭގޮތް ބެލުމަށް އަމިއްލައަށް ރިޕޯޓް ކުރަންޖެހޭ ކަހަލަ ކަމެއް ކުރަން ހަވާލު ކުރެވިދާނެއެވެ. ކުދިންގެ އުނގެނުމުގައްޔާއި ކުދިންގެ ހެދިބޮޑުވުމުގެ ފުރިހަމަ ތަސައްވުރެއްދެނެގަތުމަށް ތަފާތު ގިނަގުނަ ވަޒަންކުރުމުގެ ގޮތްތައް ބޭނުން ކުރަންވާނެއެވެ

4. ވަޒަން ކުރާ ގޮތްތައް ރަގަޅަށް ބޭނުން ކުރުމަށްޓަކައި އެގޮތްތަކަގެ ހުދޫދުތައް (ލިމިޓްސް) ދެނެގަންނަންޖެހެއެވެ

ވަޒަން ކުރާގޮތްތައް ވަރަށް ރަގަޅު ފެންވަރަކަށްތައްޔާރު ކޮށްފައިވާ އާލާތްތަކުން (މިސާލަކަށް.،ހުނަރާއި ހާސިލްވި މިންވަރުބެލުމަށް ތައްޔާރުކޮށްފައި ހުންނަ ތައްޔާރީ ޓެސްޓް) ފެށިގެން ވަޒަން ކުރުމަށް ބޭނުންކުރާ ވަރަށް އާދައިގެ ގޮތްތަކާއި (މިސާލަކަށް.،އޮބްޒަރވް ކުރުމާއި އަމިއްލައަށް ރިޕޯޓް ކުރަންޖެހޭ ކަހަލަ ގޮތްތައް) ދެމެދު ހިމެނޭ ތަފާތު ގޮތްތައް ބޭނުންކުރެވެއެވެ. ތަޢުލީމީ ގޮތުންނާއި ނަފްސާނީ ގޮތުން ވަޒަންކުރުމަށް ތައްޔާރު ކޮށްފައި ހުންނަ އެންމެ ރަގަޅު އާލާތްތަކުންވެސް ވަޒަން ކުރުމުގެ މައްސަލަތައް ފާހަގަވެއެވެ. އެއްވެސް ޓެސްޓަކުން ނުވަތަ ވަޒަންކުރުމުގެ ގޮތެއްގައި އެކޯހެއްގައިކިޔަވަން ކަނޑައަޅާފައިވާ ހުރިހާ މަޢުލޫމާތަކާއ ހުނަރެއް ހިމެނޭ ުރިހާ ސުވާލެއް ނުވަތަ މަސައްކަތްތަކެއް ހަވާލު ކޮށްފައެއް ނުހުންނާނެއެވެ. މީބެ ބަދަލުގައި ވަޒަން ކުރަން ބޭނުންކުރާ އާލާތުގައި ހުންނާނީ ވަޒަންކުރަން ބޭނުންވާ ދާއިރާތައް ތަމްސީލުކުރާ ގޮތަށް ދީފައިވާ ސުވާލުތަކެއް ނުވަތަ މަސައްކަތްތަކެކެވެ. ކަސްރުގެ އެއްކުރުމާއި ކެނޑުން ނުވަތަ ފޮޓޯސީންތެސިސް ފަދަ ހަނި މަޢުޟޫއެއް ކުދިންނަށް އެނގުނު މިނަވަރު ވަޒަންކުރާއިރުވެސް، މުޅި މަޢުޟޫޢުން ސުވާލު ނުވަތަ މަސައްކަތް ހަވާލު ކުރުމުގެ ބަދަލުގައި، ހަވާލު ކުރެވޭނީ އެ މަޢުޟޫޢު ތަމްސީލު ކުރާ ކުޑަ މިންވަރެކެވެ. މިގޮތުން ބަލާއިރު ތަމްސީލްކުރާ މިންވަރު ނެގުމުގައި ތަޢުލީމީ ގޮތުންނާއި ނަފްސާނީ ގޮތުން ވަޒަންކުރުމަށް ތައްޔާރު ކޮށްފައި ހުންނަ އާލާތްތަކުންވެސް މައްސަލަ (ސާމްޕްލިންގް އެރަރ) ފާހަގަ ކުރެވެއެވެ. ކުދިންނަށް ހާސިލްވި މިންވަރު ބަލާ ޓެސްޓެއްގައި ކަނޑައެޅި ވަކި މަޢުލޫމާތުތަކެއް ތަމްސީލްވާވަރަށް ނުހުރެދާނެއެވެ. އަދި ވަކި ޔުނިޓެއް ތަމްސީލް ކުރާވާރަށް ގިނައިން އައިޓަމް ޓެސްޓްގައި ހުއްޓަސް އެ ޔުނިޓް މުޅިން ފުރިހަމަކޮށް ވަޒަން ނުކުރެވިދާނެއެވެ. ކުދިންގެ އިޖްތިމާޢީ ގުޅުން ދެނެގަތުމަށް އޮބްޒަރްވް ކުރަން ތައްޔާރު ކުރި އާލާތުން ކުދިންގެ މިދެންނެވި ކަންކަން ފުރިހަމައަށް ބެލޭވަރަށް މަޢުލޫމާތު އެއްނުކުރެވިދާނެއެވެ. ކަން މިހެން ހުރި ކަމުގައިވިއަސް ކަނަޑައެޅިފައިވާވަޒަން ކުރުގެ ގޮތްތައް ރަގަޅަށް ބޭނުންކޮށްގެން، ތަމްސީލް ކުރުމުގެ މައްސަލަ (ސާމްޕްލިންގް އެރަރ) ތަކުން ދިމާވާ ދަތިތައް މަދު ކުރެވިދާނެއެވެ
ވަޒަން ކުރުމުގެ ނަތީޖާއަށް އަސަރު ކުރާފަދަ މައްސަލަ އުފެދޭ އަނެއްކަމަކީ، މަލްޓިޕްލް ޗޮއިސްފަދަ ޓެސްޓް ތަކުގައި ލަފާކުރުން ބޭނުންކުރުން، މަޒްމޫނު މާރްކް ކުރުމުގައި މާރްކު ކުރާމީހާގެ އިހްސާސް ބޭނުނކުރުން، އޮބްޒަރްވް ކުރާއިރު ވަކިކަމެއް ނިންމުމުގައި ހެދޭ ގޯހުގެ ސަބަބުން، އަދި ކަންކަމާމެދު ދެކޭގޮތް ބަލާ ސްކޭލްފަދަ އަމިއްލައަށް ރިޕޯޓް ކުރާ އާލާތަށްޖަވާބުދޭ އިރު ދެފަހަރު ދެގޮތަށް ބުނެވިފައި ހުރުންފަދަ އިއްތިފާގުން (ޗާންސްފެކްޓަރ) ވާކަންތައްތަކުގެ ސަބަބުންނެވެ. މިފަދަ ކަންތައްތަކުގެ ސަބަބުން، ތަޢުލީމީގޮތުން ވަޒަންކުރުމަށް ކުރެވޭ ވަޒަންކުރުމެއްގައި، ކުއްޖަކު ފާސްނުވަނީ ވަރަށްމަދު ޕޮއިންޓެއް އުނިވެގެން ކަމުގައި ވިއަސް، އެނޫންގޮތަކަށް ބަދަލު ކޮށްގެން ނުވާނެއެވެ. އެހެންނަމަވެސް، ތަޢުލީމީ ގޮތުންނާއި ނަފްސާނީ ގޮތުން ވަޒަންކުރުމަށް ތައްޔާރު ކޮށްފައި ހުންނަ އާލާތްތަކުން ލިބޭ މާކްސްއަކީ ދެވިފައިވާ ސުވާކުން ވަޒަންކުރަން ބޭނުންވި ކަންތައް އެންމެ ފުރިހަމައަށް ވަޒަންކުރެވި ދެވިފައިވާ މާރކްސްއެއް ކަމަށް ބަލައިގެން ނުވާނެއެވެ. ފަރުވާތެރިކަމާއެކު ވަޒަންކުރުމުގެ ގޮތްތައް ބޭނުން ކުރެވިއްޖެނަމަ މިފަދަ މައްސަލަތައް މަދު ކުރެވިދާނެއެވެ. ވަޒަން ކޮށްގެން ނެރޭ ނަތީޖާނުބައިކޮށް ތަރުޖަމާކުރުމުގެ ސަބަބުން އިތުރު ބޮޑު މައްސަލައެއްކުރިމަތިވެއެވެ. ތަޢުލީމީ ވަޒަންކުރުން ތަކުގެ ނަތީޖާ ބޭނުންކުރާ ފަރާތްތަކުން، އެފަދަ ނަތީޖާތައް ހުރިވަރަށްވުރެ ބޮޑަށް ތަރުޖަމާކޮށް، އަދި ހާސިލްކުރަން ކަނޑައެޅި މިންވަރަށްވުރެ ބޮޑަށް ހާސިލުވިކަމަށް ތަރުޖަމާކޮށްގެން ވާހަކަ ދައްކައެވެ. މިސާލަކަށް ތަޢުލީމީ ގާބިލްކަން ދެނެގަތުމަށް ކުރެވޭ ވަޒަންކުރުންތަކުގެ ނަތީޖާއިން ދައްކަ އެއްޗެއް ތަރުޖަމާކޮށް، އެނަތީޖާއިން ދައްކަނީ ކުދިންގެ ގުދުރަތީ ހުނަރު ކަމަށާއި އެކުދިންގެ ހުނަރުވެރިކަން އެނަތީޖާއިން ފެނިގެން ދާކަމަށްބުނެއެވެ. މިގޮތަށް ނުބައިކޮށް ނަތީޖާ ތަރުޖަމާކުރުމުން، އެވަޒަންކުރުމުގެ ބުރަދަނަށް ނުވަތަ ވެލިޑިޓީއަށް އަސަރު ކުރެއެވެ. މިފަދަ ނުބައިކޮށް ނަތީޖާ ތަރުޖަމާކުރުމުން ދުރުވުމަށް، އެ ޓެސްޓަކުން ވަޒަންކުރަން ކަނޑައެޅި ކަމެއް ވަޒަން ކުރެވުނުތޯ ޔަގީން ކުރަން ޖެހެއެވެ

1.     ވަޒަންކުރުމަކީ ކަމެއްގެ ނިމުމެވެ. ވަޒަން ކުރުމުގެ ނިމުމެއް ނޫނެވެ.
ވަޒަންކުރުމުގެ ގޮތްތަކުންއެނގިގެންދަނީ ބޭނުންތެރި ކޮންމެވެސް ހާސިލްވެއްޖެކަމެވެ. އަދި ހާސިލްވީ ކޮންކަމެއްކަން ވަޒަންކުރި މަޢުލޫމާތު ބޭނުންކުރާ ފަރާތަށްވަރަށް ރަގަޅަށް އެނގޭނެއެވެ. ކުދިންގެ މަޢުލޫމާތު އެއްވެސް ބޭނުމެއްނެތި އެއްކޮށް ފައިލް ކުރުމަކީ ވަގުތާއި ކުރި މަސައްކަތް ބޭކާރުވެގެންދާނެ ކަމެކެވެ. ވަޒަން ކުރުން ނުވަތަ އެސެސްމަންޓް ދެކެންވާނީ މަޢުލޫމާތު އެއްކުރުމަށް ކުރެވޭ ކަންތައްތަކެއް ކަމަށާއި އެމަޢުލޫމާތުގެ މައްޗަށް ބިނާކޮށް، ތަޢުލީމީ އެކިއެކި ކަންކަން ނިންމުމަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ.


ވަޒަންކުރުމާއި ކިޔަވައިދިނުމުގެ ގޮތްތައް

ކުލާހުގައިކިޔަވައިދިނުމުގެ އެންމެމުހިއްމު މަގްސަދަކީ ކަނޑައެޅިފައިވާ އުނގެނުމުގެ މަގްސަދުތަކެއް ކުދިންނަށް ހާސިލް ކޮށްދޭން އެހީތެރިވުމވެ. މި މަގްސަދުތަކުގެ ތެރޭގައި ޢާންމުކޮށް ހިމެނޭނީ ކުދިންގެ ކިބައިން ފެންނަށް އެދެވޭ ވިސްނުމުގެ ބަދަލުތަކާއި، ނަފްސާނީ އަދި ޖިސްމާނީ ބަދަލުތަކެވެ. ކުލާހުގެ ކިޔެވުމާމެދު މިގޮތަށް ދެކެވޭނަމަ، ވަޒަން ކުރުން ވެގެންދާނީ އުނގަންނައިދިނުމާއި އުނގެނުމާއި ގުޅި ލާމެހިފައިވާ ކަމެއްގެ ގޮތުގައެވެ. ހާސިލްކުރަން ބޭނުންވާ މައިގަނޑު މަގްސަދުތައް ކަނޑައަޅާފައިވާނީ ކިޔަވައިދިނުމުގެތެރެއިން ހާސިލްކުރަން ބޭނުންވަ ކަންތައްތަކާއި، ޕްލޭންކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން ކުދިންނަށް އަންނާނެ ބަދަލު ތައް ހިމަނައިގެންނެވެ. އަދި ކުދިންގެ އުނގެނުން ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ޓެސްޓާއި އެނޫންވެސް ވަޒަން ކުރުމަށް ބޭނުނކުރާ އާލާތްތައް ބެނުންކޮށްގެން ވަޒަން ކުރެވެއެވެ

1. އުނގަންނައިދިނުމުގެ މަގްސަދުތައް ފާހަގަ ކުރުން

ކިޔަވައިދިނުމާއި ވަޒަންކުރުމުގެ ފުރަތަމަ ފިޔަވަޅަކީ ކުލާހުގައި ކިޔަވައިދިނުމުން ހާސިލްވާނެ މަގްސަދުތަކެއް ކަނޑައެޅުމެވެ. އނގެނުމުގެތަޖުރިބާ ނިމުމުން ކުދިން ވިސްނާނީ އަދި ހަރަކާތްތައް ހުންނާނީ ކޮންގޮތަކަށް ހެއްޔެވެ؟ ކުދިންނަށް އެގެން ޖެހެނީ ކޮންމަޢުލޫމާތުތަކެއް ހެއްޔެވެ؟ އެކުދިންނަށް ދެއްކޭނީ ކޮން ހުނަރުތަކެއް ހެއްޔެވެ؟ ކުދިންގެކިބައިގައިހަރުލައްވަންވީ ކޮންކަހަލަ ޝައުގުވެރިކަމެއް، އަދިކޮންކަހަލަ ސިފައެއް ހެއްޔެވެ؟ އެކުދިންގެ އާދަކަދައަށާއި، އިހްސާސްތަކަށް އަދި ކުރާ ކަންތައްތަކަށް އަންނަން ބޭނުންވަނީ ކޮންބަދަލު ތަކެއް ހެއްޔެވެ؟ ކުރުކޮށް ދަންނަވާނަމަ، ކުދިންނަށް ގެންނަށް ބޭނުންވަނި ކޮންކަހަލަ ބަދަލު ތަކެއްތޯ؟ މިބަދަލުތައް ކާމިޔާބު ކަމާއެކު ގެނައުމުން ކުދިންތިބޭނީ ކޮންކަހަލަ ގޮތަކަށްތޯ؟ 

2. ދަރިވަރުންގެ ބޭނުންތައް އުނގަންނައިދިނުމުގެ ކުރިން ވަޒަންކުރުން

އުނގަނަންނައިދިނުމުގެ މަގްސަދުތައް ވަރަށް ސާފުކޮށް ކަނޑައެޅުމަށްފަހު، އެކަނޑައެޅި މަގްސަދުތަކާ ގުޅޭގޮތުން ކުދިންގެ ބޭނުންތަކަކީކޮބައިތޯ ވަޒަންކޮށްލުމަކީ އެދެވިގެންވާ ކަމެކެވެ. އުނގަންނައިދޭންއުޅޭ އެއްޗެއް އުނގެނުމުގެ ގާބިލްކަމައި ހުނަރު ކުދިންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ އުނގަންނައިދޭންއުޅޭ ހުނަރާއި ގާބިލްކަން މިހާރުވެސްއެކުދިންގެ ކިބައިގައި އެބަހުރި ހެއްޔެވެ؟ މިފަދަ ސުވާލުތަކަށް ޖަވަބުދިނުމަށް ކިޔަވައިދިނުމުގެ ކުރިން ކުދިންނަށް އެނގިފައިވާ މިންވަރާއި ހުނަރު ވަޒަން ކުރުމަކީ ރަގަޅު ކަމެކެވެ. މިފަދަ މަޢުލޫމާތުތަކަކީ އެކަށީގެންވާ ހުނަރު ނެތް ކުދިންނަށް ކިޔަވަދޭއިރު މަސައްކަތް ރޭވުމަށާއި، ކުދިންގެބޭނުންތަކަށް ފިޓްވާގޮތަށް ކިޔަވައިދިނުން ބަދަލު ކުރުމަށް އެހީވެދޭނެ މަޢުލޫމާތު ތަކެކެވެ.

3. އެކަށީގެންވާ މަޢުލޫމާތު ފޯރުކޮށްދިނުން
އެކަށީގެންވާ މައުލޫމާތު ފޯރުކޮށްދެވޭނީ ކަނޑައެޅިފައިވާ މަގްސަދު ކުދިންނަށް ހާސިލް ކޮށްދިނުމަށް އެހީތެރިވުމަށް، ކޯހުގުގައިކިޔަވާދޭން ކަނޑައެޅި ތަކެއްޗާއި ކިޔަވައިދިނުމުގެ ގޮތްތަކުގެ ތެރެއިން ކްލާހުގައި ގެންދާހަރަކާތްތަކާއި ގުޅުވައިގެން ކުރިއަށް ގެންދިއުމުންނެވެ. ކިޔަވައިދެމުންދާއިރު، މެޝަރމަންޓާއި އެސެސްމަންޓުން އުނގެނުން ކުރިއަށްދާގޮތް މޮނިޓަރ ކުރެވި، ކުދިންނަށް ކުރިމަތިވާދަސްކުރުމުގެ އުނދަގޫތައް ދެނެގަނެވެއެވެ. އެހެންކަމުން، ކިޔަވައިދެމުންދާއިރު، ވަކި ވަގުތުތަކެއްގައި ވަޒަންކުރުމުން، ވަކި ވަކިކުދިންނަށާއި ގްރޫޕްތަކަށް އެކުދިންގެ އުނގެނުމާއިބެހޭގޮތުން މަޢުލޫމާތުދެވި، ކިޔަވައިދިނުން އެކަށޭނަގޮތަށް ބަދަލުކޮށް ކުދިންނަށް އެހީތެރިވެވެއެވެ
4. ކަނޑައެޅިފައިވާ އުނގެމުނުގެ މަގްސަދުތައް ވަޒަންކުރުން
އުނގަންނައިދިނުމުގެ ކަންތައްތަކުގެ އެންމެ ފަހުފިޔަވަޅަކީ ކަނޑައެޅިފައިވާ މަގްސަދުތަކުގެ ތެރެއިން ކުދިންނަށް ހާސިލްވީ މިންވަރު ކަނޑައެޅުމެވެ. މިކަން ކުރެވެނީ ޓެސްޓާއި ކަނޑައެޅިފައިވާ މަގްސަދުތައް ހާސިލްވިތޯ ބެލުމަށް ޚާއްސަކޮށް ތައްޔާރުކޮށްފައިވާތަފާތުވައްތަރުގެ ވަޒަންކުރުމުގެ ގޮތްތައް ބޭނުންކޮށްގެންނެވެ. އެންމެ ރަގަޅުގޮތަކީ، ކިޔަވައިދޭ އެއްޗެތީގެފެންވަރާއި އުނގަންނައިދިނުމުގެ މަގްސަދުތަކުން ކުދިންނަށް އަންނަން ބޭނުންވާބަދަލު އެނެގެން އޮތުމެވެ. އަދި ވަޒަންކުރި ބޭނުންކުރި އާލާތުން ކުދިންނަށް އައީ ކިހާވަރެއްގެ ބަދަލެއްތޯ އެގިގެން ދިއުމެވެ
5. ނަތީޖާ ބޭނުންކުރުން
ކުދިންގެ ވަޒަންކުރުމުގެ ނަތީޖާއަކީ ޓީޗަރުންނާއި ހިންގުންތެރިންގެ ބޭނުމަށް ހޯދޭ އެއްޗެއްކަން ޢާންމުކޮށް ގަބޫލުކުރެވެއެވެ. މިގޮތަށް ދެކެވުމުގެ ސަބަބުން ވަޒަންކުރުމުން ކުދިންނަށް ލިބޭ ފައިދާތައް އޮންނަނީ ފަހަގަ ނުކުރެވިއެވެ. ރަގަޅުގޮތަށް ވަޒަން ކުރުމުގެ ގޮތްތައް ބޭނުންކޮށްގެން ވަޒަންކުރުމުން، ކުދިންގެ އުނގެނުން އިތުރުކޮށް ހަރުދަނާކުރުމަށް ތިރީގައި މިވާ ކަންތައްތަކަށް ސީދާގޮތުން އެހީތެރިކަން ލިބެއެވެ.
·         ކަނޑައެޅިފައިވާ އުނގެނުމުގެ މަގްސަދުތައް ހަގީގަތް ސާފުވުން
·         މަސައްކަތް ކުރާނެ ކުރުމުއްދަތުގެ ލަނޑުދަނޑިތައް ފޯރުކޮށްދިނުން
·         އުނގެނުން ކުރިއަށްދާ ގޮތާބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދިނުން
·         އުނގެނުމުގައި ކުރިމަތިވާ ދަތިތައް ހައްލުކުރުމަށް މަޢުލޫމާތު ފޯރުކޮށްދީ، މުސްތަގުބަލުގައި ދެވިދާނެ އުނގެނުމުގެ ތަޖުރިބާތައް އިޚްތިޔާރު ކުރުން
މިމަގްސަދުތައް އެންމެ ރަގަޅަށް ހާސިލްވާނީ ކިޔަވައުދެމުންދާއިރު އެކި މަރުހަލާތަކުގައި ވަޒަން ކުރަމުން ދިއުމުން ކަމަށްވިއަސް، ކަނޑައެޅިފައިވަ މަގްސަދުތައް ހާސިލްވިތޯ ބަލަން ނަގާ ފަހު ޓެސްޓުންވެސް މަތީގައިވާ މަގްސަދުތައް ފުރިހަމަ ކުރުމަށް އެހީތެރވެދެއެވެ. ފަރުވާތެރިކަމާއެކު ތައްޔާރު ކޮށްފައިވާ ޓެސްޓް ތަކުންނާއި، ތަފާތު އެހެނިހެން ވަޒަންކުރުމުގެ ގޮތްތަކުން ހޯދާ މަޢުލޫމާތުން ކުދިންގެ އުނގެނުން ހަރުދާނާ ކުރުމަށް ބޭނުންކުރެވިދާނެއެވެ. މިފަދަ މަޢުލޫމާތުތަކުން ތިރީގައިވާކަންކަމަށް އިންސާފު ކުރެވިދާނެއެވެ.
·         ކިޔަވައިދިނުމަށް ކަނޑައަޅާފައިވާ މަގްސަދުތައް އެކަށީގެންވޭތޯއާއި ހާސިލްވިމިންވަރު
·         އުންގަންނައިދިނުމުގައި ބޭނުންކުރި ތަކެތީގެ ބޭނުންތެރިކަން
·         އުންގަންނައިދިނުމުގައި ބޭނުންކުރި ގޮތްތަކުގެ ބޭނުންތެރިކަން
އެހެންކަމުން، ވަޒަންކުރުމުގެ ގޮތްތަކުން އުނގަންނައިދިނުމާއިއުނގެނުމުގެ ކަންކަން އިތުރަށް ރަގަޅު ކުރުމަށް އެހީތެރވެދީ، ކުދިންގެ އުނގެނުން ރަގަޅުކުރުމަށް ސީދާގޮތުން އެހީތެރިވެދެއެވެ

ތަފާތު ވައްތަރުގެ ވަޒަންކުރުންތައް ކުރިއަށް ގެންދާގޮތް

ވަޒަންކުރުމަށް ބޭނުންކުރާ ތަފާތު ވައްތަރުތައް ކުރިއަށް ގެންދަނީ ތަފާތު ގޮތްތަށްބޭނުން ކޮށްގެންނެވެ. ވަޒަންކުރުން ބޭނުންކުރަންޖެހޭ ބޭނުމުގެ ސަބަބުން ތަފާތު ބައިތަކަށް ވަޒަންކުރުން ނުވަތަ އެސެސްމަންޓް ބަހަލެވިދާނެއެވެ.

އެންމެމަތިން ހާސިލްވާ މިންވަރާއި އާންމުކޮށްހާސިލްވާ މިންވަރު

ވަޒަންކުރުމުގެ ވައްތަރުގެ ގޮތުން ޓެސްޓާއި އެހެނިހެންވަޒަންކުރުމުގެ ގޮތްތައް މައިގަނޑު ދެބަޔަކަށް ބަހާލެވެއެވެ. މިދެބައި ކްރޮންބަޗް (1990) ގިންތި ކުރައްވަނީ އެންމެމަތިން ހާސިލްވާ މިންވަރާއި އާންމުކޮށްހާސިލްވާ މިންވަރުގެ ގޮތުގައެވެ. މީގެ ތެރެއިން ފުރަތަމަ ގިންތީގައި ހިމެނެނީ މީހެއްގެ ކިބައިގައި ތަރައްގީވެފައިވާގާބިލިއްޔަތު ނުވަތަ މީހަކަށް ހާސިލުވެފައިވާ މިންވަރު ކަނޑައަޅަން ކުރިއަށް ގެންދާ ވަޒަން ކުރުމުގެ ގޮތްތަކެވެ. މި ގިންތީގެ ވަޒަންކުރުން ގެންދާއިރު ބޮޑަށް ބަލާނީ މީހުންނަށް ހާސިލް ކުރެވިދާނެ އެންމެ މަތީ މާކްސްއެއް ހޯދުމަށްމީހުން ޝަޢުގުވެރި ކުރުމަށްފަހު، އެމީހުންގެ  ފެންވަރުބެލުމަށެވެ. ވަޒަންކުރުން ބަހާފައިވާ ދެވަނަގިންތީގައި ހިމެނެނީ މީހެއްގެ ކިބައިން ޢާންމުކޮށް ފެންނަ އުޅުން ވަޒަންކުރުމަށް ބޭނުންކުރާ ގޮތްތަކެވެ. މިގޮތްތަކުގައި ބޮޑަށް ބަލާނީ ވަކި ފަރުދުންނަށް ކުރެވިދާނެ ކަންތައްތަކުގެ ބަދަލުގައި ފަރުދުން ކުރާނެކަންތައްތަކެވެ. މީހނުންގެ ޝައުގު ހުންނަކަންކަން، މީހުން އެކި ކަންކަމާމެދު ދެކޭގޮތް، މީހުންނަށްއަންނަ އެކި ބަދަލުތައް، އަދި މީހުންގެ ތަފާތު ޝަޚުސިއްޔަތުތައް ވަޒަންކުރުމުގެ ގޮތްތައް މި ގިންތީގައި ހިމެނެއެވެ. މިފަދަ ވަޒަންކުރުން ތަކުގައި ބާރުއަޅާނީ މަތިން މާކްސް ހޯދުމުގެ ބަދަލުގައި އެފަރާތްތަކުގެ ޚިޔާލުތައް ރަމްޒުކޮށްދޭ  ޖަވާބުތަކެއް ހޯދުމަށެވެ. މިއީ ކުދިންގެ އެކިއެކި ކަންކަން ވަޒަންކޮށް، އެކުދިންގެ ކުރިއެރުމުގެ މަޢުލޫމާތު ކުދިންނަށް ފޯރުކޮށްދިނުމަށް ނުހަނު މުހިއްމު ދާއިރާއަކަށް ވިއަސް، މީހުންގެ ކިބައިން ޢާންމުކޮށް ފެންނަ އުޅުން ވަޒަންކުރުމަކީ ވަރަށް އުނދަގޫ ކަމެކެވެ
އިޚްތިޔާރު ކުރާނެޖަވާބު ހުންނަ ޓެސްޓާއި ތަފާތު ވައްތަރުގެ ޖަވާބު ހުށަހަޅައިގެން ވަޒަންކުރާ ވަޒަންކުރުންތައް

ޓެސްޓާއި ވަޒަންކުރަން ބޭނުންކުރާ އާލާތްތައް އަތުރާލާފައި ހުންނަގޮތާއި ބެހޭގޮތުން ފަހުގެ ތާރީޚުގައި ބަހުސް ކުރަމުންދެއެވެ. ވޭތުވެދިޔަ ބައި ގަރުނުގައި ސްޓޭންޑަޑައިޒް ޓެސްޓްތަކުގައި އެންމެ ގިނައިން ބޭނޫންކޮށްފައިވަނީ އިޚްތިޔާރު ކުރާނެ ގިނަޖަވާބު ހުންނަ ޓެސްޓް ނުވަތަ މަލްޓިޕްލް ޗޮއިސް ޓެސްޓެވެ. އިޚްތިޔާރު ކުރާނެ ގިނަޖަވާބު ހުންނަ ޓެސްޓް ނުވަތަ މަލްޓިޕްލް ޗޮއިސް ޓެސްޓާއި އިޚްތިޔާރު ކުރާނެޖަވާބު ހުންނަ ތަފާތު ވައްތަރުތަކުގެ ޓެސްޓް (މިސާލަކަށް، ތެދު-ދޮގު، ގުޅުވާ)ތަކަކީ ވަރަށް ބޭނުންތެރި ޓެސްޓް ތަކެކެވެ. ސަބަބަކީ ކުޑަ ވަގުތު ކޮޅެއްގައި ގިނަ ސުވާލުތަކަކަށް ކުދިންނަށް ޖަވާބުދެވި، އެސުވާލުތައް މެޝިން ބޭނުން ކޮށްގެން ވަޒަންކުރެވޭތީއެވެ. މިގޮތްތަކުގެ އެންމެ ބޮޑު ފައިދާއަކީ ކަނޑައެޅޭ ވަކި ޖަވާބެއް އޮތުމާއި، ނަތީޖާ ތަފާތު ނުވާނެކަން ޔަގީން ވުމާއި، އަގު ހެޔޮވުން ހިމެނެއެވެ
ހުރި ހިސާބެއް ބެލުމަށް(placement) ، އުނގެނުމުގެ ކުރިއެރުން ބެލުމަށް (formative) ، މައްސަލަ ދެނެގަތުމަށް(diagnostic)  އަދި ކިޔަވާދީ ނިމިގެން ހާސިލްވި މިންވަރު ދެނެގަތުމަށް (summative)ކުރެވޭ ވަޒަންކުރުންތައް
ކުލާހުގައިއުނގަންނައިދިނުމުގައި ކުރެވޭ ބޭނުންތަކުގެ މައްޗަށްބަލާ، ޓެސްޓާއި ވަޒަންކުރަން ބޭނުންކުރާ ގޮތްތައް ގިންތި ކުރެވެއެވެ. ކުލާހުގައި ވަޒަންކުރުމުގެ ގޮތްތައް ބޭނުންކުރެވޭ ގޮތްތަކަށްބަލާ،  އިއަރޭޝިއަން އަދި މަޑައުސް (1972) ތަނކޮޅެއްކުރިން ވަޒަންކުރުމުގެ ވައްތަރުތައް ވަކި ތަރުތީބަކުން ފާހަގަކުރިއެވެ. މިދެފަރާތުން ވަޒަންކުރުމުގެ ގޮތްތައް ފާހަގަކުރިތަރުތީބުތިރީގައި މވަނީއެވެ.
1. ހުރި ހިސާބެއް ބެލުމަށް(placement) ، ކިޔަވައިދިނުމަށް ފަށައިގަތުމުގެ ކުރިން ކުދިންގެ ހުރި ފެންވަރެއް ކަނޑައެޅުމަށް ވަޒަންކުރުމުގެ މި ވައްތަރުގެވަޒަންކުރުން ބޭނުން ކުރެވެއެވެ
2. އުނގެނުމުގެ ކުރިއެރުން ބެލުމަށް (formative) ، ކިޔަވައިދެމުންދާއިރު ކުދިންގެ ކުރިއެރުން ވަޒަންކުރުމަށް މި ވައްތަރުގެވަޒަންކުރުން ބޭނުން ކުރެވެއެވެ
3. މައްސަލަ ދެނެގަތުމަށް(diagnostic) ކިޔަވައިދެމުންދާއިރު ކުދިންނަށް ދިމާވާ ދަސްކުރުމުގެ އުނދަގޫތައް ވަޒަންކުރުމަށް މި ވައްތަރުގެވަޒަންކުރުން ބޭނުން ކުރެވެއެވެ
4. ކިޔަވާދީ ނިމިގެން ހާސިލްވި މިންވަރު ދެނެގަތުމަށް (summative)ކިޔަވައިދީނިމުމުން ކުދިންނަށް ހާސިލްވި މިންވަރު ވަޒަންކުރުމަށް މި ވައްތަރުގެވަޒަންކުރުން ބޭނުން ކުރެވެއެވެ.

ކަނޑައެޅިފައިވާވަކި ގްރޫޕެއް ހާސިލްކޮށްފައިވާ މިންވަރު ބަލައިގެން  (Norm-Reference)އަދި ކަނޑައެޅިފައިވާ ވަކި މިންގަޑެއް ބަލައިގެން (Criterion-Referenced) ވަޒަންކުރުން

ތަފާތު ވައްތަރުގެ ވަޒަންކުރުން ގިންތިކުރުމުގައި ވަޒަންކުރުމުގެ ނަތީޖާތަރުޖަމާކުރާގޮތަށްވެސް ބެލެވެއެވެ. ކުދިންނަށްހާސިލްވި މިންވަރު ތަރުޖަމާ ކުރުމުގައި މައިގަނޑު ދެގޮތެއް ބޭނުންކުރެވެއެވެ.ކުދިންގެ ނަތީޖާ ސިފަކުރުމަށްޓަކައި  ކަނޑައެޅިފައިވާވަކި ގްރޫޕެއް ހާސިލްކޮށްފައިވާ މިންވަރު ބަލައިގެން ( (Norm-Referenceއެގްރޫޕެއްގެ ނަތީޖާއާއި ( މިސާލަކަށް، ކުލާހުގެ %90 އަށްވުރެރަގަޅަށް ޓައިޕް ކުރެއެވެ) އަޅާކިޔާލެވެއެވެ. ކަނޑައެޅިފައިވާ ވަކި މިންގަޑެއް ބަލައިގެން (Criterion-Referenced)  ކުދިންގެ ނަތީޖާސިފަކުރާއިރު ސިފަކުރެވެނީ އެކުއްޖަކު ހުށަހެޅި ހުށަހެޅުމެއްގެމިންވަރެވެ. (މިސާލަކަށް.،އެއްވެސްކުށަކާއި ނުލައި މިނުޓަކު 10 ބަސް ޓައިޕް ކުރިއެވެ).

ޞައްޙަކަން ނުވަތަ ވެލިޑިޓީ (Validity)

ވަޒަންކުރާނެ ގޮތެއް އިޚްތިޔާރު ކުރާއިރު އެންމެ މުހިއްމު ސުވާލަކަށްވާނީ (ހ) ވަޒަންކުރުމުން ލިބުނު ނަތީޖާއަށް ބިނާކޮށް ތަންފީޒުކުރަން އުޅޭ ކަންކަމަށް ނަތީޖާ ކިހާ އެކަށިގެންވޭ ހެއްޔެވެ؟ ކިހާ ބޭނުންތެރި ހެއްޔެވެ؟ އަދި (ށ) ނަތީޖާއިން ދޭހަވި އެއްޗަކާއި ކަނޑައެޅިފައިވާ ވަކި ކަމަކަށް ނަތީޖާ ބޭނުންކުރުމުން ކުރާނެ އަސަރަކީ ކޮބައިހެއްޔެވެ؟
ޞައްޙަކަން ނުވަތަ ވެލިޑިޓީ އަކީ ވަޒަންކުރުމުގެ ނަތީޖާ ދޭހަކޮށް، ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބެލުމަށް ކުރެވޭ ދިރާސާއެކެވެ. ވަޒަންކުރުމުގެ ނަތީޖާ ދޭހަކޮށް، ބޭނުންކުރެވެނީ އެންމެ އެކަށީގެންވާ ގޮތަށްތޯ ބެލުމަށް ކުރެވޭ ދިރާސާ ތަފާތު ގޮތްގޮތަށް ކުރެވިދާނެއެވެ. މިސާލަކަށް، ވަޒަން ކުރުމުގެ ނަތީޖާގެ ބޭނުމަކީ ކުދިންނަށް ހާސިލްވި މިނަވްރު ކިޔައިދިނުން ކަމުގައިވާނަމަ، ލިބުނު ނަތީޖާއަކީ ކުދިން ހާސިލް ކުރި މިންވަރު ކިޔައިދެވޭނެފަދަ އެކަށޭނަ އަދި ހާސިލްވި މިންވަރު ދައްކުވައިދޭ އެއްޗަކަށް ވާންވާނެއެވެ. ހިސާބު މާއްދާގެމަފްހޫމްތަކެއް ކުދިންނަށް އޮޅުންފިލާފައިވާ މިންވަރު ދެނެގަތުމަށް ވަޒަންކޮށްގެން ނުކުތް ނަތީޖާ ވާންވާނީ، ކުދިންގެ ހިސާބުއެނގޭ ދައްކުވައިދޭ ނަތީޖާއަކަށެވެ. ދެވުނު މަސައްކަތުގެ ކިޔުމުގެ ދޭހަފަދަ ބޭނުން ނެތް އެއްޗެއް ވަޒަން ކުރެވިގެން ނުކުތް ނަތީޖާއަކަށް ނޫނެވެ. ކުރުކޮށް ދަންނަވާނަމަ ވެލިޑިޓީއަކީ ހާސިލްވަނީ ވަޒަންކުރަން ގަސްތު ކުރިކަމެއް ވަޒަންކުރެވުމުންނެވެ. ވަޒަންކޮށްގެން ނުކުތް ނަތީޖާ ސައްހަވާނީ އެއިރުންނެވެ

ބަރޯސާވެވުން ނުވަތަ ރިލައަބިލިޓީ (reliability)

ރިލައަބިލިޓީއަކީ އެތައްފަހަރަކު އެއް ޓެސްޓެއް ދިނުމުންވެސް އެއް ނަތީޖާއެއް ނުކުތުމުން އެ ޓެސްޓް އާލާތަށް ބަރޯސާ ވެވިދާނެކަން ހާމަކުރުމަށް ބޭނުންކުރާ ބަހެކެވެ. އެއްކުދިން ތަކަކަށް ނުވަތަ ތަފަތު ކުދިން ތަކަކަށް އެއް ޓެސްޓެއް ތަފާތު ދެ ފަހަރަށް ދިނުމުންވެސް ވަރަށްގާތްކުރާ ނަތީޖާއެއް ނުކުތްނަމަ، އެ ނުކުތް ތަތީޖާއަކީ ވެލިޑިޓީ ވަރަށްބޮޑު، ބަރޯސާވެވިދާނެ ނަތީޖާއެކޭ ބުނެވިދާނެއެވެ. ހަމަމިގޮތަށް، އެއްޓެސްޓެއް ކުދިންނަށް ދެފަހަރަށް ދީގެން ތަފާތު ދެޓީޗަރަކު މާރކު ކުރުމުންވެސް ގާތްގަޑަކަށް އެއްވަރުގެ ނަތީޖާ ނުކުމެއްޖެނަމަ، އެނަތީޖާއަކީ ވަރަށް ބޮޑަށް ބަރޯސާވެވިދާނެ ނަތީޖާއެއް ކަމަށް ނިންމިދާނެއެވެ

ޞައްޙަކަން ނުވަތަ ވެލިޑިޓީގެ ވައްތަރު (Nature of Validity)

ޓެސްޓާ  އެހެނިހެން ވަޒަންކުރުމާއި ގުޅުވައިގެން ވެލިޑިޓީ ނުވަތަ ޞައްހަކަމުގެ ވާހަކަ ދައްކާއިރު ވިސްނާލަންޖެހޭ ބައެއް ކަންތައް ހުރެއެވެ.
1.      ވެލިޑިޓީއޭ ބުނެވެނީ ކަނޑައެޅިފައިވާ ގްރޫޕެއްގެ ކުދިންނަށް ދިން ޓެސްޓެއްގެ ނަތީޖާ ދޭހަކޮށް، ބޭނުންކުރުމުގެ އެކަށޭނަކަމަށެވެ. އެ ޓެސްޓް ނެގުމުގެ ގޮތުގެ އެކަށޭންކަމަކަށް ނޫނެވެ. އަހަރެމެން ބައެއްފަހަރު ފަސޭހައަކަށް " ޓެސްޓްގެ ވެލިޑީޓީ" ގެ ވާހަކަ ދައްކަމެވެ. އެކަމަކު އެންމެ ރަގަޅު ގޮތަކީ ކުދިންނަށް ދެވުނު ޓެސްޓެއްގެ ނަތީޖާ ދޭހަކޮށް، ބޭނުންކުރުމުގެ ވެލިޑިޓީގެ ވާހަކަ ދެއްކުމެވެ. މިގޮތަށް ތަފާތުކުރުމުގެ ބޭނުމަކީ ޓެސްޓެއްގެ ނަތީޖާއިން ދޭހަވި ނުވަތަ ކުރިބޭނުމެއގެ އެކަށޭންކަންް ، އެހެން ބޭނުމަކަށް އެނަތީޖާ ބޭނުންކުރުމުގެ އެކަށޭނަކަމަށްވުރެ ބޮޑުވެދާނެއެވެ.
2.      ވެލިޑިޓީއަކީ ވަކި މިންވަރެކެވެ. ވެލިޑިޓީ މުޅިން ފުރިހަމަވެފައި ނުވަތަ އެއްގޮތަކަށްވެސް ނެތޭ ނުބުނެވޭނެއެވެ. މިގޮތުން ވަޒަންކުރުމުގެ ނަތީޖާ ވެލިޑް /ޞައްހަ ނުވަތަ ވެލިޑް ނޫން/ސައްހަ ނޫންކަމަށް ވިސްނައިގެން  ނުވާނެއެވެ. ވެލިޑިޓީ ނުވަތަ ސައްހަކަން، ވަރަށް ބޮޑަށް ވެލިޑް ނުވަތަ ސައްހަ، މެދުމިނަކަށް ވެލިޑް ނުވަތަ ސައްހަ، ކުޑަކޮށް ވެލިޑް ނުވަތަ ސައްހަ ފަދަ ގިންތި ތަކަށް ބަހާލައިގެން ބޭނުންކުރުން ރަގަޅުވާނެއެވެ.
3.      ވެލިޑިޓީ ނުވަތަ ސައްހަކަން ބަލަންޖެހޭނީ ޓެސްޓް ހެދި ވަކި އާބާދީއަކަށް ނިސްބަތަވާގޮތަށް ޓެސްޓްގެ ނަތީޖާ ދޭހަކޮށް، ބޭނުންކުރުމަށެވެ. ވަޒަންކުރުމުގެ ނަތީޖާއެއް ހުރިހާ ބޭނުމަކަށް ވެލިޑެއްނުވާނެއެވެމިސާލަކަށް، ހިސާބު ނަންބަރު ހެދުމުގެ ހުނަރު ވަޒަންކުރަން ހިސާބު ޓެސްޓުގެ ނަތީޖާ ވަރަށްބޮޑަށް ވެލިޑް ނުވަތަ ސައްހަވާނެއެވެ. އެކަމަކު ހިސާބުގެ ސަބަބު ދެއްކުމުގައި ވެލިޑިޓީ ދަށްވާނެއެވެ. އަދި މުސްތަގުބަލުގައި ހިސާގު މާއްދާއިން ހޯދިދާނެ ކާމިޔާބު ލަފާކުރަން މެދުމިނަކަށް ވެލިޑްވާނެއެވެ. އަދި މުސްތަގުބަލުގައި މިއުޒިކުން ހޯދާނެ ކާމިޔާބު ބަލަން އެއްގޮތަކަށްވެސް ވެލިޑެއްނުވާނެއެވެ. ވެލިޑިޓީއަކީ އެކުވި (ޔުނިޓަރީ) މަފްހޫމެކެވެ. ވެލިޑިޓީގެ ވައްތަރު ސިފަކުރަނީ، ތަޢުލީމީ އަދި ނަފްސާނީ ޓެސްޓް ހެދުމާބެހޭ މާހިރުން އެކުލެވޭ ތިން މުއައްސަސާއެއްގެ މެންބަރުން ހިމެނޭ ކޮމިޓީއަކުން ތައްޔާރުކޮށްފައިވާ މިންގަޑުތަކަށް (ސްޓޭންޑަރޑް) ބަލައިގެންނެވެ. އެމެރިކަން އެޑިއުކޭޝަނަލް ރެސަރޗް އެސޯސިއޭޝަން (އޭ.އީ.އާރ.އޭ) އާއި، އެމެރިކަން ސައިކޮލޮޖިކަލް އެސޯސިއޭޝަން (އޭ.އައި.އޭ)އާއި، ނޭޝެނަލް ކައުންސިލް އޮން މެޝަރމަންޓް އިން އެޑިއުކޭޝަން (އެން.ސީ.އެމް.އީ.އައި 1999) މިތިންތަނުން ތަޢުލީމީ އަދި ނަފްސާނީ ޓެސްޓް ތަކުގެ ފެންވަރަށް ގެނައި އެންމެފަހުގެ ދެ ބަދަލުތަކުގައިވާ ގޮތުން، ވެލިޑިޓީގެ ތަފާތު ވައްތަރު ހުންނަކަމަށް ކުރީޒަމާނުގައި ގަބޫލުކޮށްފައިވާ ގަބޫލުކުރުން އެއީ ރަގަޅު ގަބޫލުކުރުމެއް ނޫންކަމަށް ނިންމުނެވެ. އޭގެ ބަދަލުގައި، ވެލިޑިޓީއަކީ ތަފާތު ވައްތަރުގެ ހެކީގެ މައްޗަށް ބިނާކޮށްފައިވާ އެކުވި މަފްހޫމެކެވެ.
4.      ވެލިޑިޓީގައި އެކުލެވިގެންވަނީ ޖުމްލަކޮށް ނިންމޭ ނިންމުމެކެވެ. މިގޮތަށް ނިންމުން ނިންމަން،ވަޒަންކުރުމުގެ ނަތީޖާ ދޭހަކުރުމަށް އަދި ބޭނުންކުރުމަށް އެހީތެރވުމަށް ހުރި ހެކިތައް ދިރާސާކޮށް އެނިންމުން ރަގަޅުކަމަށް ކަނޑައަޅައި، ވަޒަންކުރުމުގެ ނަތީޖާ ދޭހަކޮށް އަދި ބޭނުންކުރުމުން ނުކުތްނަތީޖާ ދިރާސާކުރާ ކުރަންޖެހެއެވެ. ވަޒަންކުރުމުގެ ނަތީޖާ ވަކި ކަމަކަށް ބޭނުންކުުރުން ނުވަތަ ދޭހަކުރަން ބޭނުންކުރުމަށް ވެލިޑިޓީ ދިރާސާ ކުރެވިދާނެ ފަސް ގޮތެއް ނުވަތަ ހެއްކެއްގެ މަސްދަރު ޕެންވަރުބަލާ މިންގަނޑު ނުވަތަ ސްޓޭންޑަރޑްތަކުގައި ކިޔާދީފައިވެއެވެ. މި ހެކިތަކުގެ މަސްދަރު ބިނާވެފައިވަނީ (ހ) ޓެސްޓްކުރި ބައިތައް، (ށ) ޖަވާބު ދިން ގޮތްތައް، (ނ) އެތެރޭގެ އޮނިގަނޑު (ރ) އެހެނިހެން ވޭރިއަބަލްތަކާ ހުރި ގުޅުން (ބ) ޓެސްޓު ކުރުމުން ކުރިމަތިވެދާނެ ކަންތައްތައް މިއެވެ. އެހެންކަމުން ވެލިޑިޓީ ބަލާއިރު ވިސްނަންޖެހޭ ކަންތައްތަކުގެ ތެރޭގައި ވަޒަންކުރި ތަކެތި، ކުދިން ޖަވާބުދީފައިވާގޮތް، ޓެސްޓްގެ ވަކިވަކި އައިޓަމްތަކާއި ޓެސްޓްގެ ނަތީއާއި ހުރި ގުޅުން، ކުދިން ހާސިލްކުރި މިންވަރާއި އެހެނިހެން ނަތީޖާތަކުގެ ގުޅުމާއި، ވަޒަންކުރުމުން ނުކުމެދާނެ ނަތީޖާ ހިމެނެއެވެ. ކުރީ ޒަމާނުގައި ކުދިންނާއިބެހޭ މަޢުލޫމާތު ނުވަތަ ހެކި އެއްކުރުން ގްރޫޕް ކުރެވިފައިވަނީ ތިރީގައިވާ ތިން ގިންތީގެ ތެރެއިން އެއް ގިންތީގެ ދަށުގައެވެ.
-          ކިޔަވާދޭ ތަކެއްޗާއި ގުޅޭ (content- realted)
-          ޓެސްޓް ތައްޔާރު ކުރެވޭގޮތާއި ގުޅޭ (construct-related) 
-          ކަނޑައެޅިފައިވާ މިންގަޑާއި ގުޅޭ (criterion-related)
މިއިން ކޮންމެވައްތަރެއްގެހެއްކަކީ ވަޒަންކުރުމުގެ ނަތީޖާ ދޭހަކޮށް އަދި ބޭނުންކުރުމުގެ ގޮތްތަކުގެ ވެލިޑިޓީގެ މިންވަރު ކަނޑައަޅުމަށް މުހިއްމު އެއްޗެކެވެ. 

ވަޒަންކުރުން ސައްހަކުރަން ނުވަތަ ވެލިޑޭޓް ކުމަށް ވިސްނަންޖެހޭ އެންމެމުހިއްމު ކަންތައްތައް

ވަޒަންކުރުން ސައްހަކުރަން ނުވަތަ ވެލިޑޭޓް ކުމަށް ވިސްނަންޖެހޭ އެންމެމުހިއްމު ހަތަރު ކަންތައްތަކަކީ؛
1.      ވަޒަން ކުރެވުނު ތަކެއްޗާއި އެތަކެތި ނެގުނު ގޮތުގެ ތަފްސީލް
2.      ވަޒަންކުރެވުނު ބައިތަކުގެ ވައްތަރުތައް
3.      ވަޒަންކުރުމުގެ ނަތީޖާއާއި އެހެނިހެން ބޭނުންތެރި ނަތީޖާތަކުގެ ގުޅުން
4.      ވަޒަންކުރުމުގެ ނަތީޖާ ދޭހަކޮށް އަދި ބޭނުންކުރުމުން ކުރިމަތިވެދާނެ ކަންތައްތައް
އެހެންނަމަވެސް، ޓެސްޓާއިއެހެނިހެން ވަޒަންކުރުމުގެ ގިނަ ބޭނުންތަކަށް މަތީގައިވާ ހަރަތު ވައްތަރުގެ ހެކި ހުރުން މުހިއްމެއްނޫނެވެ. އަދި އެއީ ވާނެކަމެއްވެސް ނޫނެވެ. މިސާލަކަށް، ކުދިންގެ އުނގެނުން ވަޒަންކުރަން ޓީޗަރ ކުލާހުގައި ނެތި ޓެސްޓެއް، ބޭނުންތެރި އެހެން ނަތީޖާއަކާއި ގުޅިފައިހުރިކަމުގެ ހެކި ޓީޗަރ ދައްކަންޖެހޭނެކަމަށް އުއްމީދު ކުރުމަކީ އެކަށީގެންވާ ކަމެއްނޫނެވެ. މި ހާލަތުގައި، އެންމެ މުހިއްމު ކަމެއްދޭންޖެހޭނީ ވަޒަންކުރެވުނު ތަކެއްޗަށެވެ. އެކަމަކު ވަޒަންކުރުމުގެ ނަތީޖާގެ މާނަދޭހަ ކުރުމާއި (ޓެސްޓް ތައްޔާރު ކުރުމުގެ ވިސްނުން) އަދި ކުދިންގެ އުނގެނުމާއި ޝައުގުވެރިކަމަށް ކޮށްފާނެ އަސަރަކަށް ( ނަތީޖާގެ ސަބަބުން ވެދާނެ ގޮތުގެ ވިސްނުން) ބަލާލުމަކީ ކުރަންޖެހޭނެކަމެކެވެ. 

ކިޔަވައިދޭ ބައިތަކަށް(ކޮންޓެންޓް) ބެލުން

ވަޒަން ކުރި އެއްޗެއް ތަމްސީލު ކުރަނީ ކިހާވަރެއްތޯ ބަލައި ވަކިބަޔަކުން ހަދާފައިވާ ސުވާލު ތަކަކުން ނުވަތަ މަސައްކަތްތަކުން ކުއްޖަކު ހާސިލްކުރި މިންވަރު ސިފަކުރުމަށްޓަކައި ކިޔަވައިދިން ބައިތަކަށް ވިސްނުމަކީ ކޮންމެހެން މުހިއްމު ކަމެކެވެ. މިސާލަކަށް، ދީފައިވާ ލިސްޓަކުން 200 ބަސް ރަގަޅަށް ކުދިންލިޔާނެކަމަށް އަހަރެމެން އުއްމީދު ކޮށްފާނެއެވެ. 200 ބަސް ލިޔަން އެނގޭތޯ ބެލުމަކީ ވަރަށްވަގުތު ނަގާނެ ކަމެއް ކަމުން 200 ބަސް ތަމްސީލު ކުރުމަށް 20 ބަސްއިޚްތިޔާރުކޮށް، ޓެސްޓް ކުރެވިދާނެއެވެ. މާގަރެޓް ކިޔާ ދަރިވަރު މި 20 ބަހުގެ %80 ރަގަޅު ކޮށްފިނަމަ، 200ބަހުގެ %80 މާގްރެޓް ރަގަޅުކުރާނެ ކަމަށްބުނެވިދާނެއެވެ.  އެހެންކަމުން، ޓެސްޓް ކުރަން ނެގި ބައިން ކުއްޖާއަށް ހާސިލްވި މިންވަރަކީ، މުޅި ލިސްޓުން އެކުއްޖަކު ތަމްސީލުކުރާނެ މިންވަރު ކަމަށް ބުނެވިދާނެއެވެ.
ޓެސްޓުންލިބުނު ނަތީޖާ ތަރުޖަމާކޮށް، އެލިބުނު އިންސައްތައަކީ ޓެސްޓް ކުރަން ނިންމިހުރިހާ ބައިތަކުން ލިބޭނެ ނަތީޖާކަމަށް ކުރާ ތަރުޖަމާގެ ވެލިޑިޓީ ބިނާވަނީ ހަމައެކަނި ކިޔަވައިދިނުމަށް ކަނޑައެޅި ބައިތަކަށް އެކަންޏެއްނޫނެވެ. މިބައިގެއިތުރުން ޓެސްޓް ތައްޔާރު ކުރުމަށްވެސް ވިސްނަންޖެހެއެވެ. 

ޓެސްޓް ތައްޔާރު ކުރިގޮތަށް ބަލާލުން


 ޓެސްޓް ތައްޔާރު ކުރިގޮތަށް ބެލުން ދެވަނައަށް ލިޔުނަސް، ވަޒަންކުރުމާބެހޭގިނަ މާހިރުން އެންމެ އިސްކަމެއްދޭނީ ވަޒަންކުރުމުގެ ނަތީޖާ ދޭހަކޮށް ނުވަތަ  ބޭނުންކުރުމުގެވެލިޑިޓީ ދިރާސާކުރުމަށް، ޓެސްޓް ތައްޔާރު ކުރިގޮތާބެހޭގޮތުން ވިސްނުމަށެވެ. އަހަރެމެން ކިޔަވައިދެވުނު އެއްޗަކަށް ބަލާލަމުން ފެށީ ކިޔަވައިދެވުނު އެއްޗެއް ބަލާލުމާއި އެތަކެތި ތަމްސީލުކުރެވޭގޮތް ބެލުމުން ޓެސްޓް ނުވަތަ އެހެން ވަޒަންކުރުމުގެ ގޮތަކުން ލިބުނު ނަތީޖާކިހާވަރަކަށް އެ ޓެސްޓް ކުރެވުނު ބައިތައް ތަމްސީލު ކުރޭތޯ ބެލުމަށްއެހީތެރިވެދޭތީއެވެ. އަދި ޚާއްސަކޮށް ހުރިހާ ވައްތަރެއްގެ ވަޒަންކުރުންތަކުން ނުކުތް ނަތީޖާ ތައްޔާރުކޮށް ދިރާސާކުރަން ފަސޭހަވެއެވެ. އެހެންނަމަވެސް، އަހަރެމެން ޓެސްޓާއި އެހެނިހެން ވަޒަންކުރުމުގެ ގޮތްތަކުން ނުކުންނަ ނަތީޖާއިން ދޭހަވާ އެއްޗެއްބަލަނީ ވަރަށް ފުޅާ ވަކި ބައިތަކަކަށް ( މިސާލަކަށް، ކިޔުމުގެ ދޭހަ، މުޢާމަލާތު ކުރުމުގެ ގާބިލްކަން، ސައިންސްގެ އަސާސްތައް އެނގުން) ކަމުން، ވަޒަންކުރަން ބޭނުންކުރި ޓެސްޓް ކަރުދާހާއިމެދު ވިސްނަލަންޖެހެއެވެ. މިބައިތަކަށް ތަފާތު ގޮތްގޮތަށް ނަނަދެވެއެވެ. (މިސާލަކަށް، ހުނަރު، ހަސިލުވި މިންވަރު، ގާބިލިއްޔަތު، ނަފްސާނީ ކަންކަން، އަމިއްލަވަންތަ ސިފަ). އެކަމަކު މި ނަން ނުވަތަ ލޭބަލްތައް ދެވުނުކަމުގައިވިއަސް، ކުދިން ކުދިން ވަކި ޓެސްޓަކުން ހޯދާ މާކްސް ބިނާވާ ތެދު މަޢުލޫމާތު އެކުލެވޭ ޖުމްލަތަކަށްވުރެ އިތުރަށް މިލޭބަލްތަކުން މަޢުލޫމާތު ހޯދެއެވެ. މިސާލަކަށް، ހިސާބު ޓެސްޓަކުން ކުއްޖަކަށް ރަގަޅަށް ޖަވާބު ދެވުނީ %75 ސުވާލަށޭ ބުނުމުގެ އިތުރުން، އެކުއްޖާގެ ކިބައިގައިވަކިމިންވަރަކަށް ހިސާބުގެ ސަބަބު ބަޔާންކުރުމުގެ ގާބިލްކަން ހުރި ކަމަށްވެސް ނިންމިދާނެއެވެ. ޓެސްޓް ކުރުމަށްތައްޔާރު ކުރި އާލާތަށްވިސްނާލާއިރު ކުދިންނަށް އެނގިފައިވާ އެއްޗެއް ނުވަތަ މައްސަލަހައްލުކުރުމުގެ ގާބިލްކަން ހުރީ ކިހާވަރަކަށްތޯފަދަ  ކުދިންނާ ގުޅުންހުރި ބައިތަކާބެހޭ ސުވާލު ކުރުން ހިމެނެއެވެ. މިގޮތަށް ސުވާލުކުރާއިރު ރަގަޅަށްޖަވާބު ދީފައިއޮތީ ޓެކްސްފޮތުގައި އޮތް ޖަވާބު ހަނދާނަށް ގެނެސްގެންތޯ ނުވަތަ ދަރިވަރަށް މުޅިން އާ މައްސަލަ ހައްލުކުރުމުގެ ގާބިލްކަން ނެތި ހަމައެކަނި ނަންބަރު ހަދާ ގޮތް ދަސްކޮށްގެން އެގޮތަށްތޯ ޖަވާބުދީފައިވަނީ ބަލަންޖެހެއެވެ.







1 comment: