ޑޫވީގެ ތަޢުލީމީ
ފަލްސަފާ
މުޙައްމަދު ޢުމަރު (2015)
ފެކަލްޓީ އޮފް އެޑިޔުކޭޝަން / ދިވެހިރާއްޖޭގެ
ޤައުމީ ޔުނިވަރސިޓީ
ޖޯން ޑޫވީއަކީ ކާކު؟
ޖޯން ޑޫވީ އަކީ
20 އޮކްޓޯބަރ 1859 ގައި އެމެރިކާގެ ވާމަންޓަށް އުފަންވި މަޝްހޫރު ފަލްސަފާވެރިއެކެވެ.
އަދި ނަފްސާނީ ޢިލްމުވެރިއެކެވެ. އަދި ސިޔާސީ ގޮތުން ޙަރަކާތްތެރިވި، ތަޢުލީމީ މުސްލިޙެކެވެ.
ޖޯން ޑޫވީގެ ފަލްސަފީ ޚިދުމަތް:
ޑޫވީ ވަނީ ފަލްސަފާގެ ހުރިހާ ދާއިރާއެއްގައިހެން
ލިޔުއްވާފައެވެ. މީގެ ތެރޭގައި، އެޕިސްޓެމޮލޮޖީ، މެޓަފިޒިކްސް، އެއިސްތެޓިކްސް،
އެތިކްސް، އަދި ލޮޖިކް ހިމެނެއެވެ.
- އޭނާގެ ލިޔުއްވި ފޮތާއި މަޒުމޫނުތަކުގެ ނަންތައް ލިޔެ ނިމެނީވެސް 150 ސަފްޙާގެ ފޮތަކުންނެވެ!
- ޑޫވީގެ ލިޔުންތަކަކީ ފަހުމްކުރަން ވަރަށް އުނދަގޫ ބަސްމަގަކުން ހުރި ލިޔުންތަކެއް ނަމަވެސް އޭނާގެ ޚިޔާލުތަކަކީ، އޭރުގެ ފިލޯސަފަރުންގެ ޚިޔާލަށް ފާޑުކިޔާ، މުއްސަނދި ޚިޔާލުތަކެއްކަމުގައި ޑޫވީގެ ލިޔުންތައް ކިޔާ އެންމެން ހެކިވެއެވެ.ޖޯން ޑޫވީގެ ފަލްސަފާ:
- ޑޫވީ އުފަންވި އަހަރަކީ، ޗާލްސް ޑާވިން އޭނާގެ “އޮރިޖިން އޮފް ސްޕީޝީޒް” ޝާއިޢުކުރި އަހަރެވެ.
- އިއްތިފާޤުން ނަމަވެސް، ޑޫވީގެ ފަލްސަފީ ފިކުރަށް ޑާވިންގެ އިވޮލިއުޝަން ތިއަރީގެ އަސަރު ވަރަށް ބޮޑަށް ކޮށްފައިވެއެވެ.
- ޑޫވީއަކީ، ނެޗުރަލިސްޓް ފިލޯސަފަރެކެވެ. ކަންކަން ދެނެގަތުމާއި ބުނެދިނުމުގައި ޙިއްސުތަކަށް ތަޖުރިބާކުރެވޭ މާއްދީ ތަކެއްޗަށާއި ޤުދުރަތީ ކަންކަމަށް ބަރޯސާވެގެން ފަލްސަފާކުރި މުފައްކިރެކެވެ.
- އިންސާނީ ބާރުން ބޭރުގައިވާ ކަންކަމާއި (ސުޕަނެޗުރަލް ފެނޯމެނާ)، އިންސާނުންނަށް ނުފެންނަ އަދި އޭގެ އަސަރުވެސް ފާޅުނުވާ (ޓްރާންސްސެންޑެންޓަލް) ކަންކަމާއި، އިލާހީ (ޑިވައިން) ކަންކަމަކީ ޑޫވީ ޤަބޫލުކުރެއްވި ކަންކަމެއް ނޫނެވެ.
- އޭނާގެ ނަޒަރުގައި އިންސާނުންގެ އައިޑީލްތަކާއި، ރޭވުންތަކާއި، ޢަމަލާއި، ސުލޫކާއި މިކަންކަމަކީ އެބައިމީހުންގެ ކަލާނގެއެވެ! އިންސާނުން މާތްކޮށް ހިތައި، އަޅާލައި، ބަލަހައްޓަންވީ މިދެންނެވި ކަންކަމެވެ. އޭރުން ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށެވެ.ޖޯން ޑޫވީގެ ފަލްސަފީ މެތަޑް:
- ޑޫވީގެ ފަލްސަފީ މެތަޑަކީ، އޭނާ ބުނުއްވާ ގޮތުގައި “ސައިންޓިފިކް މެތަޑެވެ”. އޭނާ މި މެތަޑް ސިފަކުރައްވަނީ “ތިންކިން މޮޑެލް” އެއްގެ ގޮތުގައެވެ.
- ޑޫވީގެ ތިންކިން މޮޑެލްގައި ހިމެނެނީ:
- ކަމެއް ގޯސްކަމުގެ/ މައްސަލައެއް އުޅޭކަމުގެ އިޙްސާސްވުން
- ޢިލްމީ ހީއެއް އުފެދުން (ހައިޕޮތެސިސް)
- ހައިޕޮތެސިސް ކަށަވަރުކުރާނެ ގޮތެއް ކަނޑައަޅައި ރޭވުން
- އެކަށޭނަ އިތުރު ގޮތްތަކާއި ހައިޕޮތެސިސްތަކާއިމެދު ވިސްނުން
- ރޭވި ގޮތް ތަންފީޒުކުރުން
- ނަތީޖާ ވަޒަންކުރުން
- ފަހަށްވިސްނުމާއި ރިފްލެކްޓްކުރުން
- ޑޫވީގެ ފަލްސަފީ މެތަޑަކީ، އިންޑަކްޓިވް މެތަޑެކެވެ. ނަމަވެސް، ފަލްސަފާގައި ބޭނުންކުރަނީ ޑިޑަކްޓިވް މެތަޑެވެ. ވީމާ ޑޫވީގެ ވިސްނުމަކީ ފަލްސަފާކުރުމޭ ބުނެވިދާނެ ހެއްޔެވެ؟
- ޑޫވީގެ މެތަޑުގައިވާ މަރުޙަލާތައް ޢަމަލީގޮތުން ތަންފީޒުނުކޮށް ޑިޑަކްޓިވްކޮށް ވިސްނައިގެން ޖަވާބު ނެރުމަކީ، ޑޫވީގެ ފަލްސަފާއެވެ.
- އަދި ފާހަގަކުރެވޭ ކަމަކީ، އެ މޮޑެލްގައިވާ މަރުޙަލާތައް އިސްފަސް ކުރެވޭނެކަމަށް ޑޫވީ ދެކެވަޑައިގަތުމެވެ.ޖޯން ޑޫވީގެ ފަލްސަފާ:
- ޑޫވީގެ ތަޢުލީމީ ފަލްސަފާ ބިނާކުރެވިފައިވަނީ ޖަރުމަނުގެ ފިލޯސަފަރެއް ކަމަށްވާ ފްރީޑްރިކް ހޭގަލްގެ ފަލްސަފާގެ މައްޗަށެވެ.
- ހޭގަލް ޤަބޫލުކުރެއްވި ގޮތުގައި އިންސާނާގެ މައިންޑަކީ އަސްލެވެ. ނަމަވެސް އެއިން އުފެދޭ ފިކުރަކީ، ބަދަލުވަމުންދާ – އިދިކޮޅު ޚިޔާލުތަކާއި ފުށުއެރުންތަކާއި ހަނގުރާމަކޮށް، ބަޙުސްކުރެވި މި ބީދައިން (ޑައިލެކްޓިކަލްކޮށް) ހަމަޖެހެމުންގޮސް – ކުރިން ކަނޑައެޅިފައި އޮންނަ “އައިޑިއަލް”އަކަށް ވާޞިލްވާ އެއްޗެކެވެ.
- ހޭގަލްގެ މި ޚިޔާލުން، ޑޫވީ ޤަބޫލުކުރެއްވީ ޑައިލެކްޓިކަލް ޕްރޯސަސް އެކަންޏެވެ. ނަމަވެސް، ކުރިން ކަނޑައެޅިފައި އޮންނަ “ނިޔާ” އެއް ނުވަތަ އައިޑިއަލް އޮންނަ ކަމަކަށް ޑޫވީ ނުދެކެއެވެ.
- ޑޫވީގެ ނަޒަރުގައި ކަމެއް ގޯސްވެގެން އެއަށްވުރެ ރަނގަޅު ގޮތަކަށް ބަދަލުކުރަން ނުވަތަ އިސްލާޙްކުރަން މަސައްކަތް ކުރާއިރު، އުފެދޭ “އައު” ގޮތަކީ ނިމުމެއް ނޫނެވެ. އެވަގުތަށް އެއީ ކުރީ ގޮތަށްވުރެ ރަނގަޅު ގޮތެވެ. ނަމަވެސް އައިޑިއަލްއެއް ނޫނެވެ.
- އެހެންކަމުން، ވާޞިލްވާނެ، ދުރު ލަނޑުދަނޑިއެއް ނޯންނާނެއެވެ. އަބަދުވެސް އިސްލާޙުކުރަމުން، ތަރައްޤީކުރަމުން ދާންވީއެވެ.
- ބައެއް މީހުން ހީކުރާ ގޮތާއި ޚިލާފަށް ޑޫވީއަކީ ޣައިބުގައިވާ ކަންކަމަށް މުޅިން އިންކާރުކުރާ ފިލޯސަފަރެއް ނޫނެވެ.
- ޑޫވީ އިންކާރު ކުރައްވަނީ، ޣައިބުގައިވާ އަދި އޭގެ އަސަރުވެސް ސީދަލަށް ފެންނަން ނުހުންނަ ކަންކަމަށެވެ. މިއީ ޓްރާންސްސެންޑެންޓަލް ކަންކަމެވެ.
- މިސާލަކަށް، ޕިއާޖޭގެ މެންޓަލް ސްޓްރަކްޗަރސްއަކީ، ޑޫވީ ޤަބޫލުކުރެއްވި ކަމެއް ނޫނެވެ. ނަމަވެސް، ކުޑަކުދިންގެ ވިސްނުން ބައްޓަންވާ ގޮތާއިމެދު ޑޫވީއާއި ޕިއާޖޭގެ ވިސްނުން ދާދި އެއްގޮތެވެ. ތަފާތަކީ، ޑޫވީގެ ބުނެދިނުމުގައި ސިކުނޑީގައި އުފެދޭކަމަށް ޕިއާޖޭ ބުނުއްވާ ސްކީމާޓާއަށް ޙަވާލާ ނުދިނުމެވެ. ޑޫވީއަށް އެއީ ޓްރާންސްސެންޑެންޓަލް ކަމެކެވެ.ޖޯން ޑޫވީގެ ތަޢުލީމީ ފަލްސަފާ:
- ޑޫވީ ދެކެލައްވާ ގޮތުގައި “ތަޢުލީމަކީ” “ހެދިބޮޑުވުމެވެ.” ތަރައްޤީވުމެވެ.
- “ހެދިބޮޑުވުމަކީ” ބަދަލުވާ ޕްރޯސެސްއެކެވެ. އަދި ނެތުމެއް ނާންނަނީސް، މި ޕްރޯސެސްއަކަށް ނިމުމެއް ނާންނާނެއެވެ. މިސާލަކަށް، ގަހެއް ހެދިބޮޑުވަމުންދާނީ އެވެ. ނޫނީ ގަސް މަރުވާނީއެވެ. ހެދިބޮޑުވާ ހެދިބޮޑުވުމުގައި ނިމޭ މަރުޙަލާއެއް ނާދެއެވެ. ހެދިބޮޑުވުމުގެ ސްޕީޑަށް ބަދަލުއަޔަސް، އެ ބަދަލު އަބަދުވެސް ވެއެވެ. ވީމާ، ނިމިފައި ހުންނާނެ ގޮތުގެ އައިޑިއަލް ތަޞައްވުރެއް ނޯންނާނެއެވެ.
- ޑޫވީގެ މި ފިކުރާއި ޑާވިންގެ ތިއަރީ އޮފް އިވޮލިޔުޝަނާ ހުރި ގުޅުމަކީ ކޮބާ؟
- ޑާވިންގެ އިވޮލިޔުޝަން ތިއަރީގައި ބުނާގޮތުން، އިންސާނުން ދުނިޔޭގައި މި ދިރިއުޅުމުގެ މަޤްޞަދަކީ، ދިރިއުޅުމެވެ. ގިނަ ދުވަހު ދިރިއުޅުމެވެ. ސަރވައިވަލްއެވެ. މިކަމަށްޓަކައި އެހެން އިންސާނުންނާއި މަޚްލޫޤުންނާއި ވާދަކޮށް ވަޞީލަތްތައް ހޯދަންޖެހެއެވެ. ގިނަ ދުވަހު ސަރވައިވް ކުރެވޭނީ އެންމެ ކުފޫހަމަވާ، އެންމެ ފިޓް ސްޕީޝީޒްއަށެވެ.
- ޑޫވީގެ ނަޒަރުން ވިސްނާއިރު، ދަރިވަރުންނަށްދޭ ތަޢުލީމުގެ މަޤްޞަދަކީ، ތަޢުލީމު ދިނުމެވެ. ތަޢުލީމު ދީގެން އެކުދިންގެ ޤާބިލުކަން ދުވަހަކަށްވުރެ ދުވަހެއް އިތުރުކުރުމެވެ. މި ތަރައްޤީއަކީ (ގްރޯތްއަކީ) ނިމޭނެ ކަމެއް ނޫނެވެ. ވީމާ، ތަޢުލީމުގެ މަޤްޞަދަކީ، މިވެނި ކަހަލަ މީހަކަށް ދަރިވަރު ހެދުމެކޭ ނުބުނެވޭނެއެވެ.
- އަހަރެމެންނަށް “އައިޑިއަލް” އެއް ނޭނގޭނެއެވެ. އަބަދުވެސް އެނގޭނީ މިހާރަށްވުރެ ރަނގަޅު، މިހާރަށްވުރެ ޤާބިލު މީހަކަށް ދަރިވަރު ހެދިދާނެކަމެވެ. މިއަދުގެ ވިސްނުމުގައި މާދަމާ ޤާބިލުވާނެ ކަމަށް ދެކޭ ޤާބިލުކަމަކީ ހަމައެކަނި މާދަމާއަށް ބޭނުންތެރި ޤާބިލުކަމެކެވެ. މާދަމާގެ “ޤާބިލުކަމަކީ” މުސްތަޤްބަލުގެ ޤާބިލުކަމެއް ނޫނެވެ.
- ޑޫވީގެ ތަޢުލީމީ ފަލްސަފާގައިވެސް މުދައްރިސުން ވަކިވަކި ފިލާވަޅުތަކަށް މަޤްޞަދު ކަނޑައެޅުން ނުވަތަ އަހަރަކަށް ފަދަ ކުރު މުއްދަތުގެ “މަޤްޞަދު” (ޕާޕަސް) ކަނޑައެޅުން އޮވެއެވެ.
- ނަމަވެސް، މި މަޤްޞަދަކީ ކުދި މަޤްޞަދުތަކެކެވެ. މި ކުދި މަޤްޞަދުތައް ޙާޞިލްވުން މަގުފަހިކޮށްދޭނީ ކޮންމެވެސް ބޮޑު ނުވަތަ ފުޅާ، ދުރުރާސްތާ މަޤްޞަދެއް (ޓާގެޓެއް) ޙާޞިލްވުމަށެވެ. ނަމަވެސް، މި ބޮޑު މަޤްސަދަކީ ސާފުކޮށް ކަނޑައެޅިގެން ބުނަން އެނގޭނެ މަޤްޞަދެއް ނޫނެވެ.
- ޑޫވީގެ ތަޢުލީމީ ފަލްސަފާގައިވެސް މުދައްރިސުން ވަކިވަކި ފިލާވަޅުތަކަށް މަޤްޞަދު ކަނޑައެޅުން ނުވަތަ އަހަރަކަށް ފަދަ ކުރު މުއްދަތުގެ “މަޤްޞަދު” (ޕާޕަސް) ކަނޑައެޅުން އޮވެއެވެ.
- ނަމަވެސް، މި މަޤްޞަދަކީ ކުދި މަޤްޞަދުތަކެކެވެ. މި ކުދި މަޤްޞަދުތައް ޙާޞިލްވުން މަގުފަހިކޮށްދޭނީ ކޮންމެވެސް ބޮޑު ނުވަތަ ފުޅާ، ދުރުރާސްތާ މަޤްޞަދެއް (ޓާގެޓެއް) ޙާޞިލްވުމަށެވެ. ނަމަވެސް، މި ބޮޑު މަޤްސަދަކީ ސާފުކޮށް ކަނޑައެޅިގެން ބުނަން އެނގޭނެ މަޤްޞަދެއް ނޫނެވެ.
- ޑޫވީގެ ފަލްސަފާގައި ހިމެނޭ ގްރޯތް ނުވަތަ ތަރައްޤީގައި ދެކަމެއް ހިމެނެން ޖެހެއެވެ. އެއްކަމަކީ، އެ ތަރައްޤީގެ ސަބަބުން އިތުރު ދޮރުތަކެއް، ފުރުޞަތުތަކެއް ހުޅުވިގެން ދިޔުމެވެ. އިތުރު ތަރައްޤީއައުމެވެ. އަނެއް ކަމަކީ، އޭގެ ސަބަބުން ގުޅުންތައް އުފެދިގެން ދިޔުމެވެ.
- މިހަމައިން ބަލާއިރު، ރަނގަޅު ތަޢުލީމެއް ދެވޭނަމަ، ބޭސްވެރިކަން ކިޔަވާ ދަރިވަރެއް ގްރޯ ވާނެއެވެ. އޭނާއަށް އެރޮނގުން ހުރި އެފަދަ ފުރުޞަތުތައް ހުޅުވިގެން ދާނެއެވެ. އަދި އައު ތަންތަނަށްދެވުމާއި އެދާއިރާގައި އުޅޭ މީހުންނާ ގުޅުން ބަދަހިވެ ވާނެއެވެ. މަންހަޖާއި ޕެޑަގޮޖީ ބައްޓަންވާން ޖެހޭނީ މި ގްރޯތަށް މަގުފަހިވާނެ ގޮތަށެވެ.
- ޑޫވީގެ ފަލްސަފާގައި ހިމެނޭ ގްރޯތް ނުވަތަ ތަރައްޤީގެ މަފްހޫމުގައި ހިމެނޭ މައްސަލައަކީ ކޮބާ؟
- މިސާލަކަށް، ވައްކަންކުރާނެ ގޮތް ވަރަށް މޮޅަށް ދަސްކޮށްގެން މީހަކު ގޮސް ވައްކަން ކުރަން ފެށުމަކީ، އެރޮނގުން އޭނާ ތަރައްޤީވީ ކަމަށް ވާނެ ހެއްޔެވެ؟
- މިސާލަކަށް، ހިސާބު ޢިލްމަށް ޝައުޤުވެރިވެގެން ގޮސް، ދެވި ހިފާފައިވާ ކުއްޖަކު ގިނަ ރޭރޭ، ރޭގަނޑުގެ ކެއުން ކަޓުވާލާފައި ނިދިން މަޙްރޫމްވެގެން ފިލާވަޅު ދަސްކޮށް، އަދި ދުވާލުގެ ވަގުތުތަކުގައިވެސް އެހެން ކުދިންނާ އެކަހެރިކޮށް ހިސާބު ކިޔެވުމުގައި އުޅެގެން ހިސާބު ޢިލްމަށް މޮޅުވެއްޖެނަމަ، އެއީ އޭނާ ތަރައްޤީވުން ކަމުގައި ވާނެ ހެއްޔެވެ؟
- ޑޫވީގެ ފާހަގަކުރެވޭ އަނެއްކަމަކީ އޭނާގެ ތަޢުލީމީ ފަލްސަފާގައި ތުއްތު ކުދިންގެ އުނގެނުމަށް ބޮޑަށް އަލިއަޅުވާލާފައި ވާކަމެވެ. މިގޮތުން އޭނާއަކީ ކުދިންގެ އުޅުން އޮބްޒާވްކުރުމުގައި މަޝްހޫރުވި ސައިކޮލޮޖިސްޓެކެވެ.
- ޑޫވީ ލިޔުއްވި އޭނާގެ “ދަ ސްކޫލް އެންޑް ސޮސައިޓީ” އޭ ކިޔުނު ފޮތުގައި ތުއްތު ކުދިންގެ އުނގެނުން ބައްޓަން ކުރުމުގައި ސަމާލުކަން ދޭންޖެހޭނެ އެކުދިންގެ ޝައުޤުވެރިކަން ހުންނަ 4 ކަމެއްގެ ވާހަކަ ގެނެސްފައިވެއެވެ. އެއީ:
- ތަކެތި ހެދުން (ކޮންސްޓްރަކްޝަން)
- ކަންކަން ބަލާ ހޯދުން (އިންކުއަރީ)
- ފަންނީ ގޮތްގޮތަށް އެކުދިންގެ ޚިޔާލު ފާޅުކުރުން (އާޓިސްޓިކް އެކްސްޕްރެޝަން)
- މުއާޞަލާތުކުރުން (ކޮމިޔުނިކޭޝަން)
- މިކަންކަމަކީ، ތުއްތު ކުދިންގެ ތަޢުލީމީ މަންހަޖެއްގައި ކޮންމެހެންވެސް ހިމެނެން ޖެހޭނެ ކަންކަމެވެ.
- ތަޢުލީމީ ދާއިރާގެ ގިނަ މާހިރުން ދެކެލައްވާ ގޮތުގައި، ތުއްތު ކުދިންގެ ތަޢުލީމުގައި ވަކިވަކި މާއްދާތަކެއް ކިޔަވައިދޭކަށް ނުޖެހެއެވެ. ޑޫވީގެ 4 ބަހާއަށް ރިޢާޔަތްކޮށްގެން އެކަންކަމަށް ފުރުޞަތު ލިބޭނެ ކަހަލަ ޙަރަކާތްތަކެއް ރާވައި ތަންފީޒުކުރުމުން ފުދޭނެއެވެ.
- މި ފަލްސަފާގައި ހިމެނޭ މައްސަލައަކީ ކޮބާ؟
- މިސާލަކަށް، ހިސާބު ޢިލްމު ކިޔަވައިދިނުން!
- ޑޫވީގެ ތަޢުލީމީ ފަލްސަފާގައި ހިމެނޭ މުހިއްމު އަނެއް ކަމަކީ، އުނގެނުން ތަޖުރިބާގެ މައްޗަށް ބިނާކުރުމެވެ.
- ޑޫވީ ޤަބޫލު ކުރައްވާ ގޮތުގައި އުނގަންނައިދޭއިރު:
- (1) ތަޖުރިބާ ކުރާނެ ފުރުޞަތު ކުދިންނަށް ހޯދައިދޭން ޖެހޭނެއެވެ.
- (2) ކޮންމެ ފިލާވަޅެއްވެސް ބިނާކުރަން ވާނީ، ދަރިވަރުންނަށް ކުރިން އެނގިފައިވާ އެއްޗަކާއި އެކުދިންގެ ތަޖުރިބާގެ މައްޗަށެވެ.
- (3) އެއް ތަޖުރިބާއާއި އަނެއް ތަޖުރިބާ ގުޅިގެންދާނެ ގޮތަށް އުނގެނުން ބައްޓަން ކުރާށެވެ. ތަރައްޤީއަށް މަގުފަހިވާނެ ހެންނެވެ.
- ޑޫވީގެ ތަޢުލީމީ ފަލްސަފާގައި ދަރިވަރުން ބައިވެރިކުރުވުމަށާއި ޙަރަކާތްތެރިކުރުވުމަށާއި ދަރިވަރުންގެ ތަޖުރިބާއަށް ދީފައިވާ އިސްކަމުގެ ސަބަބުން، އޭނާގެ ފަލްސަފާއަކީ، މުޅިން “ޗައިލްޑް-ސެންޓާޑް” ފަލްސަފާއެއް ކަމަށް ހީވެފައި އޮވެއެވެ.
- ނަމަވެސް، ޑޫވީއަކީ، ނޭޗާއާއި ނާޗާއާ ދެބަޔަށްވެސް ރިޢާޔަތްކުރެއްވި، “އިންޓަރެކްޝަނިސްޓް” ފަލްސަފާއެއް ގެންގުޅުއްވި ފިލޯސަފަރެކެވެ.ޑޫވީގެ ތިއަރީ އޮފް ނޮލެޖް:
- އެޕިސްޓިމޮލޮޖީގެ އެންމެ މުހިއްމު ސުވާލަކީ، އެއްޗެއް އެނގުމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
- މި ސުވާލަށް ޖަވާބެއް ދިނުމަށް ސޮކްރޭޓްސް ވަރަށް މަސައްކަތް ކުރައްވާފައި ވެއެވެ.
- ސޮކްރޭޓްސްގެ ނަޒަރުގައި އެއްޗެއް އެނގޭކަމަށްވަނީ އެ އެނގޭ އެއްޗަކީ ސައްޙަ އެއްޗަކަށް ވުމުންނެވެ. ސައްޙައެއް ނޫންނަމަ، އެއީ ޢިލްމެއް ނޫނެވެ.
- މިސާލަކަށް، A އަށް P އެނގޭކަމަށްވާނީ، P އަކީ ސައްޙަ މަފްހޫމެއް/ތިއަރީއެއް/ފޯމިޔުލާއެއް...ނަމައެވެ.
- މާނައަކީ، އަހަރެމެން ޢިލްމީ ހޯދުމެއް ހޯދަން ފަށާއިރުވެސް، އެ ޢިލްމު އޭގެ ސައްޙަ ގޮތުގައި ވުޖޫދުގައިވާނެއެވެ. އަހަރެމެން ހޯދުންތައް ހޯދަމުން ގޮސް އެ ޢިލްމަށް ވާޞިލުވަނީއެވެ.
- އަހަރެމެން ހޯދުންތައް ހޯދަން ފެށުމުގެ ކުރިން ވުޖޫދުގައި އެވާ ސައްޙަ “ޢިލްމަކީ” ޙައްޤެވެ. ޙަޤީޤަތެވެ.
- އެހެންކަމުން، ސޮކްރޭޓްސްގެ ނަޒަރުގައި ޙަޤީޤަތް ނުވަތަ ޙައްޤަކީ، ޢިލްމަށްވުރެ ކުރިން ވުޖޫދުގައިވާ އެއްޗެކެވެ. ޢިލްމަށްވުރެ ބޮޑު އެއްޗެކެވެ.
- ނަމަވެސް، ޑޫވީއަކީ ޓްރާންސެންޑެންޓަލް ކަންކަން ޤަބޫލުކުރާ ފިލޯސަފަރެއް ނޫނެވެ. އޭނާއަކީ ނެޗުރަލިސްޓެކެވެ.
- އެހެންކަމުން، ޑޫވީގެ ނަޒަރުގައި ކުރިން ވުޖޫދުގައިވާ ޙަޤީޤަތެއް ނުވަތަ ޙައްޤެއް (ޓްރުތް) ނޯވެއެވެ. އޭނާގެ ނަޒަރުގައި، ޢިލްމަކީ ޙައްޤަށްވުރެ ބޮޑު އެއްޗެކެވެ.
- ޑޫވީގެ ނަޒަރުގައި ޢިލްމަކީ، އަހަރެމެން ހޯދުމެއް ހޯދަންފަށާއިރުވެސް، އަހަރެމެންނަށް އެނގޭ ކަންކަމެވެ. އެކަންކަމުގެ ސަބަބުން އެހޯދުމަކަށް މަގުފަހިކޮށްދޭ، މަގުދައްކައިދޭ، ބޭނުންތެރި ހުރިހާ މަޢުލޫމާތަކީ ޢިލްމެވެ.
- ނަމަވެސް، މިދެންނެވި މަޢުލޫމާތަކީ، ހޯދުމެއް ހޯދަމުން ދިޔަ ދިޔަހެން ތަރައްޤީވާނެ އެއްޗެކެވެ. ނުވަތަ ސައްޙަ ނޫންކަމަށް ފެނިގެން ދޫކޮށްލަން ޖެހިދާނެ އެއްޗެކެވެ. ސައިންޓިފިކް އިންކުއަރީގެ ޠަބީޢަތަކީ މިއީއެވެ.
- މިސާލަކަށް، ދަރިވަރަކު √×+√y=√×+y މި ފޯމިޔުލާ ބޭނުންކޮށްގެން ހިސާބު މައްސަލަތަކެއް ޙައްލުކުރަމުން ދަނީއެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އެ ފޯމިޔުލާއަކީ ސައްޙަ އެއްޗެކެވެ. އެހިނދު އެއީ އޭނާއަށް ޢިލްމެވެ. ނަމަވެސް، އެ ފޯމިޔުލާ ބޭނުންކޮށްގެން މައްސަލަ ޙައްލުކުރަމުންދާ ދިޔުމުގައި މުޅިންވެސް “ސައްޙަ ނޫން” ޖަވާބު ނުކުންނަން ފެށުމުން، ދަރިވަރަށް އެ ފޯމިޔުލާއަކީ ސައްޙަ މަޢުލޫމާތެއް ނޫންކަން އެނގޭނެއެވެ. މިހާ ހިސާބުން އެ ފޯމިޔުލާ ދޫކޮށްލާނެއެވެ. ނުވަތަ މޮޑިފައިކޮށްގެން ނަމަވެސް ސައްޙަ ފޯމިޔުލާއެއް ހޯދަން އުޅޭނެއެވެ. މިއީ އިންކުއަރީއެވެ.
- އިސްވެދިޔަ މިސާލުން، ޑޫވީގެ ތިއަރީ އޮފް ނޮލެޖާއި ޕެޑަގޮޖީގެ މުހިއްމު ދެކަމެއް ފާހަގަވެއެވެ.
- ފުރަތަމަ ކަމަކީ، ފުރާފުރިހަމަވުމުގެ ކޮންމެ މަރުޙަލާ އެއްގައި ވީނަމަވެސް އިންސާނާގެ އުނގެނުމުގައި ކުރިން އޭނާއަށް އެނގޭ މަޢުލޫމާތުގެ ބޭނުން ހިފައެވެ. އަލަށް އުނގެނޭ އުނގެނުން މުޅިން ބިނާވެފައި އޮންނަނީ މިހާރަށް އެނގޭ މަޢުލޫމާތަށެވެ.
- ޙަޤީޤަތުގައި މައްސަލަ ޙައްލުކުރުމަކީ ނުވަތަ ހޯދުމެއް ހޯދުމަކީ އޭގައި ހައިޕޮތެސިސް އުފެއްދުމާއި ޓެސްޓުކުރުން އޮންނަ ކަމެކެވެ. ޢިލްމީ ހީއެއް ކުރެވެން ޖެހެއެވެ. އަދި އާ ޙާލަތްތަކުގައި އެ ޓެސްޓުކުރަން ޖެހެއެވެ.
- ހައިޕޮތެސިސް ޓެސްޓުކުރުން ނޯންނަ ނަމަ އެއީ އިންކުއަރީއެއް ނޫނެވެ.
- މީގެ މާނައަކީ، (ކުރިން ބުނި މިސާލުގައި) ކުއްޖާ ނުބައި ފޯމިޔުލާ ބޭނުންކުރަން ފަށާ ހިސާބުން ޓީޗަރު އެކަން ހުއްޓުވައި ރަނގަޅު ފޯމިޔުލާ ބުނެދީފިނަމަ، އެ ކުއްޖާއަށް އޭނާ ކުރިން ލިޔުނު (ނުބައި) ފޯމިޔުލާ ނުބައިވީ އަދި ރަނގަޅު ފޯމިޔުލާ ރަނގަޅުވަނީ ކީއްވެގެން ކަމެއް ހޯދައެއް ނުގަނެވޭނެއެވެ. ޔަޢުނީ، އެކުއްޖާ އެވަނީ އިންކުއަރީގެ ފުރުޞަތުން މަޙުރޫމު ކުރެވިފައެވެ.
- ނަމަވެސް، ޑޫވީގެ މި ނަޒަރާއި ވަރަށް ގިނަ ތަރުބަވީން ނުރުހެއެވެ.ޑިމޮކްރަސީއާއި ތަޢުލީމު:
- ޑޫވީގެ އެންމެ މަޝްހޫރު ފޮތަކީ، “ޑިމޮކްރަސީ އެންޑް އެޑިޔުކޭޝަން” ކިޔުނު ފޮތެވެ.
- އެ ފޮތުގައި ޑޫވީ “ޑިމޮކްރަސީ” ސިފަކުރައްވަނީ، އެއީ ގުޅިގެން އުޅޭ އުޅުމެއް ކަމުގައެވެ (އެސޯސިއޭޓެޑް ލިވިންގ).
- ނެޗުރަލިޒަމްގެ ނަޒަރުން، ޑޫވީ އިންސާނުން ސިފަކުރައްވަނީ، އިންސާނުންނަކީ އިޖުތިމާޢީ މަޚުލޫޤުން ކަމުގައެވެ. މިހެންކަމުން އިންސާނުންނަކީ، އެކަކު އަނެކަކާއި ގުޅުން އުފައްދާ ބަދަހިކުރަން ބޭނުންވާ ބައެއް ކަމަށެވެ. ގުޅުން އުފައްދަން ބޭނުންވާ ޣަރީޒާއެއް ޠަބީޢީ ގޮތުން އޭނާގެ ކިބާގައި ވެއެވެ.
- އަނެކުންނާ ގުޅުން ބަދަހިކުރަން ޠަބީޢީ ގޮތުން ބޭނުންވުމުގެ ސަބަބުން ގުޅިގެން އުޅުމަށް ބޭނުންވާނެ އުޞޫލުތަކަކާއި ހަމަތަކަކާއި ގޮތްތަކެއް އިންސާނާ އުފައްދައެވެ. މިކަންކަން ފަހުން ވަނީ ސަޤާފަތަށެވެ.
- އެހެންކަމުން، ޑޫވީގެ ނަޒަރުގައި އިންސާނުން އުޅެންވާނެ ގޮތް ކަނޑައަޅާ އުފައްދަނީ ޚުދު އިންސާނާއެވެ. މިއީ މަތިން އެހެން ފަރާތަކުން އަންނަ ކަމެއް ނޫނެވެ. ޑޫވީ ޤަބޫލުކުރާ ގޮތުގައި ކަލާނގެއަކީ ވަކި ޝަޚުޞެއް ނޫނެވެ. ކަލާނގެއަކީ އިންސާނާގެ ޤަބޫލުކުރުންތަކެވެ.
- ނަމަވެސް ޑޫވީގެ ޑިމޮކްރަސީގެ ފިކުރާއި މުޅިން ޚިލާފު ފިކުރުތައް ގެންގުޅުއްވި ތަރުބަވީންނާއި ފަލްސަފާވެރިން އުޅުއްވިއެވެ. މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ތަރުބަވީއަކީ، ރޮބާޓް މޭނާޑް ހަޗިންސްއެވެ.
- ހަޗިންސްގެ ނަޒަރުގައި އިންސާނުން އެއްބަޔަކު އަނެއް ބަޔަކާއި ގުޅިގެން އުޅުމަށް ޓަކައި އެންމެން ޙިއްސާކުރާ މަޢުލޫމާތާއި އަގުތަކާއި އުޞޫލުތަކެއް ބޭނުންވެއެވެ. މި މަޢުލޫމާތު ނުވަތަ ޢިލްމު ނެތި ގުޅުމެއް ނުއުފެއްދޭނެއެވެ. އެހެންކަމުން، ގުޅުން އުފެއްދުމުގެ ކުރިން މި މަޢުލޫމާތު ބޭނުންވެއެވެ. ޔަޢުނީ، އިންޓަރެކްޝަނަށްވުރެ ކުރިން ޢިލްމެވެ.
- ނަމަވެސް، ޑޫވީގެ ނަޒަރުގައި ގުޅުން އުފެދެމުން ދިޔަ ދިޔަހެން ހަޗިންސް އެ ވިދާޅުވާ ޢިލްމު އުފެދޭނެއެވެ. ފުރަތަމަ ބޭނުންވަނީ، އިންޓަރެކްޝަނެވެ. ދެން ޢިލްމު އުފެދޭނެއެވެ. ޢިލްމަކީ، އިންޓަރެކްޝަންގެ ނަތީޖާއެވެ.
- އެހެންކަމުން، އުނގަންނައި ދިނުމުގައި ދަރިވަރުން އެއް ކުއްޖަކު އަނެއް ކުއްޖަކާއި ގުޅިގެން މަސައްކަތް ކުރާނެ މާޙައުލެއް އޮތުމާއި އެކަމަށް ފުރުޞަތު ލިބޭނެހެން އުނގެނުން ބައްޓަން ކުރުމަކީ، ޑޫވީ ޤަބޫލު ކުރެއްވި މުހިއްމު ތަރުބަވީ އުޞޫލެކެވެ.
- މި ނަޒަރުން، ތަޢުލީމާއި ޑިމޮކްރަސީވަނީ ގުޅިލާމެހިފައެވެ.
- ޑޫވީގެ ނަޒަރުގައި ޑިމޮކްރަސީގެ އުޞޫލުން އޮންނަ ގުޅުމެއްގައި ދެ ޝަރުޠެއް އޮވެއެވެ.
- ފުރަތަމަ ކަމަކީ، ގްރޫޕެއްގެ މެމްބަރުންގެ މެދުގައި އެންމެން ޙިއްސާކުރާ ކަންތައްތަކެއް (ހަމަތަކެއް، މަސްލަޙަތުތަކެއް، އަޤީދާއެއް...) އޮތުމެވެ.
- ދެވަނަ ކަމަކީ، އެހެން ގްރޫޕުތަކާއި ގުޅުން އޮތުމެވެ.
- ޑޫވީ ޑިމޮކްރަސީ މާނަކުރާ ގޮތަށް ބަލާއިރު، ގޭންގުތަކަކީ ޑިމޮކްރަސީގެ އުޞޫލު އޮންނަ ބައެއް ނޫނެވެ. ސަބަބަކީ އެމީހުންގެ މެދުގައި ގުޅުން އޮތަސް، މުޖުތަމަޢުގެ އެހެން މީހުންނާ ނުގުޅުމެވެ.
- ޕްލޫރަލިސްޓިކް މުޖުތަމަޢުތަކުގައި ތިމާ ނިސްބަތްވާ ޖަމާޢަތް ފިޔަވާ އެހެން ޖަމާޢަތްތަކުގެ މީހުންނާއި ގުޅުން އޮތުމަކީ ޑިމޮކްރަސީއަށް ޓަކައި މުހިއްމު ކަމެކެވެ.
- ދަރިވަރުންނަކީވެސް ތިމާމެން ނިސްބަތްވާ ކުލާސް ފިޔަވާ އެހެން ކުލާސްތަކުގެ ކުދިންނާވެސް ގުޅިގެން އުޅޭ ކުދިންނަށް ހެދުން މުހިއްމެވެ. ވާދަކުރުން އޮތަސް، އެއްބާރުލުންވެސް އޮންނަން ވާނެއެވެ.ޑޫވީގެ ފަލްސަފާގައި މުޤައްރަރު:
- ޑޫވީގެ ނަޒަރުގައި އުނގެނުން ބައްޓަން ކުރަންވާނީ އިންކުއަރީއަށް ފުރުޞަތު ދެވޭ ތަޖުރިބާއަށް ބިނާކޮށެވެ. މި ތަޖުރިބާއަކީ އިޖުތިމާޢީ ތަޖުރިބާއަކަށްވުމަކީ ވެސް މުހިއްމު ކަމެކެވެ.
- ޑޫވީގެ ނަޒަރުގައި ހިސާބު، ހިސްޓްރީ ފަދަ މާއްދާތައް ކިޔަވައި ދިނުމަކީ މައްސަލައެއް ނޫނެވެ. ނަމަވެސް، (1) ކޮންމެ މާއްދާއެއް ކިޔަވައި ދިނުމުގައިވެސް އެއް މާއްދާއާއި އަނެއް މާއްދާ ގުޅުވެންވާނެއެވެ. (2) އަދި، މާއްދާތަކުގައި ހުށަހެޅޭ މަޢުލޫމާތު ދަރިވަރުންގެ ދިރިއުޅުމާއި މުޖުތަމަޢާ ގުޅުވެން ވާނެއެވެ. (3) އަދި އެ މަޢުލޫމާތު ހޯދުމުގައި ދަރިވަރު ޙަރަކާތްތެރި ކުރުވެން ޖެހޭނެއެވެ. އިންކުއަރީއަށް ފުރުޞަތު ދެވެންވާނެއެވެ.
No comments:
Post a Comment