ރައިވަރު މާނަކުރުން
ރައިވަރު މާނަކުރުމަކީ ރައިވަރުގައި ބުނާ ވާހަކަތައް އަމިއްލަ ޢިބާރާތުން
ކުރުކޮށް ގެނައުމެވެ. ރައިވަރު މާނަކުރަން ފަސޭހަ އަކަށް އެއްމެ ފުރަތަމަ
ރައިވަރުގެ ބަސްތައް ހަމަޖައްސަން ޖެހެއެވެ. އެއީ ގިނަ ރައިވަރުގެ ބަސް އޮޅުވުމާއި
ލަފުޒުތަކުގެ އަކުރުތައް އޮޅުވާފައި ހުންނާތީއެވެ.
ރައިވަރުގެ ބަސްތައް
ހަމަޖެއްސުން
ރައިވަރުގައި ބަސް އޮޅުވައިފައި ހުންނަނީ
ދެގޮތަކަށެވެ. އެއްގޮތަކީ ލަފުޒެއްގެ އަކުރުތައް ހުންނަ ތަރުތީބު އޮޅުވުމެވެ.
އަނެއްގޮތަކީ ޖުމުލައިގެ ލަފުޒުތައް ހުންނަ ތަރުތީބު އޮޅުވުމެވެ.
ލަފުޒުގައި އަކުރުހުންނަ ތަރުތީބު
އޮޅުވާގޮތުގެ މިސާލު:-
"ގަށަމަ
ހުތުވެ ދާ ރުނު" މި މިސާލުގައިވާ ހުރިހައި
ލަފުޒެއްގައި ވަނީ އަކުރު އޮޅުވައިފައެވެ. "ގަށަމަ"
އަކީ
"މަގަށަ"
އެވެ. "ހުތުވެ ދާ
ރުނު" އަކީ "ހުތުރުވެ ނުދާ" އެވެ.
ޖުމުލައެއްގައި ލަފުޒު ހުންނަ
ތަރުތީބު އޮޅުވާގޮތުގެ މިސާލު:-
"ނަށަ
ރަދުން ނަސުރުވެރި" މި މިސާލުގައިވާ
ލަފުޒުތަކުގެ ތަރުތީބަކީ "ނަސްރުވެރި
ރަދުންނަށަ" އެވެ.
ރައިވަރުގައި ލަފުޒުތަކުގެ އަކުރު އޮޅުވައިފައި
ހުންނައިރު ރައިވަރުގެ ބަސްފެށޭ ލަފުޒުގެ އަކުރެއް އެބަހެއްގެ އެންމެ ފަހަތައްވެސް
ގެނެސްފައި ހުރެއެވެ. މިސާލު:
1- "ދަށަ މިފެށީ ބުނުމަށް އަ" (އަދަށަ މިފެށީ
ބުނުމަށް) މިބަސް ފެށޭ "އަދަށަ" މިލަފުޒުގެ
އަލިފު އެއޮތީ މި
ބަހުގެ އެންމެ ފަހަތުގައެވެ.
2- "ހަށްތިރި ހޯރަވާ ހެންމަ" (މަހަށް ހޯރަ
ތިރިވާހެން) މިބަސްފެށޭ "މަހަށް" މި
ލަފުޒުގެ މީމު އެއޮތީ މި ބަހުގެ އެންމެ
ފަހަތުގައެވެ.
ރައިވަރުގެ ބަސްތަކުގައި ލަފުޒު އޮޅުވައިފައި
ވާއިރުވެސް ފެށޭ ލަފުޒާ ގުޅޭ ލަފުޒުވެސް އެބަހެއްގެ އެންމެ ފަހަތަށް ގެނެސްފައި
ހުރެއެވެ. މިސާލު:
1- "ތައްތިރިވެ ކިޔަމޭ ސަނާ" (ރިވެތި ސަނާތައް
ކިޔަމޭ) މިބަސް ފެށޭތަނުގައިވާ "ތައް" މިލަފުޒާ
ގުޅޭ ލަފުޒު"ސަނާ" އޮތީ
މިބަހުގެ އެންމެ ފަހަތުގައެވެ.
2- "އަށް ތިރިވެ ރަސްކަލާ" (ރަސްކަލާ
އަށް ތިރިވެ) މިބަސް ފެށޭތަނުގައިވާ "އަށް" މިލަފުޒާ
ގުޅޭ ލަފުޒު "ރަސްކަލާ" އޮތީ
މިބަހުގެ އެންމެ ފަހަތުގައެވެ.
ރައިވަރުގެ ބައެއް ބަސްތައް ފެށޭ
ލަފުޒާ ގުޅޭ ލަފުޒު، އެލަފުޒާ ޖެހިގެން ދެވަނައަށްވެސް ގެނެސްފައި އޮވެއެވެ.
މިސާލު:
1- "އަށަ ދުނިޔަ ފަދަ ހަދެއް އެރި" (ދުނިޔަ އަށަ
އެރި ހަދެއް ފަދަ) މިބަސް ފެށެތަނުގައި ވާ "އަށަ" މިލަފުޒާ ގުޅޭ ލަފުޒު "ދުނިޔަ"
މިއޮތީ އެލަފުޒާ ޖެހިގެން ދެވަނައަށެވެ.
2- "ލުންދު ކުށަކަށް ނުލާގެހި" (ދުލުން ކުށަކަށް
ގެހިނުލާ) މިބަސް ފެށޭތަނުގައި ވާ "ލުންދު" މިލަފުޒާ
ގުޅޭ ލަފުޒު "ކުށަކަށް"
މިއޮތީ އެލަފުޒާ ޖެހިގެން ދެވަނައަށެވެ
ރައިވަރުގެ ބައެއްބަސް ފެށޭ ލަފުޒާ ގުޅޭބަސް
އެބަހެއްގެ މެދުތެރޭގައިވެސް ބައެއްފަހަރަށް އޮވެއެވެ. މިސާލު:
"ބަށް ތިރިވެ އަދަ ބޯލަނބާ" (އަދަބަށް
ތިރިވެ ބޯލަނބާ) މި ބަސް ފެށޭތަނުގައި ވާ "ބަށް" މި ބަޔާގުޅޭ ބައި
"އަދަ" މިއޮތީ ބަހުގެ މެދުތެރޭގައެވެ. މި ފާހަގަކުރި ދެބަޔަކީ
އެއްލަފުޒެއްގެ ދެބައެވެ. ނަމަވެސް ގުޅޭ ދެލަފުޒުން އެއްލަފުޒު ބަސްފެށޭތަނުގައި
އޮވެފައި އަނެއް ލަފުޒު ބަހުގެ މެދުތެރޭގައިވެސް އޮވެދާނެއެވެ.
No comments:
Post a Comment