Monday, May 4, 2015

ފިލޯސަފީ އޮފް އެޑިޔުކޭޝަން



އެތިކްސް އާއި މޯރަލް އެޑިޔުކޭޝަން
މުޙައްމަދު ޢުމަރު (2015)
ފެކަލްޓީ އޮފް އެޑިޔުކޭޝަން / ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އެތިކްސް (Ethics)
 އިޕިސްޓިމޮލޮޖީއެކޭ އެއްގޮތަށް އެތިކްސްއަކީވެސް ފަލްސަފާގައި ހޫނުކޮށް ބަޙުސްކުރެވޭ ދާއިރާއެކެވެ. މިގޮތުން އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
    އަޚްލާޤީ ހަމަތަކަކީ އެންމެނަށް އެއްގޮތަށް އޮންނަ ކަމެއް ހެއްޔެވެ؟ ޔުނިވާރސަލް ވެލިޔުޒްތަކެއް ވޭހެއްޔެވެ؟
    އަޚްލާޤީ ގޮތުން އެކަކަށް ކުރަން ލާޒިމްވާ ކަމެއް އޭނައެކޭ އެއްފަދަ ޙާލަތުގައިވާ އަނެކާއަށް އެގޮތަށް ކުރުމަށް ލާޒިމްވާނެ ހެއްޔެވެ؟
    އަޚްލާޤީ ގޮތުން ފުރިހަމަ އެއްވެސް އިންސާނަކު ނުވާ ހިނދު، އަޚްލާޤީ ހަމަތައް ނުވަތަ އެތިކްސްއަކީ ޚިޔާލީ ނުވަތަ ފިކުރީ އުފެއްދުމެއް ނޫންހެއްޔެވެ؟ އައިޑިއަލް މީހަކީ ޚިޔާލީ މީހެއް ނޫން ހެއްޔެވެ؟
އެތިކްސް އާއި މޯރާލިޓީ
 ބައެއް ފިލޯސަފަރުންގެ ނަޒަރުގައި އެތިކްސް އާއި މޯރާލިޓީ (Morality) އަކީ ތަފާތު ދެ މަފްހޫމެވެ.
        ފަލްސަފާގައި މޯރާލިޓީއަކީ، އަހަރެމެން އުޅެންވީ ގޮތް އަންގައިދޭ ހަމަތަކެވެ. ޚާއްޞަކޮށް އަނެކުންނާއި ކުރާ މުޢާމަލާތްތަކުގައި ކަންކުރާނެ ގޮތްތަކެވެ. ގެންގުޅޭނެ އުޞޫލުތަކެވެ.
        އެތިކްސްއަކީ، މޯރާލިޓީއާ ބެހޭގޮތުން ފަލްސަފާކުރުމުގެ ދާއިރާއެވެ. އަދި، އެތިކްސްއަކީ އެގްޒިއޮލޮޖީގެ އެއް ބަހާއެވެ (އަނެއް ބަހާއަކީ، އެއިސްތެޓިކްސް އެވެ).
        އަނެއް ބައި ފިލޯސަފަރުން އެތިކްސް އާއި މޯރާލިޓީ ބޭނުން ކުރަނީ އެއް މާނައެއްގައެވެ.
#        އެތިކްސްގެ ރޮނގުން ފަލްސަފާ މައިގަނޑު 3 ދައުރަކަށް ބެހިދާނެއެވެ:
    ޕްރީ-އެންލައިޓެންމަންޓް (ހޭލުންތެރިކަން އައުމުގެ ކުރިން – ޖާހިލިއްޔަ ޒަމާން)
    އެންލައިޓެންމަންޓް (ހޭލުންތެރިވުމުގެ ޒަމާން)
    ޕޯސްޓް-އެންލައިޓެންމަންޓް (ހޭލުންތެރިކަމުގެ ފަހުން އައި ޒަމާން)
ޕްރީ-އެންލައިޓެންމަންޓް އެތިކްސް
        ސޮކްރޭޓްސްއާއި ޕްލޭޓޯ އެތިކްސްއާ ބެހޭގޮތުން ފަލްސަފާކުރައްވާފައިވަނީ، ޚިޔާލަށް ގެނެވޭނެ ނަމޫނާ އިންސާނެއްގައި ހުންނާނެ އަޚްލާޤީ ރަނގަޅު ސިފަތައް ތަޞައްވުރުކޮށްގެންނެވެ.
        އެއާ ޚިލާފަށް، އެރިސްޓޯޓަލްގެ އެތިކްސްއަކީ، ތަޞައްވުރު ކުރެވޭ އައިޑިއަލް އިންސާނަކާއިމެދު ވިސްނުމުގެ ބަދަލުގައި، އޭނާ އުޅުއްވި ޒަމާނުގެ މުޖުތަމަޢުގައި މީހުން އުޅޭ ގޮތާއިމެދު ފިކުރުކޮށް ނެރުއްވި ފަލްސަފީ ވިސްނުމެއް ކަމުން، ޢަމަލީ މައިދާނުގައި އެރިސްޓޯޓަލްގެ  އެތިކްސްގެ ބޭނުންތެރިކަން ބޮޑެވެ.
        އެހެންކަމުން، މިޒަމާނުގައިވެސް އެރިސްޓޯޓަލްގެ އެތިކްސްއާމެދު ޝަޢުޤުވެރިކަންދަނީ އާލާވަމުންނެވެ.
        އެރިސްޓޯޓަލް އެތިކްސްއާމެދު ފަލްސަފާކުރުމުގައި އަންނަނިވި މައުޟޫތަކަށް އިންސާފުކޮށްފައިވެއެވެ:
         ރަޙްމަތްތެރިކަން
         ޖިސްމާނީ އެދުންތައް މެނޭޖްކުރުން
         ހެޔޮނަސީބާއި ބަދުނަސީބު
         ފިކުރުކުރުމާއި ފިކުރީ ދިރިއުޅުން
         އިޖުތިމާޢީ މުޢާމަލާތްތައް
         މާއްދީ މުދާ ބެލެހެއްޓުމާއި މުޢާމަލާތް
         އިސްވެދިޔަ ކަންކަމަށް ވުރެވެސް ބޮޑަށް އެރިސްޓޯޓަލް އިސްކަންދިނީ މީހެއްގެ ކިބާގައި ހުންނަ ރަނގަޅު ސިފަ ނުވަތަ ވާޗޫ (virtue) އަކީ ކޮބައިކަމާއި ނަމޫނާ މީހެއް ދެނެގަންނާނެ ގޮތާމެދު ވިސްނުމަށެވެ.
        އެގޮތުން، އެރިސްޓޯޓަލްގެ Nicomachean Ethics ގައި އޭނާ ސަމާލުކަންދީފައިވަނީ ރަނގަޅު ދިރިއުޅުމެއް އެނަލައިޒްކޮށް އެއަށް ބޭނުންވާނެ ރަނގަޅު ސިފަތައް ނުވަތަ އެއިގެ ސަބަބުން އުފެދޭނެ ރަނގަޅު ސިފަތައް ދެނެގަތުމަށެވެ.
        އެރިސްޓޯޓަލްގެ ނަޒަރުގައި:
         ވާޗޫއަކީ ރަނގަޅު ދިރިއުޅުމަކަށް މުހިއްމު ކަމެކެވެ.
         އަދި ރަނގަޅު ސިފަތައް ލިބިގެންވާ މީހުން ނުވަތަ ރަނގަޅު މީހުންނަކީ ދިރިއުޅުމުގެ ހުރިހާ ކަމެއްގައިވެސް ރަނގަޅަށް އުޅޭ، ރަނގަޅު ގޮތް އިޚްތިޔާރުކުރާ މީހުންނެވެ.
         މީހަކު ރަނގަޅު މީހަކަށްވަނީ ރަނގަޅަށް އުޅެގެންނެވެ.
         އެހެންކަމުން، ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި ރަނގަޅަށް އުޅޭނެ ގޮތާއި ރަނގަޅު ގޮތް އިޚްތިޔާރުކުރާނެ ގޮތް ދަސްކޮށްދިނުމަށް ކުދިންނަށް ތަމްރީނުދޭން ޖެހޭނެއެވެ.
»        އެރިސްޓޯޓަލްގެ އެތިކްސްއަށް ފާޑުކިޔާ މީހުންގެ އެންމެ ބޮޑު އެއް ފާޑުކިޔުމަކީ، އެރިސްޓޯޓަލްގެ ނަޒަރުން ވިސްނައިގެން ދެނެގަނެވޭނެ އެތިކްސްގެ އެންމެ މަތީ ދަރަޖައަކީ، މުޖުތަމަޢުގެ އެހާރެއްގެ ޙާލަތަށް ނިސްބަތްކޮށް މުޖުތަމަޢުގައި އުޅޭ ރަނގަޅު މީހުންގެ ސިފަތައް ދެނެގަތުމެވެ. އައިޑިއަލް މީހަކަށްވުރެ މުޖުތަމަޢުގައި އުޅޭ އަޞްލު މީހާގެ އުޅުން ”ގޯސް“ ވެދާނެއެވެ. އެހެންކަމުން، މުޖުތަމަޢުގެ އެތިކަލް މިންގަނޑު މަތިކުރުމަށް ވިސްނުންވާނީ އުނދަގޫ ކަމަކަށެވެ.
        އެހެންކަމުން، މުޖުތަމަޢުގެ ޙާލަތާމެދު ހިތްހަމަޖެހިގެން ތިބުން އާދަވެދާނެއެވެ.
        އަދި، ބައެއް މުޖުތަމަޢުތަކަކީ، އެ މުޖުތަމަޢުތަކުގެ އުއްމީދާ ގާތަށްވެސް މުޖުތަމަޢުގެ އަފްރާދުންނަށް ނޫޅެވޭ މުޖުތަމަޢުތަކެވެ. މުޖުތަމަޢުގެ އުއްމީދު ދެނެގަނެވޭނީ އައިޑިއަލިޒަމަށް ރިޢާޔަތްކޮށްގެން ނޫންހެއްޔެވެ؟
        ނަމަވެސް، އެރިސްޓޯޓަލްގެ އެތިކްސް ދިފާޢުކުރާ މީހުން ބުނާގޮތުން އެރިސްޓޯޓަލްގެ ފްރޭމްވާކްގައިވެސް މުޖުތަމަޢަށް ބަދަލުގެނައުމުގެ ފުރުޞަތު ލިބިދެއެވެ.
        ޚުދު އެރިސްޓޯޓަލް ދެކެލެއްވި ގޮތުގައި މުޖުތަމަޢަކީ އަބަދުވެސް މިހާރަށްވުރެ ރަނގަޅު ގޮތް ހޯދުމަށް މަސައްކަތްކުރާ ބަޔަކު އެކުލެވޭ ޖަމާޢަތެކެވެ. މިގޮތުން، އެމީހުންގެ ކާބަފައިންގެ ކިބައިން ވާރުތަވި ކަންކަމާއި ސަޤާފީ އާދަތަކަށްވުރެ ރަނގަޅު ގޮތްތައް ހޯދުމުގެ ވިސްނުމުގައި އުޅޭ ބައެކެވެ. މިހާރާއިމެދު ހިތްހަމަޖެހިގެން ތިބޭ ބައެއް ނޫނެވެ. އެހެންކަމުން ހުރިހާ މުޖުތަމަޢުތަކުގައިވެސް ހެޔޮ ބަދަލަށް މަސައްކަތްކުރެއެވެ.
        ނަމަވެސް، އެރިސްޓޯޓަލްގެ ޚިޔާލަށް ފާޑުކިޔާ މީހުން މިކަމެއް ޤަބޫލެއް ނުކުރެއެވެ. އެމީހުން ދެކޭގޮތުގައި ކުރިންވެސް އަދި މިހާރުވެސް އެބައިމީހުންގެ ކާބަފައިންގެ ބޯދާ ގޮތްތަކުގައި ބާރަށް ހިފަހައްޓައިގެން ތިބޭ މީހުން އުޅޭ މުޖުތަމަޢުތައްވެސް މަދެއް ނޫނެވެ. އެބައިމީހުންނަށް އެއީ ބާޠިލް ގޮތްތައްކަން އެނގޭ ހިނދުވެސް މެއެވެ.
        އެރިސްޓޯޓަލްއަށް ތާޢީދުކުރާ މީހުން ބުނާގޮތުގައި އޭނާގެ އެތިކްސްގެ ފަލްސަފާއަކީ، ހަމައެކަނި އޭނާ އުޅުއްވި މުޖުތަމަޢުގެ އޭރުގެ ޙާލަތަށް އެކަނި ރިޢާޔަތްކޮށް އެކުލަވާލި ވިސްނުމެއް ނޫނެވެ.
        ނަމަވެސް، އެރިސްޓޯޓަލްވަނީ، ކޮންމެ މުޖުތަމަޢެއްގައި އުޅޭ އިންސާނުންނަށްވެސް ކުރިމަތިވާނެ އެއްގޮތް ޙާލަތްތަކެއް ތަޞައްވުރުކޮށް އެޙާލަތްތަކުގެ މައްޗަށް ވިސްނައި އެތިކްސްގެ ކަންކަން ބަޔާންކޮށްދެއްވާފައެވެ.
        މިގޮތުން، ތަދާއި ވޭނާއި ކެކުޅުމާއި، މަރާއި، ތަފާތު ވައްތަރުގެ ގެއްލުމަކީ ކޮންމެ އިންސާނަކުވެސް ރެކެން ބޭނުންވާ ބިރުގަންނަ ޙާލަތްތަކެވެ. ނަމަވެސް، ކުރިމަތިވާ ހިނދު، އެމީހުންނަށް ހިތްވަރުގަދަކަން ބޭނުންވާނެ ޙާލަތްތަކެވެ. މިޙާލަތްތަކުގައި ހިތްވަރަކީ ހުރުން ލާޒިމު އެތިކަލް ސިފައެވެ. ވާޗޫއެވެ. 
        ނަމަވެސް، ސުވާލަކީ، އެރިސްޓޯޓަލް އޭނަގެ އެތިކްސްގައި ހިމެނޭ ހިތްވަރު މޮޑެލްކުރީ އެ ޒަމާނުގައި އުޅުނު ހަނގުރާމަވެރި ފަހުލަވާނުންގެ ހުރި ހިތްވަރަށްކަމަށްވާއިރު، މި ހިތްވަރަކީ، ފަހުލަވާނުންގެ ދަރަޖައަށް މުޖުތަމަޢުގެ ކޮންމެ މީހަކުވެސް އިހުބުނިފަދަ ނޭދެވޭ ޙާލަތްތަކުން ސަލާމަތްވާން ބޭނުންވާނެ ހިތްވަރު ހެއްޔެވެ؟
        ޚުދު އެރިސްޓޯޓަލްއަށްވެސް އުނދަގޫ ކަމަކަށްވި ކަމަކީ، ހަނގުރާމައިގެ ޙާލަތުގައި ހިތްވަރުގަދަކަމުގެ ގޮތުން ހަރުކަށި ނަމަވެސް އެބައިމީހުންގެ އަހުލުވެރިންނަށް އޯގާތެރި ބަޔަކު އުފައްދާނެ ގޮތެއް ބުނެދިނުމެވެ.
        އެހެންކަމުން، އެރިސްޓޯޓަލް ބުނުއްވި ގޮތުގައި، ވާޗޫއަކީ އޭގެ ޒާތުގައި މުހިއްމު ސިފައެއް ވިޔަސް، އަސްލު މުހިއްމު ކަމަކީ، ޙާލަތު ނިޔާކުރާ ގޮތެއްގެ މަތިން އެ ވާޗޫގެ ބޭނުން ހިފާ ގޮތެވެ.
        އެތިކްސްގެ އެންމެ މުރައްކަބު އެއް ސިފައަކީ، ރިލޭޓިވިޒަމްއެވެ. ނިސްބިއްޔާތެވެ. ޔަޢުނީ، އެތިކަލް ސިފަތަކަކީ ހުރިހާ މުޖުތަމަޢަކަށް ހުރިހާ ޒަމާނެއްގައި ހަމަ އެއް ސިފަތަކެއް ނުވަތަ ނިސްބީގޮތުން ތަފާތުވާ ސިފަތަކެއް ހެއްޔެވެ؟ އެއް މުޖުތަމަޢެއްގައި ރަނގަޅު ކަމެއް އަނެއް މުޖުތަމަޢެއްގައި ނުބައިކަމަކަށް ނުވަތަ މާބޮޑުކަމަކަށް ނުވެދާނެ ހެއްޔެވެ؟
        އެތިކަލް ރިލޭޓިވިޒަމްގެ ނަޒަރުން އެރިސްޓޯޓަލްގެ ޚިޔާލަށް ފާޑުކިޔާ މީހުން ކުރާ އެއް ސުވާލަކީ، އޭނާގެ ފަލްސަފާގައި އަޅުވެތިކަން ނުވަތަ ސްލޭވަރީއަކީ، މައްސަލައެއްގެ ގޮތުގައި އެރިސްޓޯޓަލް ބަލާފައި ނުވުމެވެ. އަދި ކިއެއްތަ، އެއީ އެތިކަލް ކަމެއްގެ ގޮތުގައި ބަލާފައިވުމެވެ. މިގޮތުން އެރިސްޓޯޓަލްވަނީ، ރަނގަޅު ސާހިބަކު އޭނާގެ އަޅުންނާމެދު ކަންތައްކުރާނެ ރަނގަޅު ގޮތް ސިފަކޮށް، އަދި ރަނގަޅު އަޅެއްގެ ކިބާގައި ހުންނާނެ ސިފަތައް ބުނެދީފައެވެ.
        ސާހިބު މީހާ ކިތަންމެ ރަނގަޅަސް އަދި އަޅުން ކިތަންމެ އުޅޭ ހިތުން އުޅުނަސް، އަޅުވެތިކަމަކީ އިންސާނީ ޙައްޤުތަކާ ޚިލާފު، އިންސާނީ ޠަބީޢަތާއި ތަފާތު ކަމެކެވެ.
        ނަމަވެސް، އެތިކަލް ރިލޭޓިވިޒަމް ޤަބޫލުކުރުމުގެ މާނައަކީ ހަމައެކަނި އަންނަނިވި ފަދައިން ބުނެ ފުއްދާލުމެއް ނޫނެވެ.”އެއީ އަހަރެމެންނަށް ރަނގަޅު ގޮތެއް ނޫނަސް، އެމީހުންނަށް ރަނގަޅު ގޮތެކެވެ.“
        އެކަމަކު، އެއީ އެފަދަ އަންޑަސްޓޭންޑިންގއަކާއެކު ނަމަވެސް އެކަމުގައި ހިމެނޭ މޯރަލް/އެތިކަލް މިންގަނޑު އެނަލައިޒްކުރުމެވެ.
        ވާޗޫއަށް ބިނާވެފައި އޮންނަ އެތިކްސްގެ ސަބަބުން އުފެދޭކަމަށް ބުނާ އަނެއް މައްސަލައަކީ، އެލީޓިޒަމެވެ.
        އެލީޓިޒަމަކީ، ޝަރަފުވެރި (ޢާއްމުކޮށް މުއްސަނދި، ޤަދަރުވެރި) މީހުން ޝަރަފުވެރިވެ، އެނޫން މީހުންނާ ތަފާތުވެގެން ދިޔުމެވެ. މިގޮތުން އިޖުތިމާޢީ ނަހަމަކަމެއް އުފެދުމެވެ.
        މިހެން މިކަން ވާގޮތަކީ، ރަނގަޅު މަޤާމުތަކަށް ރަނގަޅު ސިފަތައް ލިބިގެންވާ މީހުން އައްޔަންކުރަނީއެވެ. އެ މަޤާމުތަކުގެ މަސްއޫލިއްޔަތަށް ބޭނުންވަނީ އެފަދަ މީހުންކަމަށްވާތީއެވެ. ދެން ވާގޮތަކީ، އެފަދަ މަޤާމުތައް އަދާކުރާތީ އެމީހުންގެ ނަފްސުގައިވާ މިދެންނެވި ސިފަތައް އިތުރަށް ވަރުގަދަވެ އަށަގަންނަނީއެވެ. މިހެންވުމުން އެމީހުން އިތުރަށް ވާޗުއަސްވަނީއެވެ. ދެން، މިފަދަ މަޤާމުތަކަށް ނާދެވި ތިބި، ނުރަނގަޅު މީހުން ހައްތަހާ ނުރަނގަޅުވަނީއެވެ. ނުވަތަ ދެބައި މީހުންގެ މެދުގައި އޮންނަ ތަފާތު ބޮޑުވަނީއެވެ.
        ސްކޫލުތަކުގައި ދެވޭ ތަރުބިއްޔަތުގައި ނުރަނގަޅު ދަރިވަރަކު ރަނގަޅު ކުރުމަށްޓަކައި ބައެއް ފަހަރު އޭނާއަށް މަސްއޫލިއްޔަތު އަދާކުރަންޖެހޭ ރަނގަޅު މަޤާމެއް ދެއެވެ. މިސާލަކަށް، ކުލާސް މޮނީޓަރަކަށް ހަދައެވެ. މީގެ ސަބަބުން، އޭނާއަށް އޭނާގެ މުހިއްމުކަން އިޙުސާސްވެ، މަސްއޫލިއްޔަތުގެ ސަބަބުން އުޅުން އިސްލާޙުވުމަށް ބާރުއަޅައެވެ. ނުވަތަ ދުނިޔޭގެ ލަދަށްޓަކައިވެސް އިސްލާޙުވެއެވެ.
        ނަމަވެސް، އިސްވެދިޔަފަދަ ގޮތްތައް އަސްލު މުޖުތަމަޢުން ނުފެންނަނީ ކީއްވެބާވައެވެ؟
މިޑިލް އޭޖަސް
 އެރިސްޓޯޓަލްއަށްފަހު އައި މެދު ޒަމާނުގައި، އެތިކްސްގެ ސިފަތައް ކަނޑައަޅާފައިވަނީ ފައްޅިތަކުގެ ފާދިރީންނެވެ. އެބައިމީހުން މިކަން ކޮށްފައިވާކަމަށްވަނީ، ދީނީ ޢަޤީދާތަކުގެ އަލީގައި އައިޑިއަލް މީހެއް ތަޞައްވުރުކޮށްގެންނެވެ.
        ފާދިރީންގެ ނަސޭޙަތަކީ، އެނޫން މީހުން ބަލައިގަންނަ ކަމަކަށްވެފައިވިއެވެ. އެކަންކަމާ ސުވާލު އުފައްދައި އުޅުނީ މަދު ބައެކެވެ.
        ފަލްސަފާއާއި ދީން ވަކި ކުރަން ކުރިން ގޮވާލި އަދި އޭރުވެސް އެކަމާއުޅުނު މީހުންވެސް އެތިކްސްގެ ދާއިރާގައި ފަލްސަފާކުރުން މަތިކުރީ ދީނީ ފަރާތްތަކާއެވެ.
        މެދު ޒަމާނުގެ އެތިކްސްއަށް ބަލާއިރު، އެތިކްސްގެ ދައުރަކަށް ވެފައިވީ މުޖުތަމަޢު އިސްލާޙުކޮށް ރަނގަޅު ކުރުމަށްވުރެ ބޮޑަށް، ދިރިއުޅުން ވަކި އިންތިޒާމެއްގެ މަތިން ގެންދިޔުމަށް އަމްނު އަމާންކަން ޤާއިމްކުރާ ބާރެއްގެ ގޮތުގައި ބެލުމެވެ.
        މިގޮތުން، އަނިޔާ ލިބުމާއި، ކެކުޅުންތަކާ ކުރިމަތި ވުމަކީވެސް މި ދުނިޔޭގައި ބަޔަކަށް ދިމާވެދާނެ ކަމެއް ކަމަށާއި އެފަދަ ކޮންމެ ޙާލަތަކުން އަދި ސަލާމަތް ނުވެދާނެކަމާއި ބޭނުންވަނީ ކެތްތެރިކަންކަމަށް ވިސްނައިދީފައި ހުރެއެވެ. އެޙާލަތްތަކުގައިވާ މީހާގެ ޢަޤީދާ އޮންނަ ގޮތަކީ، މިދުނިޔޭގައި އިންސާފު ނުލިބުނަސް އުޚްރަވީ ޙަޔާތުގައި ޙިސާބުކުރެވި އިންސާފު ލިބޭނެކަމަށެވެ.
އެންލައިޓެންމަންޓް އެތިކްސް
        މެދު ޒަމާނުގެ ތެރޭގައި ފާދިރީންނަށް ލިބުނު ބާރާއި ނުފޫޒު ނަހަމަ ގޮތުގައި ހިފަންފެށުމާ ގުޅިގެން މިނިވަންކަމަށް ގޮވާލާ ބަޔަކު ނުކުމެ، މީސްތަކުން ހޭލުންތެރިވުމަށް ގޮވާލިއެވެ.
        އެންލައިޓެންމަންޓްގެ ޒަމާނަކީ، ދީނީ ފާދިރީންގެ ވަކިތަކުން މީސްތަކުން ސަލާމަތްކޮށް ކޮންމެ މީހަކުވެސް އެމީހެއްގެ ވިސްނުމުގެ ތަރާދުން ކަންކަން ވަޒަންކޮށް ދިރިއުޅެން މީސްތަކުން ހޭލުންތެރިވި ޒަމާނެވެ.
        ވަކި މީހަކު ބުނާ ގޮތަކަށް އުޅުމަށްވުރެ ކޮންމެ މީހަކުވެސް އަމިއްލަ ވިސްނުމުން ރަނގަޅު ގޮތް ހޯދައިގެން އުޅުމަށް ވަކާލާތުކުރި އެއް ފިލޯސަފަރަކީ ކާންޓެވެ.
        ރޭޝަނަލިޒަމްގެ މިއުޞޫލުން ބަލާއިރު، ކޮންމެ މީހަކުވެސް އުޅެންވާނީ، އެމީހެއްގެ އެތިކަލް ނުވަތަ އަޚްލާޤީ މިންގަނޑަކީ ޤާނޫނުކަމަށް ހެދޭނެފަދަ މިންގަނޑެއްގައެވެ. ޔަޢުނީ، ކޮންމެ މީހަކުވެސް ސުލޫކު ބަހައްޓަންވާނީ، އޭނަފަދައިންވާ އެހެން މީހަކުވެސް ކަންތައް ކުރަންޖެހޭނެ ގޮތަށެވެ. އަދި އޭނަގެ ސުލޫކުވާނީ، އޭނަފަދައިންވާ އަނެކާވެސް ޢަމަލުކުރާނެފަދަ ގޮތަކަށެވެ. 
        ކާންޓްގެ އެތިކްސްއަކީ، ޑިއޮންޓޮލޮޖިކަލް އެތިކްސް  (deontological ethics)ގެ ވައްތަރެކެވެ.
        ޑިއޮންޓޮލޮޖިކަލް އެތިކްސްއަކީ، ޚުލްޤު ބައްޓަން ކުރުމުގައި ޑިއުޓީ ނުވަތަ މަސްއޫލިއްޔަތަށް ބާރުއަޅާ އެތިކްސްއެވެ (ގްރީކްގެ ލަފުޒު”ޑިއޮން“ ގެ މާނައަކީ ޑިއުޓީއެވެ).
        ޑިއޮންޓޮލޮޖިކަލް އެތިކްސް ބުނާގޮތުން ކޮންމެ މީހަކުވެސް ރަނގަޅަށް އުޅުމަކީ އެމީހަކު ކުރަން ޖެހޭނެ ކަމެކެވެ. އެއީ އެމީހެއްގެ މަސްއޫލިއްޔަތެކެވެ. މީހަކު ރަނގަޅަށް އުޅެންޖެހޭނީ ވަކި ޙާލަތެއް ކުރިމަތިވެގެން ނުވަތަ ވަކި މީހަކު ބުނެގެން ނުވަތަ ވަކި ޤާނޫނެއް ލާޒިމްކުރާތީއެއް ނޫނެވެ.
        ޑިއޮންޓޮލޮޖިކަލް އެތިކްސްގައި، ޢަމަލެއް ރަނގަޅުވަނީ، އެ ޢަމަލެއްގެ ޒާތުގައި ރަނގަޅުވީމައެވެ. އެއިން ކުރާ އަސަރާއި އެނޫން ޢަމަލުތަކާއި އެ ޢަމަލާއި ހުންނަ ތަފާތުކަމަކުން ނޫނެވެ.
        ޑިއޮންޓޮލޮޖިކަލް އެތިކްސްއާ ތަފާތު އެތިކްސްގެ ވައްތަރަކީ، ޓީލިއޮލޮޖިކަލް އެތިކްސް (teleological ethics) އެވެ.
        ޓީލިއޮލޮޖިކަލް އެތިކްސްގައި ޢަމަލެއް ރަނގަޅުވަނީ އެއިން ކުރާ އަސަރު ނުވަތަ ނުކުންނަ ނަތީޖާ ރަނގަޅުވީމައެވެ. ވީމާ، ތިމާ ރަނގަޅަށް އުޅެންޖެހެނީ، ތިމާ އެހެން ނޫޅެފިނަމަ އަނެކުންނަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައެވެ. އަދި، އަނެކުންނަށް ގެއްލުންވެދާނެ ނުވަތަ ތިމާއަށް އެކަމަކުން ގެއްލުންވާނެ ކަމެއް ކޮށްގެން ނުވާނެއެވެ.
        ތިމާކުރާ ކަމަކުން ނުކުންނަ ނަތީޖާއަކީ ޓީލިއޮލޮޖިކަލް އެތިކްސްގައި ރިޢާޔަތްކުރަންޖެހޭ މުހިއްމު ކަމެކެވެ.
        ކާންޓުގެ ރޭޝަނަލް އެތިކްސްގެ ފައިދާތައް ގިނައެވެ. އޭގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ:
    ކާންޓްގެ އެތިކްސްގައި އަމިއްލަ ބުއްދިން ކަންކަން ވަޒަންކުރުމަށް ބާރުއަޅާފައިވެއެވެ.
    އެހެން ބައެއްގެ ގޮތްތަކަށް ތަބާވުމަށްވުރެ، އަމިއްލަ ފަރުދީ ޙައްޤުތަކާއި މިނިވަންކަން ދަމަހައްޓަން ބާރުއަޅާފައިވެއެވެ.
    މަންތިޤީ ހަމައިން އެތިކްސްގެ ކަންކަން ދެނެގަތުމަށް ބާރުއަޅައެވެ.
    އޮބްޒަވޭޝަނާ ނުލައި، ޚިޔާލީ ފިކުރިއްޔާތަށް ނުވަތަ އައިޑިއޮލޮޖީގެ އަލީގައި ތަޞައްވުރުކޮށްގެން އެތިކްސްގެ ކަންކަން ދެނެގަތުމުގެ ފުރުޞަތު ހޯދައިދެއެވެ.
    ސާބިތު އަގުތަކެއް ނުވަތަ އެބްޒޮލިއުޓް ވެލިޔޫޒް ކަނޑައެޅެއެވެ (”ވައްކަން ނުކުރާށެވެ).“
        އެބްޒޮލިއުޓް ވެލިޔޫޒްގައި ބަލާނީ ”ރައިޓް“ ކަންކަމަށެވެ. ”ގުޑް“ ކަންކަމެއް ނޫނެވެ.
        ރައިޓް ކަންކަމަކީ، އަބަދުވެސް އެކަމުގެ ޒާތުގައި ރަނގަޅު ކަންކަމެވެ. ގުޑް ކަންކަމަކީ، ޙާލަތު ނުވަތަ ނަތީޖާ ނިޔާކުރާ ގޮތުން ރަނގަޅު ކަންކަމެވެ.
        ކާންޓިއަން އެތިކްސްގައި ހުންނަ އެބްޒޮލިއުޓް ވެލިޔޫޒްއަކީ، ދީނީގޮތުން ވާޖިބުވެގެން ނުވަތަ ބަޔަކު ބުނާތީ ޤަބޫލުކުރާ ހަމައެއް ނޫނެވެ. އަމިއްލަ ވިސްނުމަށް ފެނިގެން އަދި މަންތިޤީ ޢާއްމު ހަމަތައް ނިޔާކުރާތީ ޤަބޫލުކުރާ ހަމަތަކެވެ.
        ރައިޓް ކަންތައްތަކަކީ، އޮތޯރިޓީއަކަށް ކިޔަމަންތެރިވުމުގެ ގޮތުން ނުވަތަ އެފަދަ ފަރާތަކަށް އޮންނަ ލޯތްބެއްގެ ސަބަބުން ނުވަތަ ގަންނަ ބިރެއްގެ ސަބަބުން ކުރާ ކަންކަމެއް ނޫނެވެ.
        ކާންޓްގެ ޚިޔާލަށް ފާޑުކިޔާ މީހުން އެބްޒޮލިއުޓް ވެލިޔޫޒްގެ ޔުނިވަރސަބިލިޓީއާ އިންކާރު ކުރެއެވެ. އެމީހުން ދެކޭގޮތުގައި އަމިއްލަ ވިސްނުމުން ކަމެއް ރަނގަޅުކަމަށް ނިންމާއިރު، ސަޤާފަތާއި އާދަކާދައަކީ މީހުންގެ ވިސްނުމަށް އަސަރު ފޯރުވާ ކަންކަމެވެ. ވީމާ، ސަޤާފަތާއި ގުޅޭ ގޮތުން އެބްޒޮލިއުޓް ވެލިޔުތައްވެސް ތަފާތުވާނެއެވެ.
        އަދި ކާންޓް އެބުނުއްވާ އެބްޒޮލިއުޓް ވެލިޔޫޒްއަކީ އަޞްލެއްތޯވެސް ބައެއް މީހުން ސުވާލުކުރެއެވެ.
        ކާންޓް ބުނުއްވާ ގޮތުގައި ”ދޮގު ހަދައިގެން ނުވާނެއެވެ“ މިއީ ޔުނިވާރސަލް އެބްޒޮލިއުޓް ވެލިޔުއެކެވެ. ޔަޢުނީ، ހުރިހާ ތަނަކާއި ޙާލަތަކަށް ފެތޭ ހަމައެކެވެ.
        މިގޮތުން، ކާންޓްގެ ނަޒަރުގައި ތިމާގެ އެކުވެރިޔާ މަރާލުމުގެ ޤަސްދުގައި އޭނާ ވީތަން ހޯދަން ޤާތިލަކު ތިމާއާ ސުވާލުކުރިޔަސް އެކުވެރިޔާ ވީތަން ތިމާއަށް އެނގޭނަމަ ދޮގު ނަހަދައި ތެދަށް ބުނަންވާނެއެވެ!
        ނަމަވެސް، އެފަދަ ޙާލަތެއްގައި އެކުވެރިޔާ ސަލާމަތްކުރަން ކުރަންޖެހޭ އެހެން ކަންކަން (އެއީ އެތިކަލް ކަންކަމަށް ވާނަމަ) ކުރަންވާނެއެވެ. މިސާލަކަށް، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރުން ފަދަ ކަންކަމެވެ.
        އެތިކްސްގެ ބައެއް އެހެން ފަލްސަފާތައް ބުނާ ގޮތުން، އެކަމަކުން ނުކުންނާނެ ނަތީޖާއަށް ބަލައި ބައެއް ކަންކަމުގައި ހުންނަ އެބްޒޮލިއުޓްކަން/ސާބިތުކަން ކެނޑި، އެކަމެއް ނިސްބީވެދާނެއެވެ.
        މިސާލަކަށް، ބައެއް ޙާލަތުގައި ދޮގުހެދުމަކީ، ތެދު ބުނުމަށްވުރެ ރަނގަޅުވެސް ވެދާނެއެވެ (ވައިޓް ލައިޒް).
        އެތިކަލް ވެލިޔުއެއްގެ ގޮތުން ތެދުބަސް ބުނުމާއި ދޮގުހެދުމަށް ބަލާއިރު، އެކި ޙާލަތުގައި މިކަން އޮންނަނީ އެކި ގޮތަށެވެ.
        މިސާލަކަށް،، ފިހާރައެއްގެ ސޭޓު އެފިހާރައިން ވިކޭ މުދަލުގެ އަގަށްވާ ބައެއް ފައިސާ އަމިއްލަ ޖީބަށް ލާފައި، މުދާ ނުވިކޭކަމަށް ދެއްކުންފަދަ ޚިޔާނާތުގައި މަކަރާއި އޮޅުވާލުންވާކަމަށް އެންމެންވެސް ޤަބޫލުކުރެއެވެ. މިއީ ވިޔަފާރީގައި ދޮގާއި މަކަރު ހެދުންކަމުގައި ބުނެއެވެ.
        ނަމަވެސް، ވިޔަފާރިވެރިން އެބައިމީހުންގެ މުދާ އިސްތިހާރުކުރުމާއި ވިއްކުމުގައި އޮޅުވާލުމާއި މަކަރާއި ދޮގުހެދުމަކީ ދޮގުހެދުން ކަމުގައެއް ނުވެއެވެ. އެއީ ވިޔަފާރީގެ އުކުޅެވެ!
        ވީމާ، ތެދުބުނުމާއި ދޮގުހެދުމަކީވެސް ނިސްބީ ކަމެއް ނޫން ހެއްޔެވެ؟ ބުނެ ފާޑުކިޔާ ފިލޯސަފަރުންވެސް އުޅެއެވެ.
        ބައެއް މީހުން ކާންޓްގެ އެތިކްސް ސިފަކުރަނީ، އެއީ ވެރިފަރާތަށް ކިޔަމަންވާ ކިޔަމަންވުމަކީ ވެރިފަރާތަށްކުރާ އިޙްތިރާމާއި ވާ ލޯތްބާއި މިފަދަ ކަންކަމުން މިނިވަންވެގެންވީ ކަމެއް ކަމުގައި ކަނޑައަޅައި، ވެރިފަރާތާއި ބޯލަންބާ ފަރާތާއި ދެމެދު ގުޅުމެއް ނެތްކަމަށް ބުނާ ފަލްސަފާއެއް ގޮތަށެވެ.
        ސިޔާސީ ގޮތުންނަމަ، ވެރިންނާއި ރައްޔިތުންނާ ދެމެދު ގުޅުމެއް ނޯންނަކަމަށް ބުނާ ފަލްސަފާއެއް ގޮތަށެވެ. ދީނީ ގޮތުންނަމަ، އަޅުންނާއި ކަލާނގެއާ ދެމެދު ގުޅުމެއް ނޯންނަ ގޮތަށެވެ.
        ދީނީ ގޮތުން ބަލާއިރު، ކަލާނގެއަށް ކިޔަމަންތެރިކަން އަދާކުރަނީ ކަލާނގެ ދެކެ ގަންނަ ބިރަކުން ނުވަތަ ވާ ލޯތްބަކުން ކަމަށް ފިލޯސަފަރުން ބުނެއެވެ.
        ވީމާ، ކަލާނގެ އަމުރުފުޅުތަކަށް ބޯލަނބަނީ އެ އަމުރުފުޅުތައް އަމިއްލަ ވިސްނުމުން ކިޔާ ވަޒަންކޮށް އެއީ ރަނގަޅު ކަންކަން ކަމަށް ފެނިގެންނެއް ނޫނެވެ. ކަލާނގެ އެންގެވީތީ ވާޖިބުވާ ކަމެއް ގޮތަށް ދެކިގެންނާއި، ކަލާނގެ އަމުރުފުޅުތަކަކީ އަބަދުވެސް ރަނގަޅު އަމުރުފުޅުތަކެއް ކަމަށް ޤަބޫލުކުރާތީއެވެ. މި ކިޔަމަންތެރިކަން އަދާކުރުމުގައި ރޭޝަނަލިޒަމެއް ނޯވެއެވެ.
        އެއްގޮތަކުން ބަލާނަމަ، އިސްވެ ބުނެވުނު ވިސްނުމަކީ ސައްޙަ ވިސްނުމެކޭ ބުނެވިދާނެއެވެ. އަދި، ކާންޓުގެ ވިސްނުމަކީވެސް މަންފާކުރަނިވި ވިސްނުމެކޭވެސް ބުނެވިދާނެއެވެ.
        މިސާލަކަށް، ޤާނޫނު އަސާސީއަށް ކިޔަމަންވަނީ، ވަކި މީހަކު ރައީސްކަމުގައި ނުވަތަ ވަލިއްޔުލް ޢަމްރުގެ މަޤާމުގައި ހުންނާތީއެއް ނޫނެވެ. ވަކި ސަރުކާރަކަށް ބޯލަނބާ އުޞޫލަކުން ނޫނެވެ. އެންމެންގެ ލާބައާ މަންފާއަށްޓަކައި ހެދިފައި ހުންނަ ޤާނޫނީ ދުސްތޫރަށް ތަބާވަނީ އޭގެ ޒާތުގައި ރަނގަޅު ކަމެއްކަމަށް ފެންނާތިމެއެވެ. ވެރިންނާ އޮންނަ ގުޅުމެއްގެ ސަބަބަކުން ނޫނެވެ. ތިމާ ނުރުހޭ ވެރިޔަކު ޤައުމުގެ ވެރިކަމާ ޙަވާލުވިޔަސް، ތިމާ ޤާނޫނުތަކަށް ބޯލަނބަން ޖެހޭނެ ނޫން ހެއްޔެވެ؟
        ކާންޓިއަން އެތިކްސްއާ ޚިލާފަށް، ޔޫޓިލިޓޭރިއަނިޒަމް   (utilitarianism) ގައި ރަނގަޅު ކަމެއް ގޮތުގައި ކަމެއް ކަނޑައެޅުމުގެ ކުރިން ރަނގަޅު ކަމުގެ ތަޞައްވުރެއް އޮންނަން ޖެހޭނެއެވެ.
        ޔޫޓިލިޓޭރިއަނިޒަމްގައި، އެންމެ ރަނގަޅު ކަމަކީ އެކަމަކުން އެންމެ އުފާވެރިކަން ގެނުވާނެ ކަމެވެ.
        ޔޫޓިލިޓޭރިއަނިޒަމްގައި ބަލާ ހަމައަކީ، އެންމެ ގިނަ މީހުންނަށް ރަނގަޅުވާނެ، ޔަޢުނީ އުފާވެރިކަން ގެނުވާނެ، ކަމަކީ ރަނގަޅު ކަންކަމުގައެވެ.
        އެންމެ ކުރީގެ ޔޫޓިލިޓޭރިއަނުން ސަމާލުކަން ދިނީ، އުފާވެރިކަން ކުންނަށް ގެންދިޔުމަށްވުރެ، ހިތާމަ/ވޭނާއި އުފަލާއި އޮންނަ ރޭޝިއޯއަށެވެ. ވޭނަށްވުރެ އުފާވެރިކަން އިތުރުވުމަށެވެ.
        ޔޫޓިލިޓޭރިއަނިޒަމްގައި އޮންނަ އުފާވެރިކަމުގެ މަފްހޫމަކީ، ފާޑުކިޔުންތައް އަމާޒުވާ ކަމެކެވެ. މިގޮތުން ކުރެވޭ ސުވާލުތަކުގެ ތެރޭގައި:
    އުފަލަކީ ކޮބައި ހެއްޔެވެ؟ އެންމެން އުފާވާނީ އެއްކަހަލަ ކަންކަން ދިމާވެގެން ހެއްޔެވެ؟ އެއް ބައެއްގެ އުފަލަކީ އަނެއް ބައެއްގެ ހިތާމަ ބާވައެވެ؟
    އުފަލުގެ ވައްތަރުތަކެއްވޭ ހެއްޔެވެ؟ ދާއިމީ އުފަލަކާއި ވަގުތީ އުފަލެއްވޭ ހެއްޔެވެ؟ ދާއިމީ އުފަލާއި ވަގުތީ އުފަލަކީ އަރާރުންވާ ކަމެއް ހެއްޔެވެ؟ އަރާރުންވާނަމަ، ދާއިމީ އުފަލައްޓަކައި، ވަގުތީ ހިތާމަ އުފުލުމަކީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ އެކަމުން އެތިކްސްގެ މިންގަނޑަށް ކުރާނީ ކޮންކަހަލަ އަސަރެއް ހެއްޔެވެ؟
    އުފަލަކީ، ހަމައެކަނި އިންސާނީ ސިފައެއް ހެއްޔެވެ؟ ޖަނަވާރުންނަށް އެކަން އިޙްސާސްވޭ ހެއްޔެވެ؟ އިންސާނުންނާ ޖަނަވާރުންނާ ކުރެވޭ މުޢާމަލާތްތަކުގައި ގެންގުޅޭނެ އެތިކަލް މިންގަނޑެއްގެ ގޮތުން އުފާވެރިކަން ބޭނުންކުރެވިދާނެ ހެއްޔެވެ؟ (މިސާލަކަށް، ޕެޓުންގެ ގޮތުގައި ޖަނަވާރު ގެންގުޅުން)
    އުފަލެއް ލިބޭނީ ކިހިނެއް ހެއްޔެވެ؟ އެއްޗެއް/ކަމެއް ޙާޞިލްވެގެން ހެއްޔެވެ؟ ނުވަތަ ބީވެގެން ހެއްޔެވެ؟ އުފާ ލިބުންކަން ވަޒަންކުރެވޭނީ ކިހިނެއް ހެއްޔެވެ؟
    އުފަލަކީ އަސްލެއް ހެއްޔެވެ؟ ނުވަތަ ޚިޔާލީ ކަމެއް ހެއްޔެވެ؟
    އުފާ އިޙްސާސްވަނީ ކިހިނެއް ހެއްޔެވެ؟ އުފާ ގުޅިގައިވަނީ ސިކުނޑިއާ ނުވަތަ ހިތާ ހެއްޔެވެ؟
        ޔޫޓިލިޓޭރިއަނިޒަމްގެ އުޞޫލުން ބަލާއިރު، އެކެއްގެ މަރު ހިފައިގެން އެތައް ސަތޭކަ ބަޔަކަށް އުފާވެރިކަން ގެނުވޭނެ ނަމަ  (އެބަހީ، އެބައި މީހުންގެ ޙައްޤުތައް ޙިމާޔަތްކުރެވޭނެ ނަމަ)، އޭނާ މަރާލުމަކީ ރަނގަޅު ކަމެއް ހެއްޔެވެ؟
        ބައެއް ޔޫޓިލިޓޭރިއަނުން މިކަމަށް ތާޢީދުކުރެއެވެ. އެ މަރާލެވޭ މީހަކީ މަޝްހޫރު ޤާތިލެއްނަމަ އަދި އޭނާގެ ސަބަބުން އެހެން ފުރާނަތަކަކަށް ނުރައްކާ ވާނެ ނަމަ އޭނާ މަރާލުމުގައި އޮތީ ކޮން ގޯހެއް ހެއްޔެވެ؟
        އަނެއް ބައި މީހުންގެ ނަޒަރުގައި އެކެއްގެވެސް ދިރިހުރުމަކީ އެހެން ކަމަކަށްޓަކައި ޤުރުބާން ކުރެވޭނެ ކަމެއް ނޫނެވެ. ދިރިހުރުމަކީ ނުވަތަ ފުރާނައަކީ އެއަށްވުރެ އަގުބޮޑު އެއްޗެކެވެ.
        އަނެއް ބައި މީހުން ސުވާލު އުފައްދަނީ، ކުރިން ޤާތިލަކަށްވީނަމަވެސް، އޭނާ މުސްތަޤްބަލުގައި ކުރާނެ ކަމެއް އެނގޭނީ ކާކަށް ހެއްޔެވެ؟ އޭނާ އިސްލާޙްވެ، އޭނާގެ ފަރާތުން ނުހަނު ގިނަ މަންފާ މުޖުތަމަޢަށް ކޮށްފާނެ ނޫން ހެއްޔެވެ؟
        ފުރާނައަށްޓަކައި ފުރާނަ ޤުރުބާންކުރާ އެހެން ޙާލަތަކަށް ބަލަމާ ހެއްޔެވެ؟
        ލައިފްބޯޓަކަށް އެރެނީ އެންމެ 15 މީހުންނަށްވެފައި، ޙާލުގައި ޖެހިފައިތިބީ 20 މީހުންނަމަ، 15 މީހުން ބޯޓަށް އަރުވާފައި އަނެއް 5 މީހުން މަރުވާން ދޫކޮށްލަންވީ ހެއްޔެވެ؟ އެހެން ދޫކޮށްލާނެ މީހުން ކަނޑައަޅާނީވެސް ކިހިނެއް ހެއްޔެވެ؟ ސަލާމަތްވާ 15 މީހުންނަށް އޮތީ ސަލާމަތްވުން ނޫން ކޮން އުފަލެއް ބާވައެވެ؟
        ފާޑުކިޔުންތައް އޮތްނަމަވެސް، ޔޫޓިލިޓޭރިއަނިޒަމަކީ އޭގެ ނުފޫޒު އިޖުތިމާޢީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފޯރާ ފަލްސަފާއެކެވެ.
        މިސާލަކަށް:
    އިޤްތިޞާދީ ސިޔާސަތުން: ކަރަންޓް ސަބްސިޑީ!
    ތަޢުލީމީ-ތަރުބަވީ އުޞޫލުން: ގޯސްކޮށް އުޅޭ ދަރިވަރުގެ ކިޔެވުމުގެ ޙައްޤު ގެއްލޭ ގޮތަށް އޭނާ ސަސްޕެންޑުކުރުން!
    ސިޔާސީ ދާއިރާއިން: ސިޔާސީ ކުށްވެރިންނަށް އަދަބުދިނުން!
        ޓީލިއޮލޮޖިކަލް ތިއަރީތަކުގައި މުހިއްމުކަންދޭ އެއް މަފްހޫމަކީ، އަލްޓްރުއިޒަމް (altruism) އެވެ.
        އަލްޓްރުއިޒަމްގައި ބުނާ ގޮތުން، ޢަމަލެއް ރަނގަޅު ޢަމަލަކަށްވަނީ، އެކަމަކުން އެހެން މީހުންގެ މަސްލަޙަތަށް ބޮޑަށް ރިޢާޔަތް ކުރެވޭނަމައެވެ. ތިމާގެ އަމިއްލަ ބޭނުންތަކަށްވުރެ އަނެކުންގެ ބޭނުންތަކަށް އިސްކަންދޭނަމައެވެ. މި އުޞޫލުން އުޅޭ މީހުންނަކީ ރަނގަޅު މީހުންނެވެ.
        މިސާލަކަށް، މަދަރ ޓެރީސާ؟ ރަސޫލުﷲ (ޞައްލަﷲ ޢަލައިހި ވަޞައްލަމް)؟
        ޑޫވީގެ އެތިކަލް ފަލްސަފާއަކީ ވެސް އެންލައިޓެންމަންޓް ޒަމާނުގައި އޮތް ޔޫޓިލިޓޭރިއަނިޒަމް ނުވަތަ ކޮންސީކުއެންޝަލިސްޓް އެތިކަލް ތިއަރީއެކޭ އެއްގޮތަށް، ޢަމަލެއްގެ ރަނގަޅު ނުރަނގަޅު ކަނޑައެޅުމުގައި އެ ޢަމަލަކުން ކުރާ އަސަރު ނުވަތަ ނަތީޖާއަށް ރިޢާޔަތްކުރަންޖެހޭ ކަމަށްދެކޭ ފަލްސަފާއެކެވެ.
        ނަމަވެސް، ޑޫވީގެ އެތިކަލް ފިލޯސަފީއާއި ޔޫޓިލިޓޭރިއަނިޒަމާއި ތަފާތުވާ ކަންކަން ފާހަގަވެފައިވެއެވެ.
        ޔޫޓިލިޓޭރިއަނުންނާއި ޚިލާފަށް، ޑޫވީ ޤަބޫލު ކުރެއްވި ގޮތުގައި، އެންމެ ރަނގަޅު ކަމެއްގެ ގޮތުގައި ވަކި އެއްކަމެއް ކަނޑައެޅުމަކީ ގޯހެކެވެ.
        މިސާލަކަށް، އުފާވެރިކަމަކީ އެންމެން އެދޭނެ، އެންމެ ރަނގަޅު ކަމުގެ ގޮތުގައި ކަނޑައަޅައި އެހެން ކަންކަން އެކަމަށް މަގުފަހިވާނެހެން ބައްޓަންކުރުމަކީ ގޯހެކެވެ.
        ޑޫވީގެ ނަޒަރުގައި، އިންސާނުންނަކީ އެންމެ ރަނގަޅު ކަމެއްގެ ގޮތުގައިވެސް އެންމެ ކަމަކަށް ބޭނުންވާ ބައެއް ނޫނެވެ. އުފާވެރިކަމާއި މުއްސަނދިކަމާއި ދުޅަ ހެޔޮ ސިއްޙަތާއި، ދިގު ޢުމުރަކާއި މިފަދަ އެތައް ކަމެއް އެއް ފަހަރާ ބޭނުންވާ ކަމެކެވެ.
        ޑޫވީގެ ނަޒަރުގައި މުއްސަނދިކަމަކީ އުފާވެރިކަމާއި ގުޅޭ ކަމަކަށް ޢާއްމު ޙާލަތުގައި ވިޔަސް، އެއީ އުފާވެރިކަން ކަށަވަރުކޮށްދޭ ކަމެއްވެސް ނޫނެވެ. ފަޤީރަކުވެސް ވަރަށް އުފަލުގައި އުޅެފާނެއެވެ.
        އަދި ޑޫވީ ޤަބޫލުކުރެއްވި އަނެއް ކަމަކީ، ޔޫޓިލިޓީ ނުވަތަ ބޭނުންތަކަކީ މުޖުތަމަޢަށް އަންނަ ބަދަލާއެކު ބަދަލުވާ އެއްޗެއް ކަމެވެ. ވީމާ އެއް އިރެއްގައި މުހިއްމުކަމަށް ދުށް ރަނގަޅު ކަންކަންވެސް އަނެއް ޒަމާނުގައި ބަދަލުވެދާނެމެއެވެ.

        ޑޫވީގެ ނަޒަރުގައި މީހެއްގެ އެތިކަލް ބިހޭވިއަރ ނުވަތަ އަޚްލާޤީ ސުލޫކަށް އެންމެ ބޮޑަށް އަސަރު ފޯރުވާނީ އޭނާ ޒިންމާދާރުވާ މިންވަރެކެވެ. ޒިންމާއަކީ އުޅުމަށް ސީދާ އަސަރު ފޯރުވާނެ ކަމެއް ކަމަށް ޑޫވީ ދެކިލެއްވިއެވެ.
        މިސާލަކަށް، މީހެއްގެ އަމިއްލަ ވިސްނުމުން ކަމަށްވިޔަސް، އަދި ވެރި ފަރާތަކުން ބުނެގެން ނަމަވެސް މީހަކު ކަމެއް ރަނގަޅު ކަމަށް ދެކިގެން ކުރަނީ އޭނާ ޒިންމާ ނަގާތީއެވެ. ރަނގަޅު ކަމެއް ކަމަށް ޤަބޫލު ކުރިޔަސް ޒިންމާދާރުނުވާނަމަ އެކަމެއް ނުކުރާނެއެވެ.
        ނަމާދު ކުރުމަކީ ދީނުގައި އަންގަވާފައިވާ ކަމެއްކަން އެނގޭއިރުވެސް އެކަން ނުކުރާ ކިތައް ”މުސްލިމުން“ އުޅޭ ހެއްޔެވެ! 
        ޑޫވީގެ ޒިންމާ ނުވަތަ ރެސްޕޮންސިބިލިޓީ މަފްހޫމަށް ފާޑު ކިޔާމީހުން ބުނާ ގޮތުގައި ބައެއް ފަހަރު ޒިންމާނެގުމާއި އެތިކަލް ކަމާއި ފުށުއަރައެވެ.
        މިސާލަކަށް، ޕެޓް ޝޮޕެއްގައި ވިއްކަން ހުރި ރީތި ދޫންޏެއް ތިބާ ގަނެގެން ގެނައީ ގޭގައި ކޮއްޓެއްގައި ބަހައްޓާށެވެ. ނަމަވެސް، އޭރުން އެ ދޫނީގެ މިނިވަންކަން ގެއްލި، އޭތީގެ ޠަބީޢަތް ޚަރާބުވާތީ، އެއީ ކުރަން ރަނގަޅު (އެތިކަލް) ކަމެއް ނޫންކަމަށް ދެކިގެން އޭތި ދޫކޮށްލަން ނިންމައިފިއެވެ. މިއީ ޒިންމާދާރުވުމެކެވެ. އަދި އެތިކަލްވެސް ކަމެކެވެ.
        ނަމަވެސް، އެ ދޫންޏަކީ ރާއްޖެއާ ބީރައްޓެހި ބާވަތެއް ނަމަ، އެދޫނި ދޫކޮށްލުމުން އެއަށް އުޅެން ނޭނގި މަރުވާނެ ފުރުޞަތު ބޮޑުކަމުގައި ދެކިގެން އެ ދޫންޏަށް ކާންދީ ގެންގުޅޭނިއްޔޭ ހިތައި އެދޫނި ކޮށީގައި ބޭންދުމަކީ، އެތިކަލް ކަމެއް ހެއްޔެވެ؟ އަދި އެއީ، ޒިންމާދާރު ނުވުން ހެއްޔެވެ؟
އެތިކްސްގެ ތިއަރީތަކުގެ ޚުލާޞާ
 އެތިކަލް ތިއަރީތައް

މޯރަލް އެޑިޔުކޭޝަން
        މޯރަލް އެޑިޔުކޭޝަން ނުވަތަ ތައުދީބަކީ، ވަރަށް ފުޅާކޮށް ފަލްސަފާކުރެވޭ ދާއިރާއެކެވެ.
        މޯރަލް އެޑިޔުކޭޝަންގެ އެއް ވައްތަރަކީ، ކަރެކްޓަރ އެޑިޔުކޭޝަނެވެ.
        ކަރެކްޓަރ އެޑިޔުކޭޝަނަކީ، އަޚްލާޤީ ހަމަތައް ދަސްކޮށްދީ، ޚާއްޞަ އަޚްލާޤީ ސިފަތަކެއް އަށަގެންނެވައިގެން އެކުދިންގެ ޝަޚްޞިއްޔަތު ބައްޓަންކުރަން ކުރާ ތަރުބަވީ މަސައްކަތެވެ.
        ކަރެކްޓަރ އެޑިޔުކޭޝަނަށް ބަލާއިރު، މިއީ އެރިސްޓޯޓަލް ފަލްސަފާކުރެއްވި އޭނާގެ ޚާއްޞަ ދާއިރާއެކެވެ.
        އަދިއަދަށްވެސް އޭނާ ކަރެކްޓަރ އެޑިޔުކޭޝަނާ ބެހޭގޮތުން ދެއްކެވި ވާހަކަތަކަށް އިސްކަން ދެވެއެވެ. މީގެ އެންމެ ބޮޑު ސަބަބަކީ، އޭނާގެ ފަލްސަފާ ދިރިހުރި މިސާލުތަކަށް ބިނާކޮށްފައިވާތީ، އެ ފަލްސަފާއިން ލިބިދޭ ޚިޔާލުތައް ތަންފީޒުކުރަން ފަސޭހަވުމެވެ.
        އެރިސްޓޯޓަލް ވަކާލާތު ކުރެއްވި ގޮތުގައި ކުދިންނަށް އުޅެން ދަސްކޮށްދޭން ޖެހެއެވެ.
        އެގޮތުން، ވާޗޫޒްއަކީ ކުދިންގެ ކިބާގައި އަށަގެންނުވަން ޖެހޭ ސިފަތަކެވެ. އަދި މި ސިފަތައް އަށަގެންނެވުމަކީ ތަރުބަވީ މަސައްކަތެކެވެ.
        އެރިސްޓޯޓަލްގެ ކަރެކްޓަރ އެޑިޔުކޭޝަންގައި ހިމެނެނީ، މުޖުތަމަޢުގައި އުޅޭ ރަނގަޅު މީހުންގެ ކިބާގައި ހުންނަ ރަނގަޅު ސިފަތައް/ވާޗޫތައް ފާހަގަކޮށް ކުދިންގެ ޢުމުރާ ގުޅޭގޮތުން އެކި މަރުޙަލާތަކަށް ބަހާލައިގެން އެކުދިންގެ ކިބާގައި އެ ސިފަތައް އަށަގެންނުވަން މަސައްކަތްކުރުމެވެ.
        އެރިސްޓޯޓަލްގެ ކަރެކްޓަރ އެޑިޔުކޭޝަނަށް އެހާ ސަޕޯޓް ލިބޭ ދެވަނަ ސަބަބަކީ، ކޮންމެ ދީނެއްގައިވެސް އެކަމަށް ބާރުއަޅާފައިވުމާއި، ޢާއްމު ވިސްނުމުންވެސް އެއީ ކުރަން ޖެހޭކަމެއް ކަމަށް ޤަބޫލުކުރެވި ގިނަ މުޖުތަމަޢުތަކުގައި ސަޤާފީކަމަކަށްވެސް އެކަން ވެފައި އޮތުމެވެ.
        ކަރެކްޓަރ އެޑިޔުކޭޝަންގައި ނަމޫނާ ޝަޚްޞިއްޔަތުތަކެއް ގެންގުޅެއެވެ. މިއީ މިހާރުގެ ނުވަތަ ކުރީގެ މުޖުތަމަޢުތަކުން ރަނގަޅު ކަމަށް ފާހަގަކުރެވިފައިވާ މީހުންނެވެ.
        ކުދިންނަށް އެފަދަ މީހުންގެ ވާހަކަތައް ކިޔައިދީގެން އަޚްލާޤީ ހަމަތައް ތަޢާރަފުކުރެވެއެވެ. އެއަށްފަހު އެ ސިފަތަކުގެ މުހިއްމުކަން ބުނެދީ، އެކަން ޢަމަލީގޮތުން ދައްކާނެ ގޮތް ބުނެދެއެވެ.
        އެއަށްފަހު، އެ ސިފަތައް ދެއްކުމަށް ބާރުއަޅައި ހިތްވަރުދެވެއެވެ. މަޤްޞަދަކީ، އެކުދިންގެ ފަރާތުން މުސްތަޤްބަލުގައި އެ ސިފަތައް ފާޅުވުމެވެ.
        އެރިސްޓޯޓަލްގެ ކަރެކްޓަރ އެޑިޔުކޭޝަނަށް ފާޑުކިޔާ މީހުން އެންމެ ބޮޑަށް ފާހަގަކުރަނީ، މުޖުތަމަޢުން ފެންނަ ”ރަނގަޅު“ މީހުންގެ ސުލޫކަކީ މިންގަނޑެއް ގޮތަށް ބެލީމައި، އެއަށްވުރެ ރަނގަޅު ބައެއް އުފެއްދުމަށް އުނދަގޫވާނެކަމަށް ބުނާ ބުނުމެވެ. އޭގެ ބަދަލުގައި، އައިޑިއަލް މީހެއް ތަޞައްވުރުކޮށްގެން ނޫނީ އަޚްލާޤީ މިންގަނޑު މައްޗެއް ނުކުރެވޭނެއެވެ.
        ފިލޯސަފަރުންނަކީ، އިމްޕިރިކަލް ރިސާޗް ހަދާބައެއް ނޫނަސް، އިމްޕިރިކަލް އެވިޑެންސަށް ބަލައި ފިކުރުކުރާ ބައެކެވެ.
        މިގޮތުން، ކަރެކްޓަރ އެޑިޔުކޭޝަން ދެވޭ ދަރިވަރުންގެ ކިބައިން އެސިފަތައް ހަމަ ފެނޭތޯ މިއީވެސް ކުރެވޭ ސުވާލެކެވެ. މިރޮނގުން ހެދުނު ގިނަ ދިރާސާތައް ދައްކާ ގޮތުން، އެފަދަ ތަރުބަވީ މަސައްކަތުން އުފެއްދެނީ، އޮތޯރިޓީގެ ޚާޟިރުގައި ރަނގަޅަށް އުޅޭ ނަމަވެސް އެމީހުންގެ ޣައިބުގައި އެ ސިފަތައް ނުދައްކާ ޒުވާނުންނެވެ.
        ވީމާ، އެ ސިފަތައް ފެންނަކަމުގެ ހެއްކެއް ނެތީސް، އެއީ ކާމިޔާބު ކަމެއްކަމަށް ނިންމޭނެތޯއެވެ؟
        ކަރެކްޓަރ އެޑިޔުކޭޝަން ދިފާޢުކުރާ މީހުން ބުނާ ގޮތުން، އެހެން އެވަނީ އެކަން ކުރެވޭ ގޮތުންނެވެ. ކަރެކްޓަރ އެޑިޔުކޭޝަން އޭގެ ޒާތުގައި ގޯސްވެގެންނެއް ނޫނެވެ.
        ކަރެކްޓަރ އެޑިޔުކޭޝަނަށް ފާޑުކިޔާ އުފައްދާ  އަނެއް ސުވާލަކީ، އެގޮތުން ތަރުބިއްޔަތު ދިނުމުގައި ކިޔަވައިދޭން އިޚްތިޔާރުކުރާ ސިފަތަކަކީ ކޮބައިކަން ކަނޑައަޅަނީ ކިހިނެއް ހެއްޔެވެ؟
        އެސިފަތަކަކީ، އެބްޒޮލިއުޓް ވެލިޔޫޒްކަމަށް އެރިސްޓޯޓަލް ބުނުއްވިޔަސް، އެބްޒޮލިއުޓް ވެލިޔުއަކީ ވާއެއްޗެއްކަން ޤަބޫލު ނުކުރާ ފިލޯސަފަރުންނަށް މިއީ ބުރަދަންހުރި ނުކުތާއަކަށް ނުވެއެވެ.
        ކަރެކްޓަރ އެޑިޔުކޭޝަންގައި ސަމާލުކަންދޭ ސިފަތަކަކީ މުޖުތަމަޢުގެ ގިނަ މީހުން ބަލައިގަންނަ ސިފަތައްކަމަށް ބުނާ މީހުންނަށް ރައްދުދީ ފާޑުކިޔުންތެރިން ބުނެއެވެ: އެހެންވިއްޔާ، އެ ސިފަ ޤަބޫލު ނުކުރާ ކުއްޖާގެ ޙައްޤު ހޯދައިދޭނީ ކިހިނެއް ހެއްޔެވެ؟
        މިސާލަކަށް، ޒަވާޖީ ޙަޔާތެއް ވޭތުކުރާ އަނބިމީހަކާ ފިރިމީހެއްގެ ހުންނަންޖެހޭ ސުލޫކީ ސިފަތައް ކިޔައިދޭ އިރު، އެއްޖިންސުގެ ގުޅުމަށް ލޯބިކުރާ ދަރިވަރެއް ނުވަތަ ގެންގުޅޭ ކުއްތާއާ ނުވަތަ އަމިއްލަ ނަފްސާ އިންނަން ބޭނުންވާ ކުއްޖެއް (މިއީވެސް މިހާރު އުޅޭ ބައެކެވެ! މިމީހުންނަކީ ޕާވާޓުންނެވެ) ކުލާހުގައި އިންނަމަ، އޭނާގެ ޙައްޤަށް އުނިކަން ނާންނާނެހެން އެކަން ކުރާނީ ކިހިނެއް ހެއްޔެވެ؟
        ކަރެކްޓަރ އެޑިޔުކޭޝަން ތަންފީޒުކުރާ ގޮތަށް ފާޑުކިޔާ މީހުން ބުނާ ގޮތުގައި ސިފަ ތަޢާރަފުކޮށް ބުނެދިނުމަށް ބޭނުންކުރާ ޝަޚްޞިއްޔަތަކީ ދީނީ ޝަޙްޞިއްޔަތެއް ނަމަ، އަދި/ނުވަތަ ބޭނުންކުރަނީ ދީނީ ވާހަކައެއް ނަމަ، ކުލާހުގައި އިންނަ އެ ނޫން ދީނެއްގެ ކުއްޖާގެ ޙައްޤަށް އުނިކަން އަތުވެދާނެއެވެ!
        ކަރެކްޓަރ އެޑިޔުކޭޝަންގެ އިތުރުން މޯރަލް އެޑިޔުކޭޝަނުގައި މުހިއްމު އަނެއް ކަމަކީ، ޕަނިޝްމަންޓް ނުވަތަ އަދަބުދިނުމެވެ. ޢުޤޫބާތެވެ.
        ޢުޤޫބާތަކީވެސް ބަޙުސްކުރުމުގައި ފުޅާ ދާއިރާއެކެވެ. ޢުޤޫބާތާއި ބެހޭގޮތުން އެކި ގޮތްގޮތަށް ވާހަކަ ދެކެވިފައިވެއެވެ.
        މިގޮތުން، ޢުޤޫބާތަކީ ކޮބައިކަން ބުނެދިނުމުގައި އެއް މިންގަނޑެއް ނުގެންގުޅެވޭ ކަމަށް ބުނާ ފިލޯސަފަރުން އުޅެއެވެ. ތަޢުރީފަކީ، އެކަން ކުރަން ޙުތްޖަތް ދެއްކުން ނޫންކަމަށް މިބައި މީހުން ބުނެއެވެ.
        އަދި، ޢުޤޫބާތަކީ، މުޖުތަމަޢުގައި އަމްނު އަމާންކަން ޤާއިމްކޮށް ވަކި އިންތިޒާމެއްގެ ދަށުން ކަންކަން ގެންދިޔުމަށްޓަކައި ވަޞީލަތެއްގެ ގޮތުން އޮންނަން ޖެހޭ ކަމެއް ކަމަށް ޤަބޫލުކުރާ ފިލޯސަފަރުން އުޅެއެވެ.
        މިއާ ޚިލާފަށް، ޢުޤޫބާތަކީ، އޮތުން ލާޒިމު އެއްޗެއް ނޫންކަމަށާއި އެކަން އޮތުމުން ދައްކުވައިދެނީ އިންސާނުންގެ ބަލިކަށިކަން އެކަނިކަމަށް ދެކޭ ފިލޯސަފަރުންވެސް އުޅެއެވެ. މިބައި މީހުންގެ ނަޒަރުގައި، ޢުޤޫބާތަކީ އަމްނު އަމާންކަން ކަށަވަރުކޮށްދޭނެ ކަމެއް ނޫނެވެ. އަދި ކިއެއްތަ، އޭގެ ސަބަބުން އިތުރު މައްސަލަތައްވެސް ފެންމަތި ކުރުވަފާނެ ޙުތޫރަތްތެރި ކަމެކެވެ.
        ޢުޤޫބާތަކީ، ޠަބީޢީ ކަމެއް ނޫންކަމަށާއި އެއީ އިންސާނުން އުފައްދައިގެން އުޅޭ ކަމެއް ކަމަށް ބައެއް ސެކިއުލަރ ފިލޯސަފަރުން ވަކާލާތުކުރާއިރު، ދީނީ ފިލޯސަފަރުން ބުނުއްވަނީ އެއީ އިލާހީ ނިޔާއެއްވެސް ކަމަށެވެ.
        ކޮންމެއަކަސް އެކި ގޮތްގޮތަށް ވާހަކަ ދެކެވުނު ކަމުގައިވިޔަސް، ޢުޤޫބާތުގެ މައިގަނޑު މަޤްޞަދުތަކާއި މެދު ފިލޯސަފަރުންގެ ޚިޔާލު ވަރަށް އެއްގޮތެވެ.
        ޢުޤޫބާތުގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންކަމެވެ:
    ރިޓްރިބިޔުޝަން (ބަދަލު ހިފުން/ބަދަލު ލިބިދިނުން)
    އިންކެޕްސިޓޭޝަން (ކުއްކުރުމުގެ ފުރުޞަތު ބަންދުކޮށް ކުށްވެރިޔާގެ ބާރު ކަނޑުވާލުން)
    ޑިޓަރެންސް (ކުއްކުރުމަށް ހިތްވަރު ނުދިނުން)
    ރިހެބިލިޓޭޝަން (ކުއްވެރިޔާ އިސްލާޙުކުރުން)
    ރެސްޓޮރޭޝަން (ކުށުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދީގެން އިހުގެ ޙާލަތަށް ރުޖޫޢަވުން)
        މި މަޤްޞަދުތަކާމެދު އޮތް ޚިޔާލަކީ ނުވަތަ ފާޑުކިޔުމަކީ ކޮބާ؟
އިތުރަށް ދިރާސާކުރުމަށް:
        އިސްލާމްދީނުގައި ޢުޤޫބާތުގެ ކަންކަން އޮންނަނީ ކިހިނެއް؟
        މަދްރަސީ ޢުޤޫބާތުގެ ޕްރެކްޓިސްތަކަކީ ކޮބާ؟ މިކަންކަމަށް ފަލްސަފީގޮތުން ފާޑުކިޔާނީ ކިހިނެއް؟
ނިންމުން
        އެތިކްސް އާއި މޯރަލް އެޑިޔުކޭޝަނަކީ، ފަލްސަފާގައި ބަޙުސްކުރެވޭ ވަރަށް ފުޅާ ދެ ދާއިރާއެވެ.
        ގްރީކްގެ ފިލޯސަފަރުންގެ ޕްރީ-އެންލައިޓެންމަންޓް ޒަމާނުން ފެށިގެން މިޒަމާނާ ހަމައަށް އައި އިރު އެތިކްސްގެ ވަރަށް ގިނަ ތިއަރީތަކެއްވަނީ ހުށަހެޅިފައެވެ. މި ތިއަރީތަކަކީ ކޮންމެ ތިއަރީއަކުންވެސް ސާބިތު ފިކުރުތަކެއް ލިބޭ ނަމަވެސް ފާޑު ކިޔޭ ނަޒަރިއްޔާތުތަކެވެ.
        އެތިކްސްގެ ތިއަރީތައް ޢަމަލީ ގޮތުން ތަންފީޒުކުރެވެނީ މޯރަލް އެޑިޔުކޭޝަންގެ ތެރެއިންނެވެ.
        މޯރަލް އެޑިޔުކޭޝަންގައި އެކަން ކޮށްއުޅޭ މައިގަނޑު ގޮތްތަކުން ފާހަގަކުރެވޭ ދެ ގޮތަކީ، ކަރެކްޓަރ އެޑިޔުކޭޝަނާއި ޕަނިޝްމަންޓެވެ. މިދެ ކަމަކީވެސް ފަލްސަފާކުރެވޭ އިތުރު ދާއިރާތަކެވެ.

No comments:

Post a Comment