Tuesday, March 24, 2015

އަޅުގަނޑުގެ ވަޒަންކުރުން


އަޅުގަނޑުގެ ކިޔަވައިދިނުން:  ކިޔަވައިދިނުން ތަރައްޤީކޮށްދިނުމުގެ އިތުރުން ދަރިވަރުންގެ ކުރިއެރުން އިތުރުކޮށް ދިނުމާއި އެކަން އެގޮތަށް މެދުވެރިވާ ސަބަބު


              އަޅުގަނޑުގެ ފިލާވަޅުތަކަކީ ސްޓޫޑެންޓްސް ސެންޓާރޑް އުސޫލުން ތަފާތު މެތަޑުތައް ބޭނުންކޮށްގެން ކިޔަވައިދިނުން ބައްޓަންކޮށް، އަދި ތަފާތު އުޞޫލުތައް ބޭނުންކޮށްގެން ތަފާތު ދާއިރާތައް ތަރައްޤީވެ ކުރިއަރަމުންދާމިންވަރު ބެލުމަށް ތަފާތު ޓޫލްތައް ބޭނުންކޮށްގެން ކުދީން ވަޒަންކުރުމުގެ ކަންކަން ކުރިއަށް ގެންދާ މުދައްރިސަކަށް ވީކަމެވެ. އެގޮތުން ވަޒަންކުރުމުގެ ގޮތުގައި ބޭނުންކުރާ ޓޫލްތަކުން ނުވަތަ ގޮތްތަކުން ފިލާވަޅު ގެންދެވޭގޮތް ރިފްލެކްޓްކޮށް ދެވަނަ ފަހަރަށް އެއް މައްސަލައެއް ތަކުރާރު ނުވާނޭ އުސޫލަކުން ދަރިވަރުންގެ މޯޓިވޭޝަން އިތުރުކުރުމަށް ކަންކުރެވޭތޯ ބަލަމުން ގެންދަމެވެ.

                އެގޮތުން އަޅުގަނޑަކީ އަބަދުވެސް ކުލާހަށް އަލަށް ފިލާވަޅެއް ނަގާއިރު ކުދީންގެ ކުރީގެ ހާލަތު ތަފާތު މެތަޑުތައް (ބޭސްލައިން އެސެސްމެންޓް މެތަޑްތައް) ބޭނުންކޮށްގެން ދެނެގަނެ، އޭގެންލިބުނު ނަތީޖާއަށް ރިޢާޔަތްކޮށް ފިލާވަޅުތައް ރާވާ، ކުދިންނަށް ކިޔަވައިދެމުންދާ މުދައްރިސަކެވެ. ބޭސްލައިން އެސެސްމެންޓަކީ ތަޢުލީމީ ވަކި މަރުހަލާއެއް ނުވަތަ ވަކި ބައެއް ފެށުމުގެ ކުރިން، ދަރިވަރުހުރި ހިސާބު ދެނެގަތުމަށްޓަކައި ފެންވަރު ވަޒަންކުރެވޭ ކުރެވުމެކެވެ. މިފަދައިން ވަޒަންކޮށްލުމުން ކިޔަވައިދިނުމުގެ ކަންތައްތަކާއި، ތަފާތު ހަރަކާތްތައް ރާވާލާ ހިންގުމުގައި އަޅުގަނޑަށް ވަރަށްބޮޑު އެހީތެރިކަމެއް ލިބެއެވެ.

            ބޭސްލައިން އެސެސްމެންޓްގެ އިތުރުން ޑައިގްނޯސްޓިކް އެސެސްމެންޓް އުސޫލުވެސް އަޅުގަނޑުގެ ކިޔަވައިދިނުމުގައި ބޭނުންކުރަމެވެ. މިފަދައިން ކަންކުރުމުން އަޅުގަނޑަށް ފިލާވަޅު ރާވާލުމުގައި ބޭނުންވާ މަޢުލޫމާތު، މިސާލަކަށް ވަކިވަކި ދަރިވަރުގެ އުނގެނުމުގައި ދިމާވާ އެކިއެކި އުނދަގޫތަކުގެ ސަބަބުތަކަށް ސަމާލުކަންދިނުމަށް ބޭނުންވާ މުހިންމު މަޢުލޫމާތު ދެނެގަތުމުގައި ފަސޭހަތަކެއް ލިބެމުންދެއެވެ. މިފަދަ އެސެސްމެންޓުގެ މަޤްޞަދަކީ ދަރިވަރަށް އެހީތެރިކަން ފޯރުކޮށްދިނުންކަމުގައި ވާތީ މިފަދަ އެސެސްމެންޓްތައް ހަދަނީ ކިޔަވައިދޭން ފެށުމުގެ ކުރިން ނުވަތަ ފިލާވަޅު ފެށުމުގެ ކުރިންނެވެ. 

                އިސްވެ ދެންނެވުނު ގޮތްގޮތަށް ރިޢާޔަތްކޮށް ކިޔަވައިދިނުން ކުރިއަށްގެންދާއިރު، އެސެސްމެންޓް އޭޒް ލާނިންގެ އުސޫލު ބޭނުންކުރަމެވެ. މިފަދައިން ކަންކުރުމުން ފިލާވަޅު ކިޔަވައިދޭގަޑީގައި ދަރިވަރުންނަށް ދޭންޖެހޭ އިތުރު އެހީތައް ދެނެގަނެވި ފިލާވަޅުގެ މަޤުޞަދު ހާޞިލްކުރުމަށް އިތުރު ފަސޭހަތަކެއް ލިބެމުންދެއެވެ. އަދި ހަމައެހެންމެ ޔުނިޓެއް ނުވަތަ ޓާރމެއް ކިޔަވައިދީ ނިމުމުން ވަޒަންކުރަމެވެ. މިފަދައިން ވަޒަންކުރުމުގެ ބޭނުމަކީ ޔުނިޓެއް ކިޔަވައިދީ ނިމުމުން ދަރިވަރަށް އެ ޔުނިޓުން ހާޞިލްވާންޖެހޭ މިންވަރު ހާޞިލްވިތޯ ބެލުމެވެ. މިފަދައިން އެސެސްކުރާއިރު ތަފާތު ފެންވަރުގެ ސުވާލުތައް ހިމަނައިގެން، ތަފާތު ގޮތްގޮތުން މަޢުލޫމާތު އެއްކުރަމެވެ. މިގޮތުން އެއްކުރެވޭ މަޢުލޫމާތުގެ އެހީގައި ކިޔަވައިދުމަށް ގެންނަންޖެހޭ ބަދަލުތައްގެނެސް ކިޔަވައިދީގެން ދަރިވަރަށް އިތުރު ކުރިއެރުން ގެނެސްދެވޭތޯ ބަލަމެވެ. ވުމާއެކު އަޅުގަނޑު ކިޔަވައިދިނުމުގައި ބޭނުންކުރާ އެސެސްކުރުމުގެ އުސޫލުތަކުގެ ސަބަބުން އަޅުގަނޑުގެ ކިޔަވައިދުމަށާއި އަޅުގަނޑު ކިޔަވައިދޭ ދަރިވަރުންނަށް އިތުރު ކުރިއެރުން ލިބޭކަމަށް ޤަބޫލުކުރެވެއެވެ.

1 comment:

  1. ވަރަށް މުހިންމު ލިޔުމެއްކަން ފާހަގަ ކުރަން.

    ReplyDelete