Thursday, October 15, 2015

ތަޢުލީމީ ފަލްސަފާ



ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް ރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ހުރި ތަފާތު ގޮންޖެހުންތައް

ދަރިވަރުން ވިސްނުމުގެ ހުނަރު ތަރައްޤީކުރުމަށް ކިޔަވައިދިނުމަށް ރާއްޖޭގެ ސުކޫލުތަކުގައި މަސައްކަތްކުރާ މުދައްރިސުންނަށް ތަފާތު ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. އެގޮތުން ވިސްނުން ތަރައްޤީވާނެހެން ތަފާތު މެތަޑުތައް ބޭނުންކޮށްގެން ކިޔަވައިދޭއިރު މުދައްރިސުންނަށް އެންމެބޮޑު އެއް ގޮންޖެހުންކަމަށް ފާހަގަކުރައްވާ އެއް ގޮންޖެހުމަކީ، ކިޔަވައިދިނުމަށް ގިނަ ވަގުތުތަކެއް ހޭދަވުމެވެ. ރޯއީ ކިލަން (1998) އަދި ސައިންޑަރ (2009) ހާމަކުރައްވާގޮތުގައި، ސުޓޫޑެންޓް ސެންޓާރޑް ލާނިންގ މެތަޑުތައް ބޭނުންކުރުމަކީ އާންމުކޮށް ކިޔަވައިދޭ އުޞޫލަށްވުރެ ވަގުތު ބޭނުންވާ މެތަޑެކެވެ. އެހެންނަމަވެސް އެއީ
ކުދިން އެންމެ އެދެވޭ ސްޕީޑްގައި މަސައްކަތް ނުކުރުމުން ދިމާވާ މައްސަލައެއްކަމަށް ސްމިތު އަދި މެކް ގްރެގޯ (1992) ބަޔާންކުރައްވައެވެ. އެހެންކަމުން ދަރިވަރުންނަށް މަސައްކަތް ހަވާލުކުރާއިރު، ޓައިމް މެނޭޖްމެންޓް ޕްލޭނެއް ހަދައި ރަނގަޅަށް މޮނިޓަރކޮށް ބެލޭނެ އިންތިޒާމެއް ހަމަޖެއްސުމުން މިފަދަ މައްސަލަތަކުން ސަލާމަތްވެ، އެފެކްޓިވް ކުލާހެއް ގެންދެވޭނެކަމަށް ކަތީ މިޑިލް ކޭމްޕް (1997) ބަޔާންކުރައްވައެވެ.
            ކިޔަވައިދިނުމުގައި ދަރިވަރުންގެ ވިސްނުމުގެ ހުނަރު ތަރައްޤީ ކުރުމަށް ތަފާތު އާ ގޮތްތައް، ކިޔަވައިދިނުމުގައި ބޭނުންކުރުމަކީ މުދައްރިސުންނަށް ކުރިމަތިވާ ގޮންޖެހުމެކެވެ. އެއީ އާ ކަންތައްތައް ތަޖުރިބާކުރުމުގެ ތެރެއިން އެ ކަންކަން ރަނގަޅަށް ނުކުރެވުމުގެ ސަބަބުން ކުދިންގެ ނަތީޖާ ދަށްވެދާނެކަމަށް އެބޭފުޅުންނަށް ޤަބޫލުކުރެވޭތީއެވެ. މިކަމަށް ބާރުލިބެނީ ޖޯންސަން، ރޮޖަރ، ޖޯންސަން (2009) ގެ ހޯއްދެވުމުންނެވެ. އެބޭފުޅުން ބަޔާންކުރައްވާގޮތުގައި، މުދައްރިސުން އާ ގޮތްތަކަށް ކިޔަވައިދިނުމަށް ފަސްޖެހެނީ، އާގޮތްތައް ތަޖުރިބާ ކުރުމުގެ ތެރެއިން ޓީޗަރުގެ އައުޓްކަމް ދަށްވެދާނެކަމަށް ހީކުރެވުމާއި، ފަހުގެ ގޮތްތަކަށް ކިޔަވައިދޭން ނޭނގޭތީއެވެ. އެހެންކަމުން މިއީ ޓީޗަރުންގެ ސެލްފް ކޮންފިޑެންސް ދައްވަމުން ދިމާވާ މައްލަސައެއްކަން ހާމަވެއެވެ. ޓެރީ އެއިކް (2013) ބަޔާންކުރައްވާ ގޮތުގައި، ޓީޗަރުގެ ސެލްފް ކޮންފިޑެންސް މައްސަލަތަކުން އަރައިގަތުމަށްޓަކައި، އެހެންޓީޗަރުން ކަންކުރާގޮތާއި އެހެންޓީޗަރުން އާ ގޮތްތައް ބޭނުންކުރުމުން ކަންކަން ވެގެންދާ ގޮތުގެ މަޢުލޫމާތު ހޯދައިގެން އެ ކަންކަން ޕްރެކްޓިސްކުރެވިދާނެއެވެ. މީގެއިތުރުން ޖަރާޑޯ ވެލައްޒާ (2011) ބަޔާންކުރައްވާ ގޮތުގައި، ސެލްފްކޮންފިޑެންސްގެ ސަބަބުން އާގޮތްތައް ބޭނުންކުރަން ފަސްޖެހޭނަމަ އެކަން ހަމަމަގަށް އެޅުވުމަށް ގިނަގިނައިން ޓީޗިންގ ސެމިނާތަކަށް ހާޟިރުވުމާއި، ޕްރޮފެޝަނަލް ޑިވެލޮޕްމެންޓް ސެސަންތަކުގައި ބައިވެރިވުމާއި ރިފްލެކްޝަންގެ އެހީގައި އާގޮތްތައް ތަޖުރިބާކުރުމުން ޓީޗަރުގެ ކޮންފިޑެންސް އިތުރުވެގެންދާނެއެވެ. އެހެންކަމުން އާގޮތްތައް ބޭނުންކުރަން ފަސްޖެހޭ ޓީޗަރުން އެކަން އެގޮތައް ކުރުމުގެ ބަދަލުގައި އާގޮތްތައް ބޭނުންކުރެވެން ހުރި ގޮތްތައް ދެނެގަނެ، އެމަގުން ޕްރެކްޓިސްކުރުމަކީ ޓީޗަރުގެ ސެލްފް ކޮންފިޑެންސް އިތުރުވެ، ކިޔަވައި ދިނުމުގައި އާގޮތްތައް ތަޖުރިބާ ކުރެވޭނެ، އަދި ލާނިންގ އައުޓްކަމްސް ރަނގަޅުކުރުމަށް ނުހަނު ބޭނުންތެރިކަމެކެވެ.
            ދަރިވަރުންގެ ވިސްނުމުގެ ހުނަރު ކުރިއެރުވުމަށް ކިޔަވައިދިނުމަށް ފަސްޖެހޭ އަނެއް ސަބަބަކީ އެފަދަ ގޮތްތަކަށް ކިޔަވައިދޭން ބަލާއިރު، ޓެކްނޮލޮޖީ ނުވަތަ އައި ސީ ޓީގެ ވަޞީލަތްތައް ސުކޫލުތަކުގައި ޤާއިމްވެފައި ނެތުމެވެ. ރޯއީ ކިލެން (1998) ހާމަކުރައްވާގޮތުގައި، ކިޔަވައިދިނުމުގައި އައި ސީ ޓީ ބޭނުންކުރުމަކީ އެފެކްޓިވް ޓީޗިންގ އަކަށް ބޭނުންތެރި، ކުދިންގެ ޝައުޤުވެރިކަން އުފައްދާ ވަޞީލަތެކެވެ. އެހެންކަމުން ކިޔަވައިދިނުމުގައި އައި ސީ ޓީ ބޭނުން ކުރަނީ ކުދިންގެ ޝައުޤު އުފެއްދުމަށްކަން ރޯއީ ކިލެން (1998)ގެ މި ބުނުމުން ހާމަވެއެވެ. ވުމާއެކު، މިފަދަ ވަޞީލަތްތައް ނެތެއްކަމަކު މުދައްރިސުން ވާންޖެހޭނީ އެއިރަކު ލިބެންހުރި ރިސޯސް، އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށްގެން ކުދިންގެ ޝައުގުވެރިކަން އުފައްދާ، ކުދިންގެ ވިސްނުން އެއް ހަރުފަތުން އަނެއް ހަރުފަތައް ގެންދެވިދާނެ ގޮތްތައް ބޭނުންކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދާށެވެ. އެހެނީ އައި ސީ ޓީގެ ވަޞީލަތް ނޫންނަމަވެސް ކިޔަވައިދިނުމުގައި ކުދިންގެ ވިސްނުން ކުރިއެރުވޭ އަދި ޝައުޤުވެރި ކުރެވޭ، ކާމިޔާބު ކަމާއެކު ތަޖުރިބާކޮށްފައިވާ ކިޔަވައިދިނުމުގެ އެހެނިހެން އުކުޅުތައްވެސް އެބަހުއްޓެވެ. އެހެންކަމުން އެހެންމީހުންގެ ތަޖުރިބާތަކުގެ އަލީގައި އައި ސީ ޓީ ނެތެއްކަމަކު އޯލްޓަނޭޓިވް އެހެންގޮތަތް ބޭނުންކޮށްގެން ކުދިންގެ ވިސްނުމުގެ ހުނަރުތައް ތަރައްޤީ ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ.
            ކުދިންގެ ވިސްނުމުގެ ހުނަރު ތަރައްޤީވާނެހެން ކިޔަވައިދިނުމުގައި މުދައްރިސަށް ކުރިމަތިވަމުންދާ އަނެއް ގޮންޖެހުމަކީ ތަފާތު ފެންވަރުގެ ކުދިންނަށް އެކުއެކީ ކިޔަވައިދޭން ޖެހުމެވެ. އާންމުކޮށް ރާއްޖޭގެ ކުލާސްތައް ބަހާފައިވާގޮތުން ކޮންމެ ކުލާހެއްގައިވެސް ތަފާތު ފެންވަރުގެ ކުދިން ތިބެއެވެ. މިހެންވުމުގެ ސަބަބުން މުދައްރިސް ބޭނުންވާ ސްޕީޑްގައި ފިލާވަޅު ނުގެންދެވޭފަހަރު އާދެއެވެ. އަދި އެކިކުދިންނަށް އެކިވަރަށް އިންޕުޓް ދޭންޖެހުމާއި ޑިފަރެންޝިއޭޓެޑް ގޮތްތައް ބޭނުންކުރަންޖެހުމަކީ މުދައްރިސްގެ ލޯޑް ބޮޑުވުމަށް މެދުވެރިވާ ސަބަބެއްކަމަށް ދެކެއެވެ. ކަންމިހެން އޮތްނަމަވެސް މުދައްރިސްގެ މަޤުޞަދަކަށް ވާންޖެހޭނީ މުޤައްރަރު ކިޔަވައި ދިނުމުގެ ބަދަލުގައި ތަފާތު ގޮތްތައް ބޭނުންކޮށްގެން ހުރިހާ ދަރިވަރުންނަށްވެސް ކިޔައިދޭ އެއްޗެއް އެނގޭ، މަޤުޞަދު ހާޞިލްވާނެ ފިލާވަޅުތަކެއް ނަގައިދިނުމަށްކަމަށް އައިޝަތު ޒައީމާ (2011) ބަޔާންކުރަށްވައެވެ. އެހެންކަމުން މިފަދަ މައްސަލަ ހައްލުކުރުމަށް ގުރޫޕްތަކުގައި ތަފާތު ފެންވަރުގެ ކުދީން ބައިވެރިކޮށްގެން ކިޔަވައިދިނުން ކުރިއަށް ގެންދެވިދާނެކަމަށް އައިޝަތު ޒައީމާ (2011) އިތުރަށް ހާމަކުރަށްވައެވެ. މީގެއިތުރުން ޖޯންސަން، ޖޯންސަން އެންޑް ހޮލިއުބެކް (1998) ބަޔާންކުރައްވާގޮތުގައި، ސޯޝިއަލް ލާނިންގ މެތަޑުތައް ނުވަތަ ކޯޕަރޭޓިވް ލާނިން މެތަޑުތަކަކީ ތަފާތު ފެންވަރުގެ ކުދީން ގުރޫޕްތަކުގައި ބައިވެރިކޮށްގެން، ގުރޫޕްގެ އެހެންކުދިންގެ އެހީތެރިކަންވެސް ލިބިގެން ދަށް ކުއްޖާވެސް ޝާމިލްވާނޭގޮތަށް ކިޔަވައިދެވޭ ކާމިޔާބު މޮޑެލެކެވެ. އެހެންކަމުން މިފަދަ އުކުޅުތައް ހިތްވަރާއެކު ތަޖުރިބާކުރުމަކީ ސުކޫލުތަކުން ދިމާވާ މިފަދަ ގޮންޖެހުންތަކުން ސަލާމަތްވެވިދާނެ ގޮތެކެވެ. 
               ކުދިންގެ ވިސްނުން ތަރައްޤީވާނެހެން ކިޔަވައިދިނުމަށް މުދައްރިސުންނަށް ދިމާވާ ގޮންޖެހުންތަކަށް ތަފާތު އެކި ތިއަރީތަކުންނާއި މެތަޑުތަކުން އަދި ތަޖުރިބާތަކުން ރިފްލެކްޓްކުރާ މުދައްރިސެއްގެ ކިބައިން އުނގެނޭ ދަރިވަރުންވާނީ ވިސްނުމުގެ ހުނަރުތަރައްޤީވެފައިވާ، ކާމިޔާބު ދަރިވަރުންނަށްކަމީ ޝައްކެއް އޮތްކަމެއްނޫނެވެ. އެހެންކަމުން ކިޔަވައިދިނުމުގައި ބޭނުންކުރާ ތަފާތު ހޯދުންތަކާއި، ޓެކްނިކްސްތަކާއި، ސްޓްރެޓެޖީސްތައް، އަދި އެހެނިހެން މުދައްރިސުން ތަފާތު ހާލަތްތަކުގައި ކަންކުރަމުންދާގޮތް ބަލައި، އެކަންކަމަށް އަހުލުވެރި ވުމަކީ ކޮންމެ މުދައްރިސަކުވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެކެވެ. ކާމިޔާބު މުދައްރިސަކަށް ވެވޭނީ އޭރުންނެވެ.

No comments:

Post a Comment